Roadha Mihaaru
ޓީއެމްއޭގެ ހިއްސާ ބިލިއަން ޑޮލަރަށް ވިއްކާލަނީ!

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބްލެކް ސްޓޯންއިން އެއް ބިލިއަން ޑޮލަރަށް ވިއްކާލަނީ

02 ސެޕްޓެމްބަރ 2017

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ހިދުމަތްދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ)ގެ ހިއްސާ ގަންނަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އެއް ބިލިއަން ޑޮލަރަށް ވިއްކާލަން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ސީޕްލޭންގެ ހިދުމަތްދެމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްްއޭ)ގެ ހިއްސާ ގަންނަން ޗައިނާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އެއް ބިލިއަން ޑޮލަރަށް ވިއްކާލަން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ޓީއެމްއޭއަކީ އެމެރިކާގެ ބްލެކް ސްޓޯން ގްރޫޕާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ކާސާ ހޮލްޑިންގެ ހިއްސާވާ ކުންފުންޏެވެ.

ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް އެމެރިކާގެ ބްލޫމްބާގްގެ ވެބްސައިޓްގައި ބުނެފައި ވަނީ ޓީއެމްއޭގައި އޮންނަ ބްލެކް ސްޓޯންގެ ހިއްސާ ޝައުގުވެރިވާ ފަރާތްތަކަށް ވިއްކާލަން ނިންމާފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން އެ މުއާމަލާތް ހިންގަން މާލީ ލަފާދޭ ބަޔަކު ހޯދަން އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

"މިހާރު"އާ ވާހަކަދެއްކެވި ޓީއެމްއޭގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓީއެމްއޭގައި އޮންނަ ބްލެކް ސްޓޯންގެ ހިއްސާ ވިއްކާލަން އުޅޭ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ ކަމެެއް މި ވަގުތު ހިނގަމުން ނުދާ ކަމަށެވެ. އަދި އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އެއްވެސް ބަޔަކަށް ވިއްކާލަން ނިންމާފައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން އެނގޭ ކަމަށް ބުނާ މީހަކާ ހަވާލާދީ ބްލޫމްބާގްގައި ބުނެފައި ވަނީ ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލުމުގެ މުއާމަލާތުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއީ ސިއްރު މުއާމަލާތަކަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ބްލޫމްބާގްގައި ބުނެފައި ވަނީ އެ ކުންފުނީގެ ހިއްސާ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އަމިއްލަ ބައެއް ކުންފުނިތަކާއި ބައެއް އަމިއްލަ ފަރުދުން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ފަހުގެ ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށާއި ފަހަރެއްގައި އެ ކުންފުނިން މި ވަގުތު ވިޔަފާރި ކުރިޔަށް ގެންދަން ބޭނުންވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބްލެކް ސްޓޯން ގްރޫޕުން ޓީއެމްއޭގެ ހިއްސާ ގަނެފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޖަނަރޭޓަރާއި އިންޖީނު އުފައްދާ ޗައިނާގެ ޒޮންޝެން ގްރޫޕުން ޓީއެމްއޭގެ ހިއްސާ ގަންނަން މި އަހަރުގެ ކުރީކޮޅު ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެ ގްރޫޕުން މަސައްކަތްކުރަނީ އެއާ ކްރާފްޓް އޮޕަރޭޓްކުރާ އެންމެ ބޮޑު ކުންފުންޏަށް ވުމަށް ކަމަށް ވެސް ޗައިނާ ޑެއިލީގައި ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނިން ރާއްޖޭގައި ދުއްވާ 46 ބޯޓުން އަހަރަކު 100،000އަށް ވުރެ ގިނަ ދަތުރު އެކި ރިސޯޓްތަކަށްކުރެ އެވެ.