Roadha Mihaaru

"ޖަސްޓް މެރިޑް" ސްކޭމުން ކައިވެނި ހަފުލާ ކަރުނައަށް

އެންމެ ހާއްސަ ދުވަހަށް އައިޝަތު ނަދާގެ ދެމަފިރިން ވެސް ވަރަށް ތައްޔާރުވި އެވެ. ކައިވެނި ޕާޓީގެ ހުރިހާ ކަމެއް ރާވައި އުއްމީދު ކޮށްގެން ތިބީ އާއިލާ އާއި ހެޔޮއެދޭ އެންމެންނާ އެކު އުފާވެރި ވަގުތުކޮޅަކުން ދިރިއުޅުން ފެށުމަށެވެ. އެކަމަކު އެ ދުވަހު "ޖަސްޓް މެރިޑް" އިން އެންމެން ކުރިމަތީގައި އެ ދެމަފިރިން ރޮއްވާލައި، ލަދުގަންނަވާލީ އެވެ.

"ޖަސްޓް މެރިޑް" ސްކޭމުން ކައިވެނި ހަފުލާ ކަރުނައަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

18 މެއި 2025

އެންމެ ހާއްސަ ދުވަހަށް އައިޝަތު ނަދާގެ ދެމަފިރިން ވެސް ވަރަށް ތައްޔާރުވި އެވެ. ކައިވެނި ޕާޓީގެ ހުރިހާ ކަމެއް ރާވައި އުއްމީދު ކޮށްގެން ތިބީ އާއިލާ އާއި ހެޔޮއެދޭ އެންމެންނާ އެކު އުފާވެރި ވަގުތުކޮޅަކުން ދިރިއުޅުން ފެށުމަށެވެ. އެކަމަކު އެ ދުވަހު "ޖަސްޓް މެރިޑް" އިން އެންމެން ކުރިމަތީގައި އެ ދެމަފިރިން ރޮއްވާލައި، ލަދުގަންނަވާލީ އެވެ.

ކައިވެނި ޕާޓީގެ ކަންކަން ހަވާލުކުރި "ޖަސްޓް މެރިޑް" އިން ދިނީ އެ ދެމަފިރިން ހިތުން ނުފިލާނެ ވަރުގެ ބޮޑު ލަނޑެކެވެ. އެތައް ދުވަހެއް ވަންދެން ޕްލޭން ކުރަމުން އައި "ޑްރީމް ވެޑިން" ބަދަލުކޮށްލީ ބޮޑު ސްކޭމަކަށެވެ.

އެ ހިތާމަވެރި ތަޖުރިބާ ފޭސްބުކްގައި ހިއްސާކުރަމުން ނަދާ ލިޔެފައިވާ ގޮތުގައި ފޭސްބުކުން ފެނުނު "ޖަސްޓު މެރިޑް" ކިޔާ ޕޭޖު ހިންގާ މުހައްމަދު ހުނައިނު އަށް ފައިސާ ދިނީ އެ ދެމަފިރިންގެ އެންމެ އުފާވެރި ދުވަހުގެ ޑެކަރޭޝަނާއި ކެއުމަށާއި ތަނުގެ އަގު ވެސް ހިމަނައިގެންނެވެ.

ހައުސް އޮފް ޖޭޑުގައި ބޭއްވި ކައިވެނީގެ ޑެކަރޭޝަނަށް "ޖަސްޓް މެރިޑް" ޕޭޖަށް ނަދާގެ ދެމަފިރިން ފުރަތަމަ 20،000 ރުފިޔާ ދިނީ މިދިޔަ އެޕްރީލް 1 ގަ އެވެ. އެއީ 200 މީހުންގެ ކެއުން ވެސް ހިމެނޭ ޕެކޭޖަކަށެވެ. އިތުރަށް ދައްކަން ޖެހުނު 14،500ރ. އާއި 50 މީހުން އިތުރު ކުރަން ބޭނުން ވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500ރ. ވެސް ދެއްކި އެވެ.

ނަދާގެ ޕޯސްޓު--

ނަދާގެ ޕޯސްޓު--

ނަދާ ބުނީ އެ ދެމަފިރިން ނެގި ޕެކޭޖަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓުތައް ދެއްކުމަށް ފަހު ބާކީ ނުދީ އޮތީ، 2،000ރ. ކަމަށެވެ. އެއީ، ކައިވެނި ޕާޓީ އޮންނަ ދުވަހު، ހުރިހާ ކަމެއް ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވެފައިވާ އަދަދެއް ކަމަށް އޭނާ ބުންޏެވެ.

"ކައިވެނި ޕާޓީ އޮތީ 5:00 އިން 7:30 އަށް. ކައިވެނި ކުރީ ހަވީރު 4:00 ގައި. ކައިވެނިކޮށް ނިމި، ޕާޓީ ފެށިއިރު ވެސް ކާއެއްޗެއް ނެތް. ޕާޓީއަށް އައި މީހުން އައިސް، ޕާޓީ ނިމެން ގަޑިއިރަކަށް ވީ އިރު ވެސް ބަދިގެއިން ކާ އެއްޗެހި ނުނެރޭ،" ނަދާ ބުންޏެވެ.

"އަހަރެންގެ ފިރިމީހާ އާއި ބޭބެ 5:45 ވަންދެން ތަކުރާރުކޮށް ހުނައިނަށް ގުޅަމުން ދިޔަ. އޭނާގެ ޖަވާބަކީ ބަލަމުންދާ ކަމަށް. ވެގެން އުޅޭ ގޮތް އެނގުނީ އެ މީހުން ގޮސް ހައުސް އޮފް ޖޭޑުގެ ކޭޓަރިން މުވައްޒަފުންނާ ވާހަކަ ދެއްކުމުން."

އެ ޕާޓީ އަށް ކާއެއްޗެހި ހުރީ ތައްޔާރު ކޮށްފަ އެވެ. އެކަމަކު، ޕާޓީ ފެށިއިރު ވެސް ކާއެއްޗެހި ނުނެރުނީ، ހައުސް އޮފް ޖޭޑަށް ހުނައިން ދައްކަން ޖެހޭ 37،000ރ. ނުދީ އޮތުމުން ކަން މުވައްޒަފުންގެ ވާހަކަތަކުން އެނގުނު ކަމަށް ނަދާ ބުންޏެވެ.

ހައުސް އޮފް ޖޭޑުގެ ކޭޓަރިން މުވައްޒަފުން ކައިރީގައި ނަދާ އާއި އެ އާއިލާ މީހުން ވެސް ކާ އެއްޗެހި ނެރެދިނުމަށް އާދޭސް ކުރުމުން ވެސް އެކަން ކޮށް ނުދިނެވެ. އެކަމުގައި ދެރަވެ، ރޮވެން ފެށުމުން އާއިލާ މީހުން ގޮސް ބަދިގެއިން އެއްޗެހި ހިފައިގެން އައިސް މޭޒުތަކުގައި އެތުރީ ކަމަށް އޭނާ ބުނެފައިވެ އެވެ.

ފައިސާ ދެއްކި އިންވޮއިސްތަކާ އެކު، ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ނަދާ ބުނީ ކައިވެނި ކުރާ ގަޑި ޖެހުމާ ހަމައަށް ވެސް އެ ދެމަފިރިން ދުވަން ޖެހުނީ ހުނައިން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށްދީގެން ކަމަށެވެ. އެއްބަސްވި ގޮތަށް ޑެކަރޭޝަން ވެސް ނުނިންމަ އެވެ.

"އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އަހަރުމެން ޖެހުނީ ހުނައިން ފަހަތުން ދުވަން. ކައިވެނި ޕާޓީ އޮންނަ ތަން ތައްޔާރު ކުރަން އެ ދުވަހު މެންދުރު ވެސް ޖެހުނީ ކަންކަން ފުރިހަމަ ނުވެގެން ހުނައިން ފަހަތުން ދުވަން. ވަކި ހިސާބަކުން ނުވާނެކަން ގަބޫލުކޮށް، ކައިވެންޏަށް ތައްޔާރު ވާން ރޮމުން ދިޔައީ،" ނަދާ ބުނެފައިވެ އެވެ.

ހައުސް އޮފް ޖޭޑުގެ ސްޓޭޓްމެންޓް--

ހައުސް އޮފް ޖޭޑުގެ ސްޓޭޓްމެންޓް--

ނަދާ ޖެހި ޕޯސްޓު ވައިރަލް ވުމާއެކު، ހައުސް އޮފް ޖޭޑުން ރޭ ވަނީ ބަޔާނެއް ނެރެ އެ މީހުންގެ ސޯޝަލް މީޑިއާ ސްޓޯރީއަށް ލައިފަ އެވެ. އޭގައި ބުނެފައި ވަނީ ކާއެއްޗެހި ޕާޓީއަށް ނުނެރުމާ ޖަސްޓް މެރިޑުން ކުރިން ނުދައްކާ ހުރި ފައިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ޖަސްޓް މެރިޑްއިން ކާ އެއްޗެހީގެ ކަންކަން ހައުސް އޮފް ޖޭޑާ ހަވާލު ކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އެ މީހުން މަސައްކަތް ކުރީ ބަޔަކާ ހަވާލު ކޮށްގެން ކާ އެއްޗެހި ހެދޭތޯ ކަމަށް ބުނެފައިވެ އެވެ.

ނަދާ ފުރަތަމަ ޖެހި ޕޯސްޓަށް އިތުރު ބައެއް ލައި، އޭގައި ބުނެފައި ވަނީ ހައުސް އޮފް ޖޭޑުގެ ވެރިފަރާތުން ނަދާގެ ދެމަފިރިންނާ ރޭ ބައްދަލުކުރި ކަމަށެވެ. ކާއެއްޗެހި ހިފެހެއްޓުނީތީ އެކަމަށް މާފަށް އެދުނު ކަމަށް ވެސް ނަދާ ބުނެފައިވެ އެވެ.

ނަދާގެ ޕޯސްޓް ޖެހުމުން ބައެއް މީހުން ކުރި ކޮމެންޓްތަކުގައިވާ ގޮތުގައި ޖަސްޓް މެރިޑްއާ އެކު އެ ތަޖުރިބާ ކުރަން ޖެހުނީ ނަދާގެ ދެމަފިރިން އެކަންޏެއް ނޫނެވެ. އެ ޕޭޖުން އެހެން މީހުންނަށް ވެސް ވަނީ ލަނޑު ލިބިފަ އެވެ.

އެކަކު ބުނެފައި ވަނީ މިދިޔަ އަހަރު އޭނަގެ ކައިވެނީގެ ޑެކަރޭޝަނާއި ކެއުމަށް 145،000ރ. ޖަސްޓް މެރިޑް މީހުންނާ ހެދި ހަރަދުވި ކަމަށެވެ. ކުރިން ހުނައިންގެ މައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށާއި އޭނާގެ ކައިވެނީގައި ވެސް ކަންތައްވީ ހަމަ ނަދާމެންނަށް ދިމާވި ގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެހެން މީހަކު ބުނެފައި ވަނީ 2023 ވަނަ އަހަރު އޭނަގެ ދަރިފުޅުގެ ކައިވެނި ޕާޓީގައި ވެސް ޖަސްޓް މެރިޑް މީހުން ކަންތައް ކޮށްފައި ވަނީ ހަމަ އެގޮތަށް ކަމަށެވެ.

ޖަސްޓް މެރިޑް އަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ޕޭޖެއްކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގެ އެވެ.

އެ ޕޭޖަށް މީހުން ދީފައިވާ ރިވިއުތަކުގައި ވެސް ހުރީ ހުސް "ނެގެޓިވް" ކޮމެންޓެވެ.

އެންމެން ވެސް ބުނެފައި ވަނީ އެއް ވާހަކައެކެވެ. ކައިވެނި ޕާޓީގެ އެއްވެސް ކަމެއްގައި "ޖަސްޓް މެރިޑް" ސްކޭމްގައި ނުޖެހުމަށެވެ.