Roadha Mihaaru

ހަނގުރާމަ ވަގުތުން ހުއްޓަންޖެހޭ، ނަތަންޔާހޫ ހިންގަނީ ރައްޔިތުންގެ ސަރުކާރެއް ނޫން: އިދިކޮޅު ލީޑަރު

ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ހިންގަނީ އިޒްރޭލުގެ ގިނަ މީހުން އެދޭ ވެރިކަމެއް ނޫން ކަމަށް އިޒްރޭލުގެ ވާތުފިޔައިގެ އިދިކޮޅު ލީޑަރު ޔައިރު ގޯލާން ބުނެފި އެވެ.

އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު

ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ހިންގަނީ އިޒްރޭލުގެ ގިނަ މީހުން އެދޭ ވެރިކަމެއް ނޫން ކަމަށް އިޒްރޭލުގެ ވާތުފިޔައިގެ އިދިކޮޅު ލީޑަރު ޔައިރު ގޯލާން ބުނެފި އެވެ.

"މިއަދު އިޒްރޭލުގެ ސަރުކާރަކީ އިޒްރޭލު ރައްޔިތުންގެ އަޣުލަބިއްޔަތު ތަމްސީލުކުރާ ސަރުކާރެއް ނޫން،" ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި އަސްކަރިއްޔާގެ ކުރީގެ ޑެޕިއުޓީ ޗީފް ގޯލާން ބުންޏެވެ.

އޭނާ މިހެން ބުނީ އާންމު އިންތިހާބަކަށް މަގު ފަހިވާނެ، ގާނޫނު ހަދާ މަޖިލީހުގެ ވޯޓަކަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތައް "ވީ އެންމެ އަވަހަކަށް ހުއްޓާލަން ޖެހޭ" ކަމަށެވެ.

ވާތުފިޔައިގެ އެކި ފެކްޝަންތަކުގެ މައްޗަށް އެކުލެވޭ ގޯލާންގެ ޕާޓީއަށް އިޒްރޭލުގެ 120 މެމްބަރުންގެ މަޖިލީހުގައި އެންމެ ހަތަރު ގޮނޑި ލިބިފައި ވާއިރު އެއީ މަޖިލީހުގައި އެންމެ ކުޑަކޮށް ތަމްސީލްކުރެވޭ އެއް ޕާޓީ އެވެ. އެކަމަކު ސިޔާސީ ބާރުވެރިކަން ހޯދަން ކޯލިޝަން މުހިންމު ތަނެއް ކަމަށްވާ އިޒްރޭލުގައި ކުޑަ ޕާޓީއަކަށް ވެސް ސިޔާސީ ބާރުވެރިކަން ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

މި ތަމްސީލްކުރަނީ ފަސާދަ ވެފައިވާ ކުރިމަގެއްގެ ބަދަލުގައި އިޒްރޭލުގެ ޑިމޮކްރަސީ ހިމާޔަތްކުރަން ބޭނުންވާ މީހުން. އިޒްރޭލުގެ ޑިމޮކްރަސީ ހިމާޔަތްކުރަން ޖެހެނީ އިޒްރޭލުގެ ވަރަށް މަދު ބަޔަކު ތަމްސީލްކުރާ ވަތަނީ، ހަރުކަށި އަދި ހައްދުފަހަނައެޅި ބައެއްގެ ކިބައިން: އިދިކޮޅު ލީޑަރު

ނަތަންޔާހޫގެ ވެރިކަން ކުޑަ ދުވަސްކޮޅަކަށް، 2021-2022 އަށް ބަދަލުވި އިރު ޑެޕިއުޓީ މިނިސްޓަރުކަންކުރި ގޯލާން ބުނީ މިހާރު އޮތީ އިޒްރޭލުގެ ތާރީހުގައި ވެސް ކަނާތު ފިޔައިގެ ވިސްނުން އެންމެ ބޮޑު ސަރުކާރު ކަމަށާއި މިއީ ޑިމޮކްރަސީއަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ސަރުކާރެއް ކަމަށެވެ.

އިދިކޮޅު ލީޑަރު ބުނީ އޭނާ ތަމްސީލްކުރަނީ ފަސާދަ ވެފައިވާ ކުރިމަގެއްގެ ބަދަލުގައި އިޒްރޭލުގެ ޑިމޮކްރަސީ ހިމާޔަތްކުރަން ބޭނުންވާ މީހުން ކަމަށެވެ. އިޒްރޭލުގެ ޑިމޮކްރަސީ ހިމާޔަތްކުރަން ޖެހެނީ އިޒްރޭލުގެ ވަރަށް މަދު ބަޔަކު ތަމްސީލްކުރާ ވަތަނީ، ހަރުކަށި އަދި ހައްދުފަހަނައެޅި ބައެއްގެ ކިބައިން ކަމަށް ވެސް ބުންޏެވެ.

"ގިނަ ބަޔަކު ބޭނުންވަނީ އިޒްރޭލަކީ ޔަހޫދީންގެ ވަޒަނެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، އިޒްރޭލަކީ މިނިވަން، ހަމަހަމަކަމާ އެކު އަމަލުކުރާ އަދި ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް،" ގޯލާން ބުންޏެވެ.

އޭނާ ބުނީ އިޒްރޭލުގެ ގިނަ މީހުން ބޭނުންވަނީ ޣައްޒާގައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލައި އޭގެ ބަދަލުގައި، ހަމާސް އިޒްރޭލު އެންމެ މިނިވަންވާން ކަމަށެވެ. އަދި އޭގެ ފަހުން، ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާ ދެވުނު ގޮތެއް ބެލުމަށް މިނިވަން ތަހުގީގެއް ހިންގަންޖެހޭ ކަމަށް ވެސް ބުންޏެވެ. ގޯލާން ބުނީ މި ކަންކަމަށް ނަތަންޔާހޫ ދެކޮޅުހަދާ ކަމަށެވެ.

"ރަހީނުން މިނިވަންކުރުުމުގެ ޑީލެއް ދެތިން ދުވަހުގެ ތެރޭގައި ވެސް ހެދިދާނެ ކަމަށް ދެކެން،" އޭނާ ބުންޏެވެ.

އިޒްރޭލު ކޮންމެ މީހަކު އަސްކަރިއްޔާއަށް ހިދުމަތްކުރަންޖެހޭ ގޮތަށް އޮންނަ ގާނޫނުން ޔަހޫދީ ދީނުގެ އުސޫލުތަކަށް އެންމެ ހަރުކަށިކޮށް ތަބާވާ [އަލްޓްރާ އޯތޮޑޮކްސް ޖުވިޝް] މީހުން އިސްތިސްނާވާ ގޮތަށް އޮންނަ އޮތުން ބަދަލުކުރުމަކީ ވެސް ގޯލާން ބުނި ގޮތުގައި އިޒްރޭލުގެ ގިނަ މީހުން އެދޭ ގޮތެވެ. މިއީ މިހާރު ވެސް ނަތަންޔާހޫގެ ސަރުކާރާއި އަލްޓްރާ އޯތޮޑޮކްސް މީހުންނާ ދެމެދު މައްސަލަ ބޮޑުވެ، މި މައްސަލައިގައި އެއްބަސްވުމެއް ނުހަދާ ނަމަ ވެރިކަން ވައްޓާލާނެ އިންޒާރު އެ މީހުން ދަނީ ދެމުންނެވެ.

މި މައްސަލަގަނޑުގެ ފައިދާ ނަގައި އިދިކޮޅު ޕާޓީތަކުން މިހާރު މަސައްކަތްކުރަމުންދަނީ ބުދަ ދުވަހުގެ ޖަލްސާއަށް، މަޖިލިސް އުވާލުމުގެ ބިލެއް ހުށަހެޅުމަށެވެ. -- އޭއެފްޕީ