Roadha Mihaaru
މޮރީނިއޯ ވިސްނަންވީ އަމިއްލަ ޓީމާ މެދު: ކޮންޓޭ

މޮރީނިއޯ ވިސްނަންވީ އަމިއްލަ ޓީމާ މެދު: ކޮންޓޭ

20 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޯބަރު 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވިސްނަންވީ އަމިއްލަ ޓީމާ މެދު އެކަނި ކަމަށް ބުނެ އޭނާ އަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރައްދު ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޯބަރު 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވިސްނަންވީ އަމިއްލަ ޓީމާ މެދު އެކަނި ކަމަށް ބުނެ އޭނާ އަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރައްދު ދީފި އެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ޗެލްސީގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވެފައިވާތީ ކޮންޓޭ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެކަމާ ގުޅޭގޮތުން މޮރީނިއޯ ބުނީ ބައެއް ކޯޗުން އަނިޔާގެ ޝަކުވާކޮށް ކަރުނައަޅަމުންދާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ރޯމާއާ 3-3 އިން ޗެލްސީ އެއްވަރުވި މެޗަށް ފަހު ނޫސްވެރިއަކު މޮރީނިއޯގެ ވާހަކަތަކާ ގުޅޭގޮތުން ކޮންޓޭއާ ސުވާލުކުރުމުން އޭނާ ބުނީ މޮރީނިއޯ ޗެލްސީގެ ކަންތައްތަކާ ވިސްނަން ނުޖެހޭނެ ކަމަށެވެ.

"އަހަންނަކަށް ނުވިސްނޭ މޮރީނިއޯ ޗެލްސީގެ ކަންތައްތަކާ މެދު ވިސްނަން ޖެހޭ ސަބަބެއް. މިދިޔަ އަހަރު ވެސް އޭނާ (މޮރީނިއޯ) ޗެލްސީ އަށް ވާނުވާ ބަލާ. އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް. އަހަރެން ބުނާނީ އޭނާ (މޮރީނިއޯ) އަމިއްލަ ޓީމާ މެދު ވިސްނާށޭ،" ރުޅިގަދަވެފައިހުރެ ކޮންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ދަނޑުގައި 4-0 އިން މޮރީނިއޯގެ ޔުނައިޓެޑް ބަލިވި މެޗަށް ފަހު އޭނާ އަންނަނީ ކޮންޓޭ އަށް ބަހުގެ ހަމަލާތައް ފޮނުވަމުންނެވެ. މީގެ ކުރިން މޮރީނިއޯގެ ވާހަކަތަކަށް ކޮންޓޭ ރައްދުދީފައިނުވެ އެވެ.

ބުދަ ދުވަހުގެރޭ ބެންފީކާ އަތުން 1-0 އިން މޮޅުވި މެޗަށް ފަހު މޮރީނިއޯ ވަނީ ލިވަޕޫލަށް ވެސް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މޮރީނިއޯ ބުނީ ބެންފީކާގެ ފަރާތުން ފެނުނީ ލިވަޕޫލުން ދެއްކި ކުޅުމަށް ވުރެ އެޓޭކިން ކުޅުމެއް ކަމަށެވެ.

"އަހަންނަށް އެނގޭ ބެންފީކާ އަށް 90 މިނިޓް ވަންދެން ފަހަތުގައި ނުތިބެވޭނެކަން. ލިވަޕޫލުން މުޅި މެޗުގައި ކުޅުނު ކަހަލަ ތަފާތު ޑިފެންސިވް ގޭމެއް ނުކުޅެވޭނެކަން އެނގޭ ބެންފީކާ އަށް،" މޮރީނިއޯ ބުންޏެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުގެ ފަރާތުން ފެނުނު ޑިފެންސިވް ކުޅުމަށް ކުރީގެ ގިނަ ކުޅުންތެރިންގެ ފަރާތުން ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.