Roadha Mihaaru
މަގޫދޫ އެއާޕޯޓު މައްސަލާގައި ކުއްލި މައްސަލައެއް!

މަގޫދޫ އެއާޕޯޓު ހުއްޓާލިކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް!

01 އެޕްރީލް 2024

ބޮޑުބައެއް ނިމިފައިވާ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލި ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބޮޑުބައެއް ނިމިފައިވާ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލި ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައިވަނިކޮށް އެ މަޝްރޫއު ހުއްޓާލުމަކީ، އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ރައީސް ވެފައިވާ ވައުދާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

ކުއްލި މައްސަލާގައި ވެސް ވަނީ މިއީ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި މިއީ، ރައީސްގެ އާއިލީ އަދި ސިޔާސީ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.

"ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަކަކީ އަމިއްލަ މަންފާ އަށް، އާއިލީ މަންފާއަށް ނުވަތަ ސިޔާސީ މަންފާއަށް ބޭނުން ކުރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބާރުތަކެއް ނޫނެވެ." ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މިއީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއި ގޮތުން ދިވެހި ދައުލަތާއި ދިވެހިރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، މިކަން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފަ އެވެ. މައްސަލައަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓު އެޅުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ބޮޑުބައި ނިމިފައި އޮތް އެއާޕޯޓެއްގެ މަސައްކަތް ހުއްޓާލުން ގަބޫލުނުކުރެވޭ ކަމަށާއި އެއީ އިސްރާފެއް ކަމަށެވެ.

އޭނާ ވަނީ މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މަގޫދޫގެ ރައްޔިތުން ވަނީ އެއާޕޯޓާ އަލުން ފަށައި ނުވަތަ ޖަވާބެއް ލިބެންދެން ކޮންމެ ރެއަކު މުޒާހަރާކުރަން ނިންމައި އެކަން ކުރަމުންނެވެ.

މަގޫދޫގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން --

މަގޫދޫގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން --

ނަމަވެސް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އެއާޕޯޓު ޕްރޮޖެކްޓް ހުއްޓާލަން އެމްޓީސީސީ އަށް އަންގާފައިނުވާ ކަމަށެވެ.

"އެމްޓީސީސީގެ އަމިއްލަ ކަމަކާ ގުޅިގެން މަޑުޖައްސާލީ ކަމަށް ވެދާނެ. ސީދާ ސަރުކާރުގެ އެއްވެސް އިންސްޓްރަކްޝަނެއް ނެތް މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫގައި ހަދާ އެއާޕޯޓަށް ބިން ހިއްކަން މިދިޔަ ބުދަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އޭގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖަހާނެ އެވެ.

ލޯންޗެއްގައި މަގޫދޫން ނިލަންދު އަށް ފަސް މިނިޓުން ދެވޭނެ އެވެ. ލަކުޑި ފެރީއެއްގައި ވެސް 20-25 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.