Roadha Mihaaru

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް، "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ހުއްދަދިން ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ޓައުންޝިޕް ތަަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

11 ޑިސެމްބަރ 2025

މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް، "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ހުއްދަދިން ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތްކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް އަމާޒު ކޮށްގެންނެވެ.

ކްރިސްޓަލް ހޯލްޑިންގްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްގެން ޓައުންޝިޕެއް ތަރައްގީކުރާނީ ނ. އަތޮޅުގައި ކަމަށާ އެކަމަށް ބޭނުންވާ ބިން މިހާރު އޮތީ ހިއްކާ ވެސް ނިމިފައި ކަމަށެވެ.

"މިހާރު ހިއްކާ ވެސް ނިމިފައި އޮތީ ސަސްޓެއިނަބުލް ޓައުންޝިޕް" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަސްޓެއިނަބުލް ޓައުންޝިޕެއްގައި ނަމަ ރަނގަޅު ފެންވަރަކަށް ހިދުމަތްދޭ މެޑިކަލް ފެސިލިޓިއެއް ހުންނަން ޖެހޭ އިރު ކްރިސްޓަލް އިން ތަރައްގީކުރާ ޓައުންޝިޕްގައި" އެހެން ބަޔަކަށް ނުދެވޭ ވަރުގެ ފެންވަރު ރަނގަޅު" ހިދުމަތެއް ގާއިމްކުރަން ސަރުކާރުން އެދިފައިވާނެ ކަމަށެވެ.

ސަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރަން ސްޕެޝަލް އިކޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުުން އެފަަދަ ޓައުންޝިޕެއް ތަރައްގީކުރާ ކުންފުނިން ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީއެއް ނުވަތަ ހޮސްޕިޓާލިޓީ ދާއިރާއިން މީހުން ތަމްރީނުކުރާ މަރުކަޒެއް ގާއިމްކުރަން އޮތް ނަމަވެސް ސައީދު ވިދާޅުވީ ލްރިސްޓަލް އިން އެ ދެ ވަސީލަތް ވެސް ގާއިމްކުރާނެ ކަމަށެވެ.

ސަަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. . ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ސަަސްޓެއިނަބުލް ޓައުންޝިޕް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. . ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

"ނުވަތައިގެ ބަދަލުގައި މި ބޭފުޅުން ޗޫޒްކުރީ އެ ދެކަންތައް ވެސް ކުރަން،" ސައީދު ވިދާޅުވި އެވެ.

އެ ޓައުންޝިޕްގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ އިރު އެކަމުގައި ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް މިހާރު އިމްޕޯޓްކުރާ ކޮންމެވެސް ދެ ބާވަތަކަށް އިސްކަންދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރުމެވެ.