Roadha Mihaaru
ޗެލްސީއާ ދެކޮޅަށް ކުޅޭއިރު ޔުނައިޓެޑުގައި ފޯވާޑެއް ނެތް

ޗެލްސީއާ ދެކޮޅަށް ކުޅޭއިރު ޔުނައިޓެޑުގައި ފޯވާޑެއް ނެތް

13 މާޗް 2017

ލަންޑަން (މާޗް 13) - އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ޔުނައިޓެޑުގެ ފަސްޓް ޓީމަށް ކުޅޭ ފޯވާޑެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 13) - އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ޔުނައިޓެޑުގެ ފަސްޓް ޓީމަށް ކުޅޭ ފޯވާޑެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޒަލަޓަން އިބްރަހިމޮވިޗް ސަސްޕެންޝަނެއްގައި ހުރިއިރު، އެންތަނީ މާޝިއަލް އާއި ވޭން ރޫނީ އަދި މާކަސް ރަޝްފޯޑް ތިބީ އަނިޔާގެ ސަބަބުން މެޗު ކުޅެވޭ ހާލަތުގައެއް ނޫނެވެ.

މޮރީނިއޯ ބުނީ މިވަރުގެ މުހިއްމު މެޗަކަށް ރިޒާވް ޓީމުން ކުޅުންތެރިޔަކު ގެނައުމަކީ ޔުނައިޓެޑް ކަހަލަ ބޮޑު ޓީމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ނިކީ ބަޓްގެ ޓީމުން ކުޅުންތެރިއަކު ގެނައުމަކީ ވާނެ ކަމެއް ނޫން (ޔުނައިޓެޑްގެ 23 އަހަރުން ދަށުގެ ޓީމު). މި ފަދަ މެޗަކަށް ޔޫތު ކުޅުންތެރިއަކު ލައިގެން ކުޅޭ ވަރަށް ވުރެން ޔުނައިޓެޑަކީ ހައިބަތު ބޮޑު ޓީމެއް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މަސައްކަތް ކުރާނީ ޓީމުގައި ތިބި ކުޅުންތެރިންގެ ބޭނުން ހިފައިގެން ފޯވާޑެއް ނެތްތަން ފޫބެއްދުމަށް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯގެ ވިސްނުން ހުރީ މަރުއާން ފެލައިނީ ފޯވާޑެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މިރޭ އެ ޓީމާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރީނިއޯ ސިފަކުރީ ޗެލްސީ އަކީ ވަރަށް މޮޅު ޑިފެންސިވް ޓީމެއްގެ ގޮތުގަ އެވެ.

"ޗެލްސީ މި ސީޒަނުގައި ވަރަށް ކުރިއަށް ޖެހިލައިފި. ޕްރިމިއާ ލީގުގެ އެއް ވަނައިގައި އެ ވަރުގެ ލީޑެއް ނެގުމަކީ ފަސޭހަކަމެއް ނޫން. އަދި މިފަދަ ވާދަވެރި ސީޒަނެއްގައި އެއީ ބޮޑު ކާމިޔާބެއް. އަހަރެންގެ ނަޒަރުގައި ޗެލްސީ އަކީ ވަރަށް މޮޅަށް ކުޅޭ ޑިފެންސިވް ޓީމެއް،" މޮރީނިއޯ ބުންޏެވެ.

މި ދެ ޓީމު ޗެލްސީ ދަނޑުގައި ކުޅުނު ލީގު މެޗުން މިދިޔަ އޮކްޓޫބަރު މަހު ޔުނައިޓެޑް ބަލިވީ 4-0 އިންނެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އެ މެޗުގެ ނަތީޖާ އިން މިރޭގެ މެޗަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

"ކުރީގެ މެޗަކީ މާޒީ. އަހަރެންނަކީ އަބަދުވެސް ކުރިއަށް ވިސްނާ މީހެއް. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޔުނައިޓެޑާއި ސިޓީގައި އޮތީ އެންމެ ވަރުގަދަ ދެ ސްކޮޑު. އެ ދެ ޓީމާ ދެކޮޅަށް ކުޅޭއިރު ވަރަށް ވިސްނަން ޖެހޭނެ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ކުރިން ޗެލްސީ އަކީ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އޭނާ ސަމާލުކަން ދޭނީ ދަނޑުމަތީގައި ނަތީޖާ ނެރުމަށް ކަމަށެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.