Roadha Mihaaru
ސްވައިން ފްލޫ ޖެހިގެން އަންހެނަކު މަރުވެއްޖެ

ސްވައިން ފްލޫ ޖެހިގެން 51 އަހަރުގެ އަންހެނަކު މަރުވެއްޖެ

16 މާޗް 2017

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން އުމުރުން 51 އަހަރުގެ އަންހެނަކު ރޭ މަރުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން އުމުރުން 51 އަހަރުގެ އަންހެނަކު ރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެޗް1އެން1 ވައިރަސް ޖެހިގެން އެ އަންހެން މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނިކޮށް ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އައިޖީއެމްއެޗުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.

ސްވައިން ފްލޫ ޖެހިގެން މަރުވީ ފ. ނިލަންދޫ ބުރުނީގެ ފާތިމަތު އިސްމާއިލެވެ.

އޭނާގެ އާއިލާގެ މެމްބަރަކު މިއަދު ބުނީ ސްވައިން ފްލޫ ޖެހިގެން ފާތިމަތު މަރުވިކަން، އައިޖީއެމްއެޗުން ބެލި ޑޮކްޓަރުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ނިލަންދޫން މާލެ ގެންނަން ޖެހުނީ ކުއްލިއަކަށް ވަރަށް ގަދައަށް ހުން އައިސް ގައިގައި ރިއްސާތީ ކަމަށް އޭނާ ބުންޏެވެ.

"ވެންޓިލޭޓަރެއްގެ އެހީގައި ނޭވާލަމުން ދަނިކޮށް ނިޔާވީ. މިހާރު ހަތަރު ދުވަސްވެއްޖެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަތާ،" މަރުވި މީހާގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

މިއީ ބަލި ޖެހިގެން މި އަހަރުގެ ތެރޭގައި މަރުވި ދެވަނަ މީހާ އެވެ. މީގެ ކުރިން ހުން ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 26 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމަ އަށް 279 މީހަކު ވަނީ ސްވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 (29 ޕަސެންޓް) މީހުން ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފަ އެވެ. ހާލު ބޮޑު ހަތަރު މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ދެ މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ސްކޫލްތަކުން ބާއްވާ އިތުރު ހަރަކާތްތަކާއި ގައުމީ ފުޓްބޯޅަ މުބާރާތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.