Roadha Mihaaru
ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭގެ ހިއްސާ ގަންނަނީ

ޗައިނާގެ ކުންފުންޏަކުން ޓީއެމްއޭގެ ހިއްސާ ގަންނަން ޝައުގުވެރިކަންފާޅުކޮށްފި

18 މާޗް 2017

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ)ގެ ހިއްސާ ގަންނަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ)ގެ ހިއްސާ ގަންނަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ޓީއެމްއޭއަކީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގެ ހިއްސާވާ ކުންފުންޏެވެ.

ޗައިނާ ޑެއިލީގައި ބުނެފައި ވަނީ ޓީއެމްއޭގެ ހިއްސާ ގަންނަން ޝައުގުވެރިކަންފާޅުކޮށްފައި ވަނީ ޖަނެރޭޓާއި އިންޖީނު އުފައްދާ އެ ގައުމުގެ ޒޮންޝެން ގްރޫޕުން ކަމަށެވެ. އެ ގްރޫޕުން މަސައްކަތްކުރަނީ އެއާ ކްރާފްޓް އޮޕަރޭޓްކުރާ އެންމެ ބޮޑު ކުންފުންޏަށް ވުމަށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ޗައިނާގެ ހުޅަނގު ދެކުނު ސިޓީއެއް ކަމަށްވާ ޗޮންކިން އަށް ނިސްބަތްވާ އެ ކުންފުނީގެ ޗެއާމަން ޒޯ ޒޮންޝެންއާ ހަވާލާދީ ޗައިނާގެ ނޫހުގައި ބުނެފައި ވަނީ ޓީއެމްއޭގެ ހިއްސާ ގަންނަން އެ ކުންފުނިން އެތައް ބިލިއަން ޗައިނީސް ޔުއާން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ސީޓްލް އޭރިއާގައި ހިންގާ ކެންމޯ އެއާގެ ހިއްސާ ވެސް ގަންނަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޒޮންޝެން ގްރޫޕުން ގަންނަނީ ޓީއެމްއޭގެ ކިތައް ޕަސެންޓް ހިއްސާ ކަމެއް އަދި އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނިން ރާއްޖޭގައި ދުއްވާ 44 ބޯޓުން އަހަރަކު 100،000އަށް ވުރެ ގިނަ ދަތުރު އެކި ރިސޯޓްތަކަށްކުރެ އެވެ.