Roadha Mihaaru
ވަރުން ދަވަން ކައިވެނިކޮށްފި

ވަރުން ދަވަން ކައިވެނިކޮށްފި

25 ޖެނުއަރީ 2021

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ތިން އަހަރެއްހާ ދުވަސް ފަހުން އިއްޔެ ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ތިން އަހަރެއްހާ ދުވަސް ފަހުން އިއްޔެ ކައިވެނިކޮށްފި އެވެ.

މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން އާއި އޭނާ ލޯބީގެ ގޮތުން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ނަތާޝާ ދަލާލްގެ ކައިވެނީގެ ހަފުލާ އޮތީ އަލީބާގްގެ ޓޫރިސްޓް ހޮޓަލެއްގަ އެވެ. ވަރުން 2012 ގައި ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އިރު ވެސް އުޅެނީ ނަތާޝާއާ ރައްޓެހިވެގެންނެވެ. އެ ދެ މީހުން ސްކޫލްގައި ވެސް އުޅުނީ ރައްޓެހިންނެވެ. ނަތާޝާ އަކީ ފިލްމީ ދާއިރާއާ ވަރަށް ދުރުގައި އުޅޭ ފެޝަން ދާއިރާ އިން ކިޔަވާފައިވާ މީހެކެވެ.

ވަރަށް ކުލަގަކޮށް ބޭއްވި ކައިވެނީގެ ހަފުލާގައި ވަރުން އާއި ނަތާޝާގެ އާއިލާގެ މީހުންގެ އިތުރުން ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް ބައިވެރިވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކައިވެންޏާ ގުޅުން ހުރި އެކިއެކި ހަފުލާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. ހަފުލާތަކުގައި ބައިވެރިވި މީހުންގެ ތެރޭގައި ޑައިރެކްޓަރުން ކަމަށްވާ ކަރަން ޖޯހަރާއި ކުނާލް ކޯލީ އާއި ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ހިމެނެ އެވެ.

ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް ވަރުން ބުނެފައި ވަނީ ކައިވެންޏަކީ އޭނާ އާއި ނަތާޝާގެ ޒަމާންވީ ގުޅުން ރަސްމީވުން ކަމަށެވެ.

މި އަހަރު ބޮލީވުޑުން ފެނުނު ފުރަތަމަ ބޮޑު ކައިވެންޏަށް ފަހު، ވަރުންގެ ކައިވެނީގެ ރިސެޕްޝަން މި މަހުގެ 26 ގައި މުމްބާއީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެ ހަފުލާގައި މުޅި ބޮލީވުޑް އެއްކޮށްހެން ބައިވެރިވާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވަރުން އާއި ނަތާޝާ ހަނީމޫނަށް ދާނީ ތުރުކީއަށެވެ.

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ ވަރުން، 33، އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ހަގު ދަރިފުޅެވެ. ދެބަފައިން އެންމެ ފަހުން އެކީގައި މަސައްކަތްކުރި ފިލްމަކީ ޑިސެމްބަރުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ކޫލީ ނަމްބަރު 1" އެވެ.

ވަރުން ކައިވެނުކުރި އިރު އޭނާގެ ބޭބެ ރޯހިތު ދަވަން 2012 ގައި ކުރި ކައިވެންޏަށް އަންހެންް ދަރިއަކު ވެސް ލިބިފައިވެ އެވެ. އޭނާ އަކީ "ޑިޝޫމް" އާއި "ދޭސީ ބޯއިޒް" ގެ ޑައިރެކްޓަރެވެ.

މި އަހަރު ދެން ބޮލީވުޑުން ފެންނާނެ ކަމަށް ބެލެވޭ ބޮޑު ކައިވެންޏަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏެވެ.