އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ނެޓްވޯކެއްގެ ބޮޑުންތަކެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
04 ޑިސެމްބަރ 2025
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ނެޓްވޯކެއްގެ ބޮޑުންތަކެއް ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްމީހުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އަލިމަގު" އޮޕަރޭޝަންގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ނެޓްވޯކްގެ އިސްމީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ މިދިޔަ މާޗު މަހުގައި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެ ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރިކުރަމުންދާ ކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުުހުން އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ހިންގަމުން އަންނަ މި ހާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން ޓާގެޓްކުރާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު،" އިހުސާން ވިދާޅުވި އެވެ.
މަަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ "އަލިމަގު" އޮޕަރޭޝަނުގައި މީގެ ކުރިން ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެ މީހަކު އެތެރެވި އިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ޑްރަގް ޓްރެފިކް ކުރި 314 މީހަކު ދޫކޮށްލި: އިހުސާން
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
އައްޑުއަށް ގެންދިޔަ ފަސް ކިލޯގެ ޑްރަގް އަތުލައިގެންފި
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
އޮޕަރޭޝަން އަލިމަގު: "އެންމެންނަކީ ވިޔަފާރީގައި އުޅޭ މީހުން"
"ޑްރަގްގެ ވިޔަފާރިކުރާ ނަމަ އުޅެން އުނދަގޫކުރާނަން"
އެއް ވަގުތަކު 100 ތަނެއްގައި ޑްރަގް އޮޕަރޭޝަނެއް