ފ. މަގޫދޫގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެކަމަކު މި ދައުރުގައި އެ އެއާޕޯޓު ނިންމައި ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
12 މެއި 2025
ފ. މަގޫދޫގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެކަމަކު މި ދައުރުގައި އެ އެއާޕޯޓު ނިންމައި ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަގޫދު އެއާޕޯޓާ ގުޅިގެން މިނިސްޓަރާ ސުވާލު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ. ޝަމްހީދު ވަނީ އެ ރަށު އެއާޕޯޓުގެ މަސައްކަތް ހުއްޓުނީތޯ އާއި އެކަމުގެ ސަބަބުން ދައުލަތަށް ކުރާނެ ގެއްލުމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ލަސްތަކެއް އައި ނަމަވެސް މި ދައުރުގައި އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ އެންމެ ކުރިއްސުރެ ނިލަންދޫގައި ހަދަން ކަނޑައަޅާފައި އޮތް އެއާޕޯޓު މަގޫދޫގައި ހަަދަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށެވެ.
"[ގަބޫލުކުރަން] އަބަދުވެސް ނިލަންދޫގައި އަޅަން ކަނޑައަޅާފައި އޮތް ޕްރޮޖެކްޓެއް މަގޫދު އަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެއާއެކީ ޑިވޮލޮޕްމެންޓަލް ޕްލޭނާ އެކު ސަރުކާރުން ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހެނީ ވެސް. އެހެން ނަމަވެސް ނިލަންދޫގައި ފަށާފައި އޮތް މަޝްރޫއު އަޅުގަނޑުމެން ގޮސް ނިންމާނަން،" މުއްތަލިބް ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓުގައި މިވަގުތު ކުރިއަށް ގެންދަނީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކަމަށާއި ލަސްތަކެއް ހުރި ނަމަވެސް އަވަސްކުރަން ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އެ މަސައްކަތް މެދުކަނޑާލީ ކީއްވެ ކަމެއް ސަރުކާރުން އޭރު ނުބުނެ އެވެ. އެ މައްސަލާގައި އެ ރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.
ފެބްރުއަރީ 15، 2023: ފ. އަތޮޅުގައި ހަދާ ފުރަތަމަ އެއާޕޯޓްގެ މަސައްކަތް ގޮސްފައިވާ ހިސާބު؛ މަސައްކަތް ހުއްޓާލިއިރު 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފައި -- ފޮޓޯތައް: ވިޝާހް ޒަރީރު
އެ ރަށު އެއާޕޯޓުގެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާއިރު، ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ ތެރޭގައި ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފަ އެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތް ހުއްޓާލުމާ އެކު، އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން ވައުދުވެ، އެ މަސައްކަތް އެމްޓީސީސީއާ ވެސް ހަވާލުކުރި އެވެ.
މަގޫދޫ ރައްޔިތުން އޭރު ތުހުމަތު ކުރި ގޮތުގައި މަގޫދޫ އެއާޕޯޓު ހުއްޓާލައި، އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތް އަވަސްކުރުމަކީ، ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިނެއް ދިން ހަދިޔާއެކެވެ.
މަގޫދުގައި ހަދަން ފަށާފައި އޮތް އެއާޕޯޓަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރިއިރު، އެއާޕޯޓް ހަދަން ހަވާލުކުރީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ.
ދެ ރަށުގައި ވެސް އެއާޕޯޓު އަޅާއިރު، ލޯންޗެއްގައި މަގޫދޫން ނިލަންދު އަށް ފަސް މިނިޓުން ދެވޭނެ އެވެ. ލަކުޑި ފެރީއެއްގައި ވެސް 20-25 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
އެއާޕޯޓްގެ ސަރަހައްދު މަގޫދޫގެ އިހުތިސާސުން ވަކިކޮށްފި
މަގޫދޫ އެއާޕޯޓު މައްސަލާގައި ކުއްލި މައްސަލައެއް!
ނިލަންދޫގައި އެއާޕޯޓު އަޅާނެ ބިން ހިއްކަން ހަވާލުކޮށްފި
މަގޫދޫ އެއާޕޯޓް ހިންގަން ރީޖަނަލް އެއާޕޯޓަށް ދީފި
ކައްދޫ/އައްޑޫ އޮފީހުން ޓިކެޓް ވިއްކުން ހުއްޓާލައިފި
މުއްތަލިބު ހިއްސާކުރެއްވީ އޭނާގެ ދަތުރުގެ އުނދަގޫތައް
ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި
ފަޔާ ވެހިކަލް ހަލާކުވުމުން ފުނަދޫ އެއާޕޯޓު ބަންދު
ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ހުރަހެއް: ނަޝީދު