Roadha Mihaaru

ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށާ ވީޑިއޯއަކަށް ސަމާލުކަން

އެމެރިކާގެ އެކްޓަރު ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށާ ކަމަށް ދައްކާ އެޑިޓެޑް ވީޑިއޯއަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟

އެމެރިކާގެ އެކްޓަރު ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށާ ކަމަށް ދައްކާ އެޑިޓެޑް ވީޑިއޯއަކަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ މަޝްހޫރު ސީރީޒް "ޔޫ"ގެ ލީޑު އެކްޓަރު ޕެން ނަށާ މަންޒަރު ފެންނަ މި ވީޑިއޯއަކީ އެމެރިކާގެ ޓޯކް ޝޯ "ދަ ޖެނިފާ ހަޑްސަން ޝޯ"ގެ މެހުމާނެއްގެ ގޮތުގައި އޭނާ ދިޔައިރު، އެ އިންޓަވިއުގައި އޭނާގެ އިށީނުމުގެ ކުރިން ނަގާފައިވާ އެންޓްރީ ވީޑިއޯއެކެވެ. އެއީ އެ ޝޯއަށް ގެންދާ ހުރިހާ މެހުމާނުން ވެސް ކުރާ ކަމެކެވެ.

ނަމަވެސް، އިންސްޓަގްރާމްގައި ހިންގާ "ކުއަލިޓީޕޯސްޓް" ކިޔާ ޕޭޖަކުން އެ ވީޑިއޯ އެޑިޓްކޮށް، މަޝްހޫރު ހިންދީ ލަވަ "ކަހޯނާ ޕިޔާރު ހޭ" ލައިގެން ޕޯސްޓުކުރުމުން ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އެ ވީޑިއޯގައި އޭނާ ނަށާ ގޮތް "ކަހޯނާ ޕިޔާރު ހޭ" ސްޓެޕްތަކާ ވައްތަރުވުމުން ހީވަނީ ހަމަ އަސްލު ވެސް އޭނާ ނަށަނީ އެ ލަވައަށް ކަމަށެވެ.

މި ވީޑިއޯއަށް ލިބުނު ސަމާލުކަން ބޮޑުވެ، އައިއެމްބީޑީ އާއި ނެޓްފްލިކްސް ކަހަލަ ތަންތަނުން ވެސް ވަނީ އެ ޕޯސްޓަށް ކޮމެންޓު ކޮށްފަ އެވެ. އަދި ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުގައި ވެސް މި ވީޑިއޯގެ ވާހަކަ ލިޔެފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕޯސްޓުކުރި އެ ވީޑިއޯއަށް މިހާތަނަށް ވަނީ 8 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ ތުރިލާ ސީރީޒް "ޔޫ"ގެ އެންމެ ފަހު ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސްޓްރީމް ކުރަން ފަށައިފަ އެވެ. ފަސް ސީޒަން ގެނެސްދިނުމަށް ފަހު ނިންމާލާ މި ސީރީޒަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި ސީރީޒެކެވެ.