Roadha Mihaaru
ކައިވެނީގެ ރަން ޔޫބީލްގެ ފޮޓޯތައް ކުރިއެކޭ އެއްގޮތަށް

ކައިވެނީގެ ރަން ޔޫބީލްގެ ފޮޓޯތައް ކައިވެނިކުރި ދުވަހެކޭ އެއްގޮތަށް

27 މާޗް 2021

ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަކުރަން އެމެރިކާގެ ދުވަސްވީ ދެމަފިރިއަކު އެ މީހުންގެ ކައިވެނީގެ ހެދުމުގައި އެންމެ ފުރަތަމަ ދުވަހު ނެގި ގޮތަށް ޕޯޒްކޮށް، ފޮޓޯތައް އާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަކުރަން އެމެރިކާގެ ދުވަސްވީ ދެމަފިރިއަކު އެ މީހުންގެ ކައިވެނީގެ ހެދުމުގައި އެންމެ ފުރަތަމަ ދުވަހު ނެގި ގޮތަށް ޕޯޒްކޮށް، ފޮޓޯތައް އާކޮށްފި އެވެ.

އެމެރިކާގެ އައޯވާގެ ދެމަފިރިން ކަމަށްވާ ކެރޮލީން ގޭ، 70، އާއި ކެލީ ގޭ، 76، ގެ ކައިވެނީގެ ފޮޓޯތައް އާކުރީ އެ މީހުންގެ އަލަތު ކައިވެނީގެ ހަފުލާ ވެސް ބޭއްވި ފައްޅީގަ އެވެ. އެތަނުގައި ކައިވެނީގެ ހެދުމުގައި މީގެ 50 އަހަރު ކުރިން ނެގި ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ކެރޮލީން ކައިވެނީގެ ހުދު ހެދުމުގައި މާބޮނޑިއެއް ހިފައިގެން ކެމެރާއާ ދިމާއަށް ހިނިިތުންވެގެން ހުންނަ ތަނެވެ. ފިރިމީހާ ކެލީ ކައިރީގައި އެއް ކަކޫމަތީގައި ކެރޮލީންގެ ކާނަތު ފައިގެ ކަކުލާ ދިމާލުގައި ބޭންޑެއް އަޅުވަ އެވެ.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް

އެހެން ފޮޓޯއެއްގައި ދެ މީހުން ތިބެނީ އަތުގުޅާލައިގެން އެކަކު އަނެކަކުގެ މޫނަށް ބަލާށެވެ. އަދި އެހެން ފޮޓޯއެއްގައި ފެންނަނީ ކެލީ އާއި ކެރޮލީން ފައްޅީގެ ތެރެއަށް ވަދެގެން އަންނަ ތަނާއި އެތަނުގެ ތެރޭގައި ބައްދާލައިގެން ފޮޓޯއަކަށް ހުއްޓިގެން ތިބޭ ތަނެވެ.

ފޮޓޯތައް އާކުރަން ދެމަފިރިން ހަމަ އެގޮތަށް ފޮޓޯ ނެގި ނަމަވެސް ކެލީ އަށް މި ފަހަރު ޖެހުނީ އެކަމަށް އާ ސޫޓެއް ހޯދާށެވެ. ސަބަބަކީ އެހާ ޒަމާންވެފައިވާތީ ކުރީގެ ސޫޓް ގަޔަށް ހެޔޮވަރު ނުވުމެވެ. އެހެންވެ އޭނާ ހޯދީ ހަމަ ކުރީގެ ސޫޓާ ދާދި އެއްކަހަލަ ސޫޓެކެވެ.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް.

އެކަމަކު ނަސީބު ދިމާކުރި ގޮތުން ކެރޮލީންގެ ހަށިގަނޑަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތުމުން ހަމަ ކުރީގެ ކައިވެނީގެ ހެދުން ލެވުނެވެ.

ދެމަފިރިން ކިޔައިދިން ގޮތުގައި ކައިވެނީގެ ރަން ޔޫބީލް އަހަރާ ގުޅުވައިގެން ކައިވެނީގެ ފޮޓޯ އާކުރުމަކީ ވަރަށް ކުރިއްސުރެ ވެސް ކުރަން ހިތުލައިގެން އުޅުނު ކަމެކެވެ. އެހެންވެ އެކަން މި އަހަރު ކާމިޔާބުވުމުން އެކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ. ދެ މީހުންގެ ކައިވެންޏަށް 50 އަހަރު ފުރުން މި މަހު 12 ގައި ފާހަގަކުރަން ބޭއްވި ހަފުލާގައި ބައިވެރިވީ ތިން ކުދިންނާއި އެ މީހުންގެ ހަތަރު ކާފަ/މާމަދަރިންނެވެ.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް.

"އެއީ ވަރަށް އުފާވެރި ދުވަހެއް. ފޮޓޯތައް ނަގަން ފުދޭ ވަރަކަށް ވަގުތު ވެސް ދިޔަ. އަހަރެމެން ބޭނުންވީ ހަމަ ކުރީގެ ޕޯޒްތަކަށް ފޮޓޯ ނަގަން. އެކަން ކާމިޔާބު ވެއްޖެ،" ކުރިން ރިއަލް އެސްޓޭޓް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކެރޮލީން ބުންޏެވެ.

"އަދި މިކަމަށް ހޭދަވި ވަގުތުތައް ވެސް ދިޔައީ ވަރަށް މަޖާކޮށް."

މި ފަހަރު ފޮޓޯތައް ނަގައި ދިނީ ކުރީގެ ފޮޓޯތައް ނަގައިދިން ރޮލަންޑް ސްޓްރެއިންގެ ދަރިފުޅު ސޭމް ހޯއިލީ އެވެ. ރޮލަންޑް މިހާރު މަރުވެފައިވާ އިރު އޭނާގެ ދަރިފުޅަކީ ޓޫ ހޯއިލްސް ފޮޓޯގްރަފީގެ ނަމުގައި ސްޓޫޑިއޯއެއް ހިންގާ މީހެކެވެ.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް.

ކެލީ އާއި ކެރޮލީންގެ އެހާރާއި މިހާރުގެ ކައިވެނިގެ ފޮޓޯއެއް.

ކައިވެނީގެ ފޮޓޯތައް އާކުރުމާ އެކު 50 އަހަރު ކުރީގެ ކައިވެނީގެ ހަފުލާ އަށް ދިޔަ ބައެއް ހަރަދުތަކުގެ ތަފުސީލު ވެސް ދެމަފިރިން ހިއްސާކޮށްފައިވެ އެވެ. އެގޮތުން 193 މީހުންނަށް ދައުވަތު ދިން ހަފުލާގެ ކެއުމަށް ހަރަދުވީ 340 ޑޮލަރެވެ. އެންމެ ބޮޑު ހަދަރެއް ދިޔައީ ހަފުލާގައި ބޭނުންކުރި މަލަށެވެ. އެއީ 131.84 ޑޮލަރެވެ.

ނިއު އޯލިއަންސްގައި ހޭދަކުރި ހަތަރު ދުވަހުގެ ހަނީމޫނަށް ހޭދަވީ 91.20 ޑޮލަރެވެ.