Roadha Mihaaru
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ހައްގުތައް ނުލިބޭކަމަށް ވިދާޅުވެ މެމްބަރު މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި

24 މާޗް 2017

ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވާފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

ނަޒްރާ ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށީ ތިން ސަބަބަކާ ހެދި ކަމަށް މަހްލޫފު މިއަދު އަންގާފައިވާ ކަމަށެވެ.

"މަހުލޫފް އަންގަނީ އޭނާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ނުލިބޭހާ ހިނދަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާނުލާނެ ކަމަށް. އެކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

ނަޒްރާ ވިދާޅުވީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ފެށީ ދެ މަސް ދުވަސްވީއިރު ވެސް މަހްލޫފަށް އޭނާގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން ނުދޭތީ އާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުފޮނުވާތީ އާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ ކަމަށެވެ.

މި ކަންކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

"މަހުލޫފް ލޯޔަރުންނަށް ބައްދަލުކުރުމުގެ ފުރުސަތު ވެސް ކަރެކްޝަން އިން މިހާރު ނުދޭ. އޭގެ އިތުރުން އޭނާ ސީރިއަސް ބައްޔަކަށް ބޭރުން ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން ވެސް ނުފޮނުވި. އޭނާއަކީ އަދިވެސް މަޖިލީހުގެ މެމްބަރަކަށްވާއިރު ވެސް މަޖިލީހުގެ އެޖެންޑާއެއް ވެސް ހިއްސާއެއް ނުކުރޭ. އަދި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު ޖަލްސާއަކަށް ވެސް ހާޒިރުކޮށްނުދޭ މައްސަލަ އޭނާ ފާހަގަކުރޭ،" މަހުލޫފްގެ އަނބިކަނބަލުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިހަ މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ މަހުލޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން އަބްދުﷲ މަސީހް ވަކިކުރަން އަންނަ ހޯމަ ދުވަހު ނަގާ ވޯޓަށް ތާއީދުކުރައްވާފައި ކަމަށެވެ. އަދި އެ މަސައްކަތުގައި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރާ މަސައްކަތްތަކަށް މަހްލޫފު މަރުހަބާ ވިދާޅުވާ ކަމަށް ވެސް ނަޒްރާ ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހާ ހިސާބުގައި ހަމަވާނެ އެވެ.