Roadha Mihaaru

ޔޫމެޓަށް ހައްގު ނުވާ 23 މިލިއަން ބަދަލުގެ ގޮތުގައި ދިން، ފައިސާ ހޯދައި ފިޔަވަޅު އަޅަން ޖެހޭ: އޮޑިޓް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2023 ގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި ދިނީ، އެ ކުންފުންޏަށް ދޭންޖެހޭ އަދަދަށް ވުރެ 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.

ޔޫމެޓަށް ބަދަލުގެ ގޮތުގައި ހައްގު ނުވާ 23 މިލިއަން
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

24 ޖޫން 2025

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2023 ގައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި ދިނީ، އެ ކުންފުންޏަށް ދޭންޖެހޭ އަދަދަށް ވުރެ 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް މާޗު 18، 2013 ގައި އެމްޓީސީސީއާ ހަވާލުކުރުމުން، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅުމުން އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުވާ ގޮތަށެވެ.

އޮޑިޓް އޮފީހުން ބުނީ، އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި ދައުލަތުގެ ފައިސާ ނާޖައިޒް ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ކުރީގެ ސަރުކާރުގެ އެ ނިންމުން ނިންމި އިކޮނޮމިކް ކައުންސިލްގައި އޭރުގެ ރައީސް އޮފީސް މިނިސްޓަރު އަލީ ޝިޔާމާއި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޮޑިޓްގައިވާ ގޮތުން ޔޫމެޓަށް އެންމެ ގިނަވެގެން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭނީ 2.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ކުންފުންޏަށް އޭފްރީލް 30، 2023 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ، ޔޫމެޓުން ހުށަހަޅާފައިވާ އިންވޮއިސްތަކާއި ފައިސާ ދައްކާފައިވާ އިންވޮއިސްތަކަށް ބަލާއިރު މަސައްކަތް ހުއްޓިފައިވަނީ އޭފްރީލް 1، 2012 ގަ އެވެ. އެހެންވެ، އެގްރީމެންޓް ބާތިލުކުރުމާ ހަމައަށް އައިޑަލް ކޮސްޓް ޗާޖު ކުރަން ޖެހޭނީ 343 ދުވަހަށް ކަމަށްވާތީ އެ މުއްދަތުގެ އަގުގެ ގޮތުގައި ބެލެވެނީ 2.7 މިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. ނަމަވެސް އައިޑަލް ކޮސްޓްގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 6.2 މިލިއަން ރުފިޔާ ދީފަ އެވެ. އެއީ ދޭން ޖެހޭ އަދަދަށް ވުރެ 3.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ އިދާރާއިން ބުނީ، ޔޫމެޓް ކޮންސްޓްރަކްޝަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައިވާ އަދަދުގެ ތެރޭގައި ޝަރުއީ ކޯޓުތަކުން ވެސް ނަގައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދު ހިމަނާފައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ކުންފުނިން 21 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅުމުން އޭގެ ތެރެއިން ސަރުކާރުން ދީފައިވާ 7.6 މިލިއަން ރުފިޔާ އުނިކޮށް، ބާކީވާ 13 މިލިއަން ރުފިޔާ ނަގައިދޭން ސުފްރީމް ކޯޓުން 2021 ގައި ހުކުމްކޮށްފައިވެ އެވެ. ނަމަވެސް، އޭގެ ފަހުން ސަރުކާރުން ބަދަލު ދިނުމުގައި ކޯޓުގެ ނިންމުމަށް ރިއާޔަތް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނި ގޮތުގައި ޔޫމެޓަށް ބަދަލުގެ ގޮތުގައި ދީފައިވަނީ ނުކުރާ މަސައްކަތްތަކެއް ވެސް ހިމަނައިގެން، އެ މަސައްކަތްތަކުގެ އަގު ވެސް ހިމަނައިގެންނެވެ. އަދި އައިޑަލް ކޮސްޓް ހިސާބު ކުރުމުގައި މަސައްކަތް ހިނގަމުން ދިޔަ ދުވަސްތައް ވެސް ހިމަނާފައިވާ ކަމަށް ބުނެފައިވެ އެވެ.