Roadha Mihaaru

ފޭކް ސްލިޕުން މަކަރުހަދާ ޒައިދާންގެ ދެމަފިރިން ހައްޔަރު؛ މިފަހަރު ނެގީ 36،000 ރުފިޔާގެ މުދާ

ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ"އަށް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލާގައި މިދިޔަ މެއި މަހު ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމް، އޭނާގެ އަންހެނުން ބައިވެރިކޮށްގެން ފިހާރަތަކަކުން މުދާ ނެގި މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ޒައިދާންގެ ދެމަފިރިން ހައްޔަރު؛ މިފަހަރު ނެގީ މުދާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 ޖޫން 2025

ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ"އަށް ފޮނުވައިގެން ކާއެއްޗެހި އޯޑަރުކުރި މައްސަލާގައި މިދިޔަ މެއި މަހު ހައްޔަރުކުރި ޒައިދާން މުހައްމަދު ހާޝިމް، އޭނާގެ އަންހެނުން ބައިވެރިކޮށްގެން ފިހާރަތަކަކުން މުދާ ނެގި މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފޭކް ސްލިޕުން މަކަރު ހެދުމުގެ ކުށުގެ ރެކޯޑު އޮންނަ ޒައިދާން މިފަހަރު ފިހާރަތަކުން ނެގީ 36،000 ރުފިޔާގެ މުދަލެވެ.

އެންމެ ފަހުން ހައްޔަރުުކުރީ ފޭކް ސްލިޕުން 9،000 ރުފިޔާ އަށް ވުރެ ގިނަ ކާއެއްޗެހި އޯޑަރުކޮށްގެންނެވެ.

ފުލުހުން ބުނި ގޮތުގައި މިފަހަރު ޒައިދާންއާ އެކު ބަންގްލަދޭޝަށް ނިސްބަތްވާ 30 އަހަރުގެ އަފްރިން އަކްތަރު ހައްޔަރުކުރި އެވެ. އެނގިފައިވާ ގޮތުގައި އެއީ އޭނާގެ އަންހެނުންނެވެ.

ޒައިދާން: މިފަހަރު ހައްޔަރުކުރީ އަންހެނުންނާ އެކު

ޒައިދާން: މިފަހަރު ހައްޔަރުކުރީ އަންހެނުންނާ އެކު

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރު ކުރީ ހުޅުމާލޭގެ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މިދިޔަ މޭ މަހުގެ އެކި ދުވަސް މަތިން މުދާ ނެގި މައްސަލައެއްގަ އެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިއިރު، ޒައިދާން ވަނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މާލޭގައި ހުންނަ ދެ ފިހާރައަކުން ވެސް މުދާ ހޯދައިފަ އެވެ.

މަކަރާއި ހީލަތުން ހޯދި ތަކެތި ވެއްދީ، ފުލުހުން ބުނި ގޮތުގައި، ހިޔާ ފްލެޓުގައި އޭނާ ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓަކަށެވެ. އެ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުމުން ފުލުހުން ވަނީ އެ ދެތަނަށް ވަދެ ބަލައި ފާސްކޮށްފަ އެވެ.

ފޭކް ސްލިޕް ފޮނުވައިގެން ނެގި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މުދާ އެ ތަނުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލޭގެ ފިހާރައަކުން ޒައިދާން ނެގީ 31،150 ރުފިޔާގެ މުދަލެވެ. މާލޭގެ ދެ ފިހާރައަކުން ނެގީ 5،817 ރުފިޔާގެ މުދަލެވެ.

މި މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކޮށްފައި ވާއިރު އޭނާގެ އަންހެނުން ބަންދުކުރީ ފަސް ދުވަހުގެ މުއްދަތަށެވެ.

ޒައިދާން، މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނައިރު، އޭނަގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ. ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން ވިޔަފާރީގެ ނަމުގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި 2022 ވަނަ އަހަރު ވެސް ޒައިދާން ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން ހީލަތުގެ އެކި މައްސަލަތަކުގައި ތުހުމަތުވެ އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ.