Roadha Mihaaru

އަލީ ޚާލިދުގެ ގެއިން 40،000ރ. ގެ މުދާ ވަގަށް ގެންގޮސްފި، ފިލައިގެން އުޅޭ ވަގު ހޯދަނީ

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން 40،000ރ. ގެ މުދާ ބަޔަކު ވަގަށް ނަގައިފި އެވެ.

އަލީ ޚާލިދުގެ ގެއަށް ވަގުން ވަދެ ބޮޑު ވައްކަމެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

03 ޖުލައި 2025

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން 40،000ރ. ގެ މުދާ ބަޔަކު ވަގަށް ނަގައިފި އެވެ.

އަލީ ޚާލިދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި މާލޭގައި ހުންނަ އޭނާގެ ގެއަށް ބަޔަކު މިދިޔަ އާދިއްތަ ދުވަހު ހެނދުނު 6:13 ހާއިރު ވަދެ ވައްކަންކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތުވާ މީހުން ހޯދަން އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އޭނާ ވަނީ ދެ މީހަކު އެ ގެއަށް ވަދެ ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އެ ގެއިން ވަގަށް ގެންދިޔަ ތަކެތި ވިއްކަން އުޅުނު ދެ މީހެއްގެ ފޮޓޯ ވެސް ފޭސްބުކްގައި އާންމުކުރައްވައިފަ އެވެ.

އަލީ ޚާލިދު ވިދާޅުވި ގޮތުގައި، އެ ދެ މީހުން އެ ގެއަށް ވަނީ ގޭގެ ފެންލައިޓަކުންނެވެ. ފެންލައިޓަށް އެ މީހުން އެރީ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އެ ގެއާ ޖެހިގެން ހުންނަ ގެއަކުންނެވެ. އެ މީހުން އެ ގޭ ތެރޭގައި ވިއްސަކަށް މިނެޓު ހޭދަކުރި އެވެ.

އެ މީހުން ވަނީ އައިފޯނަކާއި ދެ ޑެލް ލެޕްޓޮޕާއި ތިން ހާޑް ޑްރައިވް އާއި ވަންޕްލްސް ޓެބްލެޓަކާއި ޖޭބީއެލް ބްލޫޓޫތު ސްޕީކަރަކާއި އަވި އައިނެއް އަދި އަގުބޮޑު ސެންޓެއް ކަމަށްވާ އޫދު އަސްވަދު ސެންޓުފުޅިއެއް ވެސް ވަގަށް ގެންގޮސްފަ އެވެ. އެ އެއްޗެހި ގެންދިޔައީ އެ ގެގޭގައި އޮތް ދަބަހަކަށް އަޅައިގެންނެވެ.

އެ ތަކެތީގެ އަގު 40،000ރ. އަށް އަރާނެ ކަމަށް އަލީ ޚާލިދު ވިދާޅުވި އެވެ.

އަލީ ޚާލިދު ވިދާޅުވީ އެ މައްސަލަ އެ ދުވަހު ހެނދުނު 7:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވައްކަންކުރަން ވަތް ދެ މީހުން ތިބީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި އެ މީހުން ތިބީ އަތަށް އަންގި އަރުވައިގެން ކަމުން އެއްވެސް މީހެއްގެ ފިންގަޕްރިންޓްގެ ނިޝާން ވެސް ސީނުން ނުފެނުނު ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖު ފުސްކަމުން އެ މީހުންގެ މޫނު ވަކިކުރަން އުނދަގޫ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ގެއިން ވަގަށް ގެންދިޔަ އައިފޯން، ފުލުހުންގެ އެހީތެރިކަމާ އެކު ޓްރޭސްކޮށް، އެ ގެއިން ވަގަށް ގެންދިޔަ ބައެއް ތަކެތި ވިއްކާލަން އުޅުނު ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އަލީ ޚާލިދު ވިދާޅުވި އެވެ.

އަލީ ޚާލިދުގެ ގެއިން ވައްގަށް ގެންދިޔަ ތަކެތި ވިއްކަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުން: އެކަމުގައި އިސްކޮށް އުޅުނު މީހާ އުޅެނީ ފިލައިގެން.

އަލީ ޚާލިދުގެ ގެއިން ވައްގަށް ގެންދިޔަ ތަކެތި ވިއްކަން އުޅެނިކޮށް ހައްޔަރުކުރި ދެމީހުން: އެކަމުގައި އިސްކޮށް އުޅުނު މީހާ އުޅެނީ ފިލައިގެން.

"ވަގަށް ގެންދިޔަ ބައެއް އެއްޗެހި ރިކަވާވި،" އޭނާ ވިދާޅުވި އެވެ.

އަލީ ޚާލިދު ވިދާޅުވީ އެ ގެއިން ވައްކަންކުރުމުގައި އެންމެ އިސްކޮށް ހުރި މީހާ އަދި ނުފެންނަ ކަމަށެވެ. އެއީ، ވަނަމަކަށް "ސަޓަޑޭ" ކިޔާ މީހެއް ކަމަށާއި އޭނާގެ އަސްލު ނަމަކީ ޒަމީލް ކަމަށެވެ. އަދި އޭނާ އުޅެނީ ފިލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ސަޓަޑޭ" އެންމެފަހުން ފެނިފައި ވަނީ ރަތްކުލައިގެ ޑަފުލް ބޭގެއް ހިފައިގެން ހުޅުމާލެއަށް ދަނިކޮށެވެ.

މި ވައްކަމުގައި ބައިވެރިވި މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ކުށުގެ ރެކޯޑް 40 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ އަދި އަޅުގަނޑުމެން މި ތިބީ ވަރަށް ބިރުން. އެހެންވެ އާންމުންގެ އެހީ ބޭނުންވޭ،" އަލީ ޚާލިދު ވިދާޅުވި އެވެ.

އަލީ ޚާލިދު ވިދާޅުވީ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، އަދި ވަގަށް ނަގާފައިވާ ތަކެތި އެއްވެސް ތަނަކުން ފެނިއްޖެ ނަމަ، އޭނާއަށް ނުވަތަ ފުލުހުންނަށް ވަގުތުން ރިޕޯޓްކޮށްދިނުމަށް އެދޭ ކަމަށެވެ.