Roadha Mihaaru
މެޑިކަލް ނުހަދާ ބިދޭސީންނަށް އެތެރެވެވޭތީ އެޗްޕީއޭގެ ކަންބޮޑުވުން

މެޑިކަލް ނުހަދާ ބިދޭސީންނަށް ރާއްޖެ އެތެރެވެވޭތީ އެޗްޕީއޭއިން ކަންބޮޑުވެއްޖެ

19 ޑިސެމްބަރ 2023

މެޑިކަލް ނުހަދާ ބިދޭސީންނަށް ރާއްޖެ އަށް އާދެވޭ ގޮތަށް އޮންނާތީ އެޗްޕީއޭ އިން އިއްޔެ ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެޑިކަލް ނުހަދާ ބިދޭސީންނަށް ރާއްޖެ އަށް އާދެވޭ ގޮތަށް އޮންނާތީ އެޗްޕީއޭ އިން އިއްޔެ ކަންބޮޑުވެއްޖެ އެވެ.

އެ އެޖެންސީގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު އަބްދުލް ހަމީދު "މިހާރު" އަށް ވިދާޅުވީ ހެލްތު މިނިސްޓްރީން އަބަދު ވެސް ލަފާދެނީ ރާއްޖެ އަށް ގިނަ ދުވަހަށް މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ހުއްދަ ދިނުމުގެ ކުރިން މެޑިކަލް ސްކްރީނިން ހެދުމަށް ކަމަށެވެ.

ނަމަވެސް، މީގެ ކުރިން ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުންދިޔަ އުސޫލު މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަދަލުކޮށް، މެޑިކަލް އެއްވެސް ކަމަކަށް ނުބެލުމަކީ ކަންބޮޑުވުމެއް ކަމަށް، އާއްމު ސިއްހަތު ކުރިއަރުވަން އުފައްދާފައިވާ ގައުމީ އިދާރާއިން ބުންޏެވެ.

"ވަރަށް ކަންބޮޑުވާނެ ކަމެއް. އެއީ ރާއްޖޭގައި، އަޅުގަނޑުމެން އެދޭ ގޮތަކީ ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއް ވެސް ހުންނަން ވާނީ ކަނޑައެޅިފައިވާ ވަކި މެޑިކަލް ސްކްރީނިންއެއް ކޮށް ނިމިގެންނޭ،" ހަމީދު ވިދާޅުވި އެވެ.

ބިދޭސީން ވިސާ އަށް ހުށަހަޅާއިރު މެޑިކަލް ހުށަހެޅުން ހުއްޓާލިތާ ދެ އަހަރު ވީއިރު، ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިޔާ ޖެހިފައި ތިބި ބިދޭސީ ބަޔަކު މި ފަހުން ވަނީ ހދ. ކުޅުދުއްފުށިން ވެސް ފެނިފަ އެވެ. އެކަމަކު، އެއީ، ބިދޭސީން މެޑިކަލް ހެދިއިރު ބެލި ކަމަކަށް ނުވިޔަސް، އެއީ ވެސް މަދިރީގެ ޒަރިއްޔާއިން ގައިންގަޔަށް އަރާ ބައްޔަކަށް އެކަމުގެ ނުރައްކާ ބޮޑެވެ.

ރާއްޖެ އަށް ބިދޭސީ މަސައްކަތު މީހުން ގެނައުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެ އަށް މަސައްކަތްކުރަން އެތެރެވާ ބިދޭސީން އަހަރަކު އެއްފަހަރު މެޑިކަލް ހުށަހަޅަން ޖެހެ އެވެ. އެހެން ނޫނީ، ވޯކް ޕާމިޓް އާ ކޮށެއް ނުދެ އެވެ. ރާއްޖެ އެތެރެވުމުގެ ކުރިން އެ މީހެއްގެ ޕޮލިސް ރިޕޯޓު ހުށަހަޅައި އެޕްރޫވަލް ހޯދައި، ރާއްޖެ އެތެރެވާތާ ތިން މަސް ދުވަސް ތެރޭގައި ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ. އެކަމަކު، މެޑިކަލް ރިޕޯޓު ހުށަނޭޅިޔަސް ސަރުކާރުން ގެންދަނީ ވޯކްޕާމިޓް ދޫކުރަމުންނެވެ.

ބިދޭސީންގެ ކަންތައް ބަލަހައްޓާ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މެޑިކަލް ސްކްރީނިންއާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމައި އިއުލާންކުރާނެ ކަމަށެވެ.

ބިދޭސީންގެ މެޑިކަލްގައި މިހާތަނަށް ބެލީ މައިގަނޑު ހަތް ކަމަކަށެވެ. އެއީ؛

ވީޑީއާރުއެލް: ޖިންސީ ގުޅުމުގެ ސަބަބުން އަރާ ސިފިލިސް ނަމަކަށް ކިޔާ ބައްޔަށް ޓެސްޓުކުރަން.

އެޗްބީއެސްއޭބީ: ހެޕަޓައިޓިޓިސް ބީ އަށް ޓެސްޓުކުރަން.

އެޗްއައިވީ.

ޓީސީ.

ޓީބީ ހުރިތޯ ބަލަން މޭގެ އެކްސްރޭ.

ފިޒިކަލް އެގްޒަމިނޭޝަން.

އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު ހަމީދު ވިދާޅުވި ގޮތުގައި ކުރިން އޮތް އުސޫލު ވަރަށް ރަނގަޅެވެ. އަދި، ރާއްޖެއިން ނައްތާލާފައިވާ ބައްޔަކަށް ގިނަ ބިދޭސީންތަކެއް ފޮޒިޓިވްވުމުން، ބިދޭސީންގެ މެޑިކަލް ކަންތައް ހަރުދަނާކުރަން ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަޝްވަރާތައް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މެޑިކަލް ސްކްރީނިންގައި ފައިލޭރިޔާއަކީ މީގެ ކުރިން ބެލި އެއްޗެއް ނޫނެވެ. ހަމީދު ވިދާޅުވީ، ފައިލޭރިޔާ ފަދަ ރާއްޖެއިން ނައްތާލާފައިވާ ބަލިތަކަށް ސްކްރީން ކުރުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން އެމްއާރު ވެކްސިން ޖަހާފައި ހުރިތޯ އަދި ސްކްރީނިންގައި ލެޕްރަސީ ހިމެނުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

ހިތުގެ ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ގައިންގަޔަށް ނާރާ ބަލިތަކަކީ ވެސް ހެލްތު ސްކްރީނިންގައި ބެލުން މުހިއްމު ކަންތައްތަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ.

ބިދޭސީންގެ މެޑިކަލް ހެދުން މަޖުބޫރުކުރިއިރު ވެސް އާއްމުކޮށް އިވޭ އެއް ޝަކުވާއަކީ، ބައެއް ކްލިނިކްތަކުން ފޭކް މެޑިކަލް ރިޕޯޓު ހުށަހެޅުމެވެ. ހަމީދު ވެސް ވިދާޅުވީ ސްކްރީނިން ރިޕޯޓަކާ މެދު ޝައްކުވާ ކަމެއް އަތުވެއްޖެނަމަ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މައްސަލަ ބަލާ ކަމަށެވެ. ފާހަގަކުރެވުނު ބައެއް ތަންތަން ބަންދުކޮށް، މިންގަނޑަށް ފެއްތުމުން ނޫނީ ހުއްދަ ނުދޭ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.