ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
05 ޖުލައި 2025
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުގައި، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ، އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ކުންފުންޏަށް ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެތަން ބޭރު ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން ވެސް ނޫޅޭ ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ފަތަރަމުންދާ ވާހަކަ އާއި، މިކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް،" ސައީދު ލިޔުއްވާފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ) އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ -- ފޮޓޯ: މިހާރު
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީ ކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫ އެވެ. ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022ގަ އެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް.
އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ 2019 ވަަނަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި އެ އެއާޕޯޓްގެ 88 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިފައި ވާއިރު ހުރިހާ މަސައްކަތެއް ސެޕްޓެމްބަރު މަހަށް އެއްކޮށް ނިންމާލެވޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް މިހާރު ނިމިއްޖެ އެވެ. އަދި ޕަސެންޖާ ޓާމިނަލުގެ 83 ޕަސެންޓް ނިމިފައިވާ ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި އެއާކްރާފްޓް މެއިންޓެއިނަންސް އަށް ހާއްސަ ސަރަހައްދާއި ކާގޯ ބިލްޑިންގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ އުތުރަށް ލަންކާގެ ދަތުރު މުހިންމުވެފައި!
ހަނިމާދޫ އާއި ގަމުން 10ޕަސެންޓުގެ ކުރިއެރުމެއް ހޯދޭނެ
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
ހަނިމާދޫ އެއާޕޯޓް ޒަމާނީކޮށް އުތުރުގެ ލޭންޑްމާކަކަށް
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް