Roadha Mihaaru
ޔޮޓް ޓުއާސާ ދެކޮޅަށް ތިން މިލިއަން ޑޮލަރު ދައުވާއެއް

ޖާބިރުގެ ޔޮޓް ޓުއާސްގެ އަތުން ތިން މިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފި

02 މެއި 2017

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނި އަތުން ތިން މިލިއަން ޑޮލަރު (45 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން މީރާ އިން ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނި އަތުން ތިން މިލިއަން ޑޮލަރު (45 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން މީރާ އިން ދައުވާކޮށްފި އެވެ.

މިހާރު އިދިކޮޅު ކޯލިޝަނާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނި އަތުން ތިން މިލިއަން ޑޮލަރު ހޯދަން ދައުވާކުރީ، އެ ކުންފުނިން ހިންގާ އަލިދޫ ރިސޯޓާއި ކުރިން ޔޮޓް ޓުއާޒް އަށް ދޫކުރި ބީނާފުށި އަދި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެ ފައިސާ އަރާފައިވާތީ އެވެ.

އެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމުގެ ކުރިން، މީރާ އިން ވަނީ އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އެކަމަކު ޖާބިރު ވިދާޅުވެފައިވަނީ އޭނާ މީރާ އަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.

ބީނާފުށްޓާއި ކަނޑާލި ފިނޮޅު ސަރުކާރުން ކުރިން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އެކައުންޓްތައް ފްރީޒް ކުރުމުން ޖާބިރު ވަނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެެފަ އެވެ.

ޔޮޓް ޓުއާސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނި އަތުން 37 މިލިއަން ޑޮލަރު ހޯދަން މީރާ އިން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި އެ ކުންފުނީގެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.