Roadha Mihaaru

މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

މި އަހަރުގެ ފުރަތަމަ ތިން މަހު ހިނގި މަގުމަތީގެ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ވެހިކަލް ދުއްވުމުގައި ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

މަގުމަތީގެ އެކްސިޑެންޓް އިތުރުވާތީ ސަމާލުވާން އެދިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 އެޕްރީލް 2025

މި އަހަރުގެ ފުރަތަމަ ތިން މަހު ހިނގި މަގުމަތީގެ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ވެހިކަލް ދުއްވުމުގައި ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުން މިއަދު ކުރި ޕޯސްޓުގައި ބުނީ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރިކޯޑު އަދަދަކަށް އެކްސިޑެންޓުތައް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ހާދިސާތައް ހިނގީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ފެބްރުއަރީ 1 ގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވެ އެވެ. އެ އެކްސިޑެންޓް ހިނގީ ސިނަމާލޭ ބްރިޖް ހައިވޭގައި، ހުޅުމާލެ އިން މާލެ އަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންނެވެ.

މާލޭގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެކަނި ވެސް 561 އެކްސިޑެންޓު ހިނގި އެވެ. ފެބްރުއަރީ މަހު 216 އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ އެހެން މަސްތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީގައި މުޅި ރާއްޖެ އިން ރިޕޯޓްކުރީ 267 އެކްސިޑެންޓެވެ.

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 49 އެކްސިޑެންޓު ހިނގި އެވެ. އެއީ ޖެނުއަރީ މަހު 19، ފެބްރުއަރީގައި 12 އަދި މިދިޔަ މަހު 18 ހާދިސާ އެވެ.

ހުޅުމާލޭގައި 454 އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރި އެވެ.

ފުލުހުން ބުނީ އެ އަދަދުތަކުން މަގު މަގުމަތީގައި އުޅޭއިރު މިހާރަށް ވުރެ ބޮޑަށް ސަމާލުވުމާއި ޒިންމާދާރުވަން ޖެހޭކަން އެނގިގެންދާ ކަމަށެވެ.

"މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން ޓްރެފިކް ގާނޫނަށް ބޯލަނބައި ސަމާލުވާން ޖެހޭ،" ފުލުހުން ބުންޏެވެ.