Roadha Mihaaru
އެންމެން ގޮވަނީ މެމްބަރު އީސަގެ އިސްތިއުފާ އަށް

ގެވެށި އަނިޔާގެ މައްސަލަ: އެންމެން ގޮވަނީ މެމްބަރު އީސަގެ އިސްތިއުފާ އަށް

20 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލަ އިއްޔެ ފެންމަތިވުމާ ގުޅިގެން އޭނާ މެމްބަރުކަމުން އިސްތިއުފާ ދެއްވަން ގޮވަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލަ އިއްޔެ ފެންމަތިވުމާ ގުޅިގެން އޭނާ މެމްބަރުކަމުން އިސްތިއުފާ ދެއްވަން ގޮވަން ފަށައިފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމްއާ ކައިވެނި ބައްލަވައިގެން އުޅުއްވާ އީސާ، އޭނާގެ އަނބިކަނބަލުންނަށް އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އަސްރާ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އިއްޔެ ހަވީރު ވަޑައިގެން ބަޔާން ވެސް ދެއްވައިފަ އެވެ.

އެ ހާދިސާ ހިނގި ރޭ ފުލުހުން ސީނަށް ވެސް ދިޔަ ކަމަށް އެނގިފައި ވެ އެވެ.

އީސަގެ އަވައްޓެރިއަކު ކިޔައިދިން ގޮތުގައި އިސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފައިވެ އެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށާއި އަނބިކަނބަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތް ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ، އީސަ އަށް އަމާޒުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެފަދަ އިތުބާރު ކުރެވޭ މަގާމެއްގައި ހުންނަވައި، އަނބިކަނބަލުނަށް އަނިޔާކުރުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް ބުނެފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުވައި، ރައްޔިތުން ރައްކާތެރި ކުރަން ތިބި އެންމެ މުހިއްމު މުއައްސަސާގެ މެންބަރެއްގެ ފަރާތުން އެފަދަ އަމަލެއް ފެންމަތިވުމަކީ ލަދުވެތި، ހިތާމަ ހުރި ކަމެއް ކަމަށެވެ. ސިޔާސީ ފިކުރަށް، ކުލައަކަށް ބެލުމެއް ނެތި އެފަދަ ކަންކަމާ ދެކޮޅަށް ދައުލަތުގެ މުއައްސަސާތަކުން ތެދުވުމަށް ޝިދާތާ ގޮވައިލެއްވި އެވެ.

އީސައަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ޝިދާތާ ކުރެއްވި ޓްވީޓް-

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަންހެނަކަށް އަނިޔާދީ، ކުޑަކުއްޖަކު ބެލްކަނިން ބޭރަށް އެއްލާލަން އުޅުނު ކަމަށް ބުނާ ވާހަކައަކީ ވަރަށް ނުރައްކާތެރި ތުހުމަތެއް ކަމަށެވެ. އެކަމުގައި ފިޔަވަޅު އެޅުމަށް އޭނާ ގޮވައިލެއްވި އެވެ.

"މި މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ. މިފަދަ މައްސަލަތައް ބެލުމަކީ މުޅި މުޖުތަމައުގެ ހައްގުގައި ކުރަންޖެހޭނެ ކަމެއް،" ޝަހީމް ވިދާޅުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވަނީ އީސަގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވިގޮތުގައި އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާކުރުމާއި ރޭޕްކުރުން ފަދަ ކަންކަން އެމްޑީޕީ އަށް ނިސްބަތްވާ މީހެއްގެ ފަރާތުން ކުރިމަތިވިޔަސް، މި ސަރުކާރުން ފިޔަވަޅެއް ނާޅާނެ އެވެ. އަންހެނުންގެ ހައްގުގައި ވެސް، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބުނާނެ ބަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ޓްވީޓް--

ކުޑަކުދިންގެ ހައްގުތައް އިމާޔަތް ކުރަން ގޮވާލާ ޖަމިއްޔާތަކާއި އާންމުން ވެސް އަންނަނީ އީސަ ހައްޔަރު ކުރުމަށް ގޮވައިލަމުންނެވެ. އޭނާއާ މެދު ފިޔަވަޅު އެޅުމަށް ވެސް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން އަޑު އުފުލާ ޖަމިއްޔާއެއް ކަމަށްވާ، ވޮއިސް އޮފް ޗިލްޑްރަންގެ ޓްވީޓެއް--

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު، އީސައާ މެދު ފިޔަވަޅު އަޅަން ގޮވާލައި ކުރެއްވި ޓްވީޓެއް

އީސަގެ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް ވެސް ވަނީ އީސަ ހަައްޔަރުކުރުން ލަސްވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އެ އަމަލަކީ މުޅި މަޖިލީހުގެ މެމްބަރުންނަށް ވެސް އޮތް ލަދެއް ކަމަށާއި އެކަމުގައި އިންސާފު ހޯދައިދިނުމަށް ހައިތަމް ގޮވައިލެއްވި އެވެ.

އީސަ، ހައްޔަރުކުރަން ގޮވާލައި، ހައިތަމް ކުރެއްވި ޓްވީޓް

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ނައިބ މުގައްރިރު ހުސެއިން ފިރުޝާން ވިދާޅުވި ގޮތުގައި އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާތީ މުގައްރިރުކަމުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ މަގާމުން ދުރުކޮށް، އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލަމުން އަންނައިރު އެ މައްސަލައިގައި އޭނާގެ ބަޔާން ނެގިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންއެއްގައި ފުލުހުން ބުނީ، އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށެވެ.