Roadha Mihaaru
ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކޮށްފި

18 މިލިއަން ޑޮލަރު ދައްކަން އަންގައި ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާޗް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތައް މިއަދު ފްރީޒް ކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތައް މިއަދު ފްރީޒް ކޮށްފި އެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކުރިއިރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ވެސް މީގެ ތިން ދުވަސް ކުރިން ވަނީ ފްރީޒްކޮށްފަ އެވެ.

ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހޯމަދުވަހަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. އަދި ވިލާ ކުންފުނީގެ މައްޗަށް ރާޅެއް ނަގަން އުޅޭހެން ހީވާ ކަމަށް ގާސިމް މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައި އޮއްވަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ "ވިލާގެ 100 މިލިއަން ރުފިޔާގެ މައްސަލައިގައި އެކައުންޓްތައް ފްރީޒް" ކުރުން އެއީ މި ހާލަތުގައި ކޮށްފާނެ ކަމެއް ކަމަށާއި ހިތާމައަކީ އެފަދަ އަމަލަކުން ވިލާގެ 5000 ވަރަކަށް މުވައްޒަފުންނަށް މުސާރަ ނުދެވިދާނެ ކަމުގެ ބިރު އޮތުން ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަކީ އިދިކޮޅު ފަރާތްތަަކާ ގުޅިގެން މަސީހު ބޭރުކޮށްލަން މަސައްކަތް ކުރާ އެއް ޕާޓީ އެވެ.

ވިލާގެ އިސްބޭފުޅަކު މިރޭ ވިދާޅުވި ގޮތުގައި އެކައުންޓްތައް ފްރީޒްކުރިކަން އެނގިވަޑައިގަތީ އިމިގްރޭޝަންގެ ޚިދުމަތްތައް ނުލިބުމުން، އެކަން މީރާ އިން އެކަން ސާފުކުރުމުން ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒްކުރިކަން މިރޭ 9:30 ގައި އީމެއިލްގެ ޒަރީއާއިން ރަސްމީކޮށް މީރާ އިން ވިލާ ޝިޕިން އަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި ވިލާ ޝިޕިންގެ އެކައުންޓްތައް ކުއްލި ގޮތަކަށް މި ފްރީޒްކުރީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ތ. އެލާގެ މައްސަލައިގަ އެވެ.

އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.

މީރާ އިން ވިލާ ޝިޕިން އަށް އަންގާފައި ވަނީ އެލާގެ ކުއްޔާއި ޖޫރިމަނާ އާއި އިންޓަރެސްޓްގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދައްކާފައި ނުވާ ކަމަށެވެ. އެއީ ލޭންޑް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ 3.7 މިލިއަން ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު އަދި އިންޓަރެސްޓަށް އަރާ 226،351 ޑޮލަރެވެ.

މީރާ އިން އަންގާފައި ވަނީ އެކައުންޓްތައް ދޫކޮށްލާނީ އެ ފައިސާ އެއްކޮށް ދެއްކުމުން ނުވަތަ ފައިސާ ދެއްކުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ.

ވިލާ ޝިޕިންގެ އޮފިޝަލް ވިދާޅުވީ، އެލާގެ މައްސަލާގައި ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކުރި ނަމަވެސް ފައިސާ ދައްކަންޖެހޭ ކަމެއް ކުރިއަކުން ނާންގާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް މުއްދަތެއް ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފައިސާ ދައްކަންޖެހޭ ކަން އެނގުނީ ކުއްލި ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

ވިލާ ޝިޕިންއާ އެއްކޮޅަށް ދަށު ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ ވިލާ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ "އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް ލީޒް އެގްރިމެންޓް" ބާތިލުކޮށްފައި ވަނީ ޑިސެމްބަރު 12، 2013 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރީމެންޓް އުވާލުން އަސްލަކަށް ބަލައިގެން ކަމަށެވެ. ސެޓްލްމަންޓް އެގްރީމަންޓާ އެއް ހަމަޔަކުން އަނެއް އެއްބަސްވުމާ މެދު އަމަލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް އެ ހުކުމް ހައި ކޯޓުން ވަނީ އިއްޔެ ބާތިލުކޮށްފަ އެވެ.