Roadha Mihaaru
ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފި

ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާޗް 2017

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ މީގެ ތިން ދުވަސް ކުރިންނެވެ.

ޖާބިރު މިއަދު "މިހާރު" އަށް ވިދާޅުވީ ޔޮޓް ޓުއާޒްގެ އެކައުންޓްތައް މީރާ އިން ފްރީޒްކުރީ އޭނާ އެ އިދާރާ އަށް ދައްކަންޖެހޭ ޓެކްސްގެ އެއްވެސް ފައިސާއެއް ހުރެގެން ނޫން ކަަމަށެވެ.

"އަޅުގަނޑު މީރާ އަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ނޫޅޭނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" މިހާރު ރާއްޖެ އިން ބޭރުގައި އުޅުއްވާ ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކައުންޓްތައް ފްރީޒްކުރީ އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖުރިމަނާ ފައިސާ ނުދައްކާތީ އެވެ. ނަމަވެސް ޖާބިރު ވިދާޅުވީ އެ ތިން ރަށުގެ މައްސަލަ ވެސް ކޯޓު މަރުހަލާގައި އޮތުމުން، ކުއްޔާއި ޖުރިމަނާ ފައިސާ ދެއްކުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"ކޯޓު މަރުހަލާ އިން ގޮތެއް ނިމިގެން ނޫންތޯ އަޅުގަނޑުމެންނަށް މި ރަށްރަށާ މެދު ގޮތެއް ނިންމޭނީ،" ޖާބިރު ވިދާޅުވި އެވެ.

ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ކުރި ހުކުމުގައި ވަނީ ހއ. ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށެވެ.

ހުކުމުގައި ވަނީ ކުލި ނުދައްކާ ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށާއި އެ ތަނުގެ ކުއްޔާއި ޖޫރިމަނާ އަށް ޔޮޓް ޓުއާސް އިން އެއްބަސްވެފައި ވިޔަސް އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެ ދެ ތަނުގެ އެއްބަސްވުން އުވާލައި، ސަރުކާރުން ފޮނުވި ނޯޓިހަކީ އެއްބަސްވުމާ އެއްގޮތަށް ފޮނުވި ނޯޓިހެއް ކަމަށާއި އެހެންވެ އެ ނޯޓިސް ބާތިލް ނުކުރެވޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ހއ. އަލިދޫގެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ މަހު ނިންމާފައި ވަނީ، އެ ރިސޯޓް ބަންދުކޮށްފައި ވާތީ އެ މުއްދަތުގައި އެ ތަނުގެ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ކަނޑައަޅަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.