Roadha Mihaaru
ސައޫދީ ރަސްގެފާނު ދަތުރުފުޅު ކުރުކޮށްލައްވައި ގައުމަށް

ސަލްމާން ރަސްގެފާނު ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ގައުމަށް

18 މާޗް 2017

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އޭޝިއާއަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިއަދު ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސައޫދީގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އޭޝިއާއަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިއަދު ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސައޫދީގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި އެވެ.

ރަސްގެފާނުގެ ދަތުރުފުޅުގައި މެލޭޝިއާ، އިންޑޮނީޝިއާ، ޖަޕާން އަދި ޗައިނާއަށް ވަނީ ވަޑައިގެންފަ އެވެ. އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ. ދިވެހި ސަރުކާރުން އިއްޔެ ބުނީ ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުން ދާތީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ކަމަށެވެ.

ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.

ސައޫދީ ޕްރެސް އެޖެންސީން ބުނީ މިއަދު ރަސްގެފާނު ގައުމަށް ވަޑައިގަތުމަށް ޗައިނާއިން ފުރާވަޑައިގެންފައިވާ ކަމަށެވެ.

ވިޔަފާރި އާއި އިގްތިސާދާއި އަސްކަރީ ގުޅުންތައް ބަދަހިކުރެއްވުމުގެ ދަތުރުފުޅެއްގެ ގޮތުގައި ބެލެވެނު ދަތުރުފުޅުގައި ސައޫދީ އާއި ޗައިނާއާ ދެމެދު 65 ބިލިއަން ޑޮލަރުގެ އެއްބަސްވުންތައް ގާއިމުކޮށްފައިވެ އެވެ. މެލޭޝިއާއާ އެކު ދެ ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި އެވެ. އަދި މެލޭޝިއާގައި ހިންގުމަށް ހަަމަޖެހިފައިވާ ތެލުގެ ވިޔަފާރީގެ ޕްރޮޖެކްޓެއްގެ 50 ޕަސެންޓް ހިއްސާ ސައޫދީގެ ތެޔޮ ކުންފުނި އަރަމްކޯއިން ހަތް ބިލިއަން ޑޮލަރަށް ގަތުމަށް ވަނީ އެއްބަސްވެފަ އެވެ.

ސައޫދީ ޝާހީ އާއިލާއިން ރާއްޖޭގެ ފ. އަތޮޅުން ބައެއް "މިލްކު ކުރައްވައި" ބިޔަ މަޝްރޫއެއް ހިންގަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ.