Roadha Mihaaru

ބްރޯޑްކާސްޓިން ކޮމިޝަނާ މަސްއޫލިއްޔަތު ހަވާލުކުރީ ބިރު ދައްކާކަށް ނޫން: އަމީތު

މީޑިއާތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާ ހަވާލުކުރީ ބިރު ދައްކަން ނޫން ކަމަށް ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އެމްބީސީއަށް ބާރު ދިނީ ބިރު ދައްކާކަށް ނޫން: އަމީތު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

21 މާޗް 2017

މީޑިއާތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާ ހަވާލުކުރީ ބިރު ދައްކަން ނޫން ކަމަށް ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އަމީތު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ދައުލަތުގެ ހާރިޖީ ގުޅުންތަކާއި ގައުމުގެ ރީތި ނަން ބޭރު ދުނިޔޭގައި ކިލަނބުވާ ގޮތަށް އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާ ކަމަށް ބުނެ، އެގޮތަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްބީސީން ދީފައި ވަނިކޮށެވެ.

އަމީތުގެ އޭނާގެ މި ޓްވީޓާ ގުޅޭ ގޮތުން އިތުރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަމީތު މަޖިލީހުގެ މެމްބަރު ކަމަށް 2014 ގައި އިންތިހާބުވުމުގެ ކުރިން، މިހާރު ހުއްޓާލާފައިވާ ދިޓީވީގެ ނިއުސް އެންޑް ކަރެންޓް އެފެއާޒްގައި މަސައްކަތް ކުރައްވައި އޭރު އާންމުންގެ މެދުގައި މަގުބޫލުކަން ލިބުނު ބައެއް ޓީވީ ޝޯތައް ހުށަހެޅުއްވި އެވެ.

ކޮމިޝަނުން މިއަދު ވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ އާއި އިންފުލުއެންޒާ ނުވަތަ އެޗް1އެން1 އާ ގުޅޭ ހަބަރުތައް، އާއްމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްތަރު އުފެދޭ ގޮތަށް ފަތުރާ ނަމަ އެކަމާ ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ސަރުކާރުގެ ސިޔާސަތަކާ ދެކޮޅަށް ފަހަކަށް އައިސް، ފާޑު ވިދާޅުވަމުން ގެންދަވާ އަމީތު ވަނީ ލިބިދާނެ މާލީ ފައިދާއަށްޓަކައި ގައުމުގެ އިސްތިގުލާލު ގުރުބާން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ބިދޭސީންނަށް ރާއްޖޭގެ ބިންތައް މިލްކު ކުރުމާ ދެކޮޅަށް ޓުވީޓެއް ކުރައްވައިފަ އެވެ. ނަމަވެސް ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުންތަކާ އެކު އެ ޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވި އަމީތަކީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވޯޓު ދެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ އެއީ ވަކި ބަޔަކަށް ބިން މިލްކޮށްދޭން ގެންނަ އިސްލާހެއް ކަމެއް އޭރު އެނގިވަޑައިނުގަންނަވާ ކަމަށެވެ.