Roadha Mihaaru
މީޑިއާގެ ފާޑުކިޔުންތަކުން ޓީމަށް އަސަރުކުރޭ: މޮރީނިއޯ

މީޑިއާގެ ފާޑުކިޔުންތަކުން ޓީމަށް އަސަރުކުރޭ: މޮރީނިއޯ

20 އޮކްޓޯބަރ 2018

ލަންޑަން (އޮކްޓޫބަރު 20) - މި ސީޒަނުގައި މީޑިއާގެ ފަރާތުން މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނާއި އޭނާ އަށް އަމާޒުވަމުން އަންނަ ގޯސް ފާޑުކިޔުންތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޫބަރު 20) - މި ސީޒަނުގައި މީޑިއާގެ ފަރާތުން މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނާއި އޭނާ އަށް އަމާޒުވަމުން އަންނަ ގޯސް ފާޑުކިޔުންތަކުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިއީ ޔުނައިޓެޑްގެ ތާރީހުގެ ތެރޭގައި ލީގުގެ ފުރަތަމަ އަށް މެޗަށް ފަހު އެ ޓީމުގެ ނަތީޖާ ދެ ވަނަ އަށް އެންމެ ދަށް އަހަރެވެ. ޓީމުގެ ހާލަތު ގޯސްވުމުގައި މޮރީނިއޯ ބަދުނާމުވާ ގޮތަށް މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، ޔުނައިޓެޑްގެ ކޯޗުކަމުން އޭނާގެ ވަކިކުރާނެ ކަމަށް ވެސް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

"ކޮންމެ ހަފްތާ ބަންދެއްގައި މެޗު އޮންނައިރު ކުޅުންތެރިންނަށް ރަނގަޅަށް އަރާމްކުރަން ފުރުސަތެއް ނުލިބޭ. ކޮންމެ ދުވަހަކު ނިދާހޭލާފައި ސޯޝަލް މީޑިއާ ބޭނުންކުރާއިރު ފެންނަނީ ފާޑުކިޔުމެއް. ގޯސްކޮށްދާ ކަމެއްގެ ވާހަކަ. އެހެންވެ ކޮންމެ މެޗެއް ފަށަން ކުޅުންތެރިންނަށް އޮންނަނީ އުނދަގޫވެފައި. މިއީ ބޮޑެތި ކަންބޮޑުވުންތައް." ލީގުގައި މިއަދު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ފާޑުކިޔުންތަކުގެ ސަބަބުން ހަމައެކަނި ގެއްލުން ލިބެނީ ކުޅުންތެރިންނަށް ނޫން ކަމަށާއި އޭނާ އަށް ވެސް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.

"ހުރިހާ ޒިންމާއެއް އަހަރެން ނަގައިގެން ކުޅުންތެރިން ސަލާމަތްކުރެވޭތޯ އަހަރެން ބަލަނީ. އެކަމަކު އަހަންނަކީ ވެސް ތި މީހުން ކަހަލަ އިންސާނެއް. އަހަންނަށް ވެސް އެކަމުން އަސަރުކުރޭ،" މޮރީނިއޯ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި 3-2 އިން މޮޅުވި މެޗުގައި ޓީވީ ކެމެރާ ކުރިމަތީގައި ބޭއަދަބީ އިބާރާތްތަކުން މުއާމަލާތު ކުރުމުގެ ސަބަބުން އޭނާ އަށް އަަދަބު ދޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން މޮރީނިއޯ އަށް ވަނީ އެކަމަށް ޖަވާބުދާރީވާން އިތުރު މުހުލަތެއް ދީފަ އެވެ.

މޮރީނިއޯ ބުނީ އޭނާ އަކީ ކުރިން ޗެލްސީގެ ކޯޗެއް ނަމަވެސް މިހާރު 100 ޕަސެންޓް ޔުނައިޓެޑްގެ މީހެއް ކަމަށާއި އެހެންވެ އެދެނީ އަމިއްލަ ކާމިޔާބަށް ކަމަށެވެ. އެހެން ނަމަވެސް މި މެޗުގައި އުފާފާޅުކުރުމުގައި ވަކި ހައްދެއް ގެންގުޅޭނެ ކަމަށް ބުންޏެވެ.

މި ސީޒަނުގައި ޗެލްސީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޑެން ހަޒާޑް ޔުނައިޓެޑަށް ގެންނަން ބޭނުންވި ނަމަވެސް ޗެލްސީން އޭނާ ނުވިއްކާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. އަދި މި ސީޒަނުގައި މިހާތަނަށް ޗެލްސީ ބަލިވެފައިނުވާއިރު، ހަޒާޑް މިހާރު ހުރި ފޯމުގައި މުޅި ސީޒަން ހިފަހައްޓައިފިނަމަ ޗެލްސީން ލީގު ނަގާނެ ކަމަށް މޮރީނިއޯ ގަބޫލުކުރެ އެވެ.

ޗެލްސީ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 16:30 ގަ އެވެ.