Roadha Mihaaru
ވާދަކުރެވޭ، ހޯދަންވީ ނަތީޖާ ނުނެރެވޭ ސަބަބު: ކޯޗު

ވާދަކުރެވޭ، ހޯދަންވީ ނަތީޖާ ނުނެރެވޭ ސަބަބު: ކޯޗު

26 މާޗް 2017

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ސާބިތުވީ ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ފެންވަރުގައި ވާދަކުރެވޭކަން ކަމަށާއި އެކަމަކު ނަތީޖާ ނުނެރެވުމުން އެކަން ނުކުރެވުނީ ކީއްވެތޯ ބަލައި ދިރާސާކުރަން ޖެހޭ ގައުމީ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުން ސާބިތުވީ ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ފެންވަރުގައި ވާދަކުރެވޭކަން ކަމަށާއި އެކަމަކު ނަތީޖާ ނުނެރެވުމުން އެކަން ނުކުރެވުނީ ކީއްވެތޯ ބަލައި ދިރާސާކުރަން ޖެހޭ ގައުމީ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.

އަމިއްލަ ގައުމުގައި ބޭއްބި މުބާރާތުގެ ސެމީއަށް ނުގޮސް ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން، ކިރްގިސްތާނާއި ނޭޕާލް އަދި ތުރުކުމެނިސްތާން އަތުން ބަލިވެގެންނެވެ. ފުރަތަމަ ދެ މެޗުން ބަލިވީ ލީޑު ވެސް ލިބިފައި އޮއްވަ އެވެ.

ޝަރަފް ބުނީ ވޮލީބޯޅަ އާއިލާގެ ތެރެއިން ވެސް ފެނިގެން ދިޔައީ ރާއްޖޭގެ ފިރިހެން ޓީމު ނުކުމެ ބޭރުގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ނަތީޖާ ނެރެން ޖެހޭނެ ކަމުގެ މެސެޖް ކަމަށާއި ރާއްޖޭގެ ވޮލީބޯޅަ އޮތީ އެއް ފިޔަވަޅު ކުރީގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ސެޓުތަކެއް ނުލިބި ދިޔަކަމުގައި ވިޔަސް ރަނގަޅު ވާދައެއްކުރެވިއްޖެ. މުބާރާތުގައި އަޅުގަނޑުމެންނަށް މުޅި ވޮލީބޯޅަ ފެމިލީގެ ފަރާތުން ފެނިގެންދިޔަ އެއްޗަކީ ގައުމީ ވޮލީބޯޅަ ފިރިހެން ޓީމު ނުކުމެ ބޭރުގެ ގައުމުތަކާ މި ރީޖަންގެ މި ލެވެލްގެ ޓީމުތަކާ ކުޅޭއިރު ނަތީޖާ ނެރެވެން ޖެހޭކަން. އެހެންވެ ދެން އިށީގެނދެގެން ދިރާސާކުރަންވީ ނަތީޖާ ނުނެރެވެނީ ކީއްވެތޯ؟ ކޯޗުންނާއި ކޯޗުންގެ މަތިން ތިބި މީހުންނާ އޭގެ މަތިން ޕޮލިސީ ލެވެލްގައި ތިބި މީހުން މިކަން ބަލައި ދިރާސާކުރަން ޖެހޭ. ނަތީޖާ ނުނެރެވުނީ ކީއްވެތޯ ބަލަންޖެހޭ،" ޝަރަފް ބުންޏެވެ.

ޝަރަފް ބުނީ ކުޅިވަރު އެނގިގެން މުބާރާތް ބެލި މީހަކަށް ވެއްޖެއްޔާ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ސާބިތުވާނެ ކަމަށާއި އޭގެން ދައްްކައިދެނީ ދިވެހި ކޯޗުން މަސައްކަތްތަކެއް ކޮށްފައިވާކަން ކަމަށެވެ. އަދި ކޯޗުގެ ސިލެކްޝަން ގޯސްވެގެން ވާހަކަދައްކާނީ، އެއަށް ވުރެ މޮޅު ކުޅުންތެރިންތަކެއް ބެންޗުގައި ތިބުމުން ކަމަށާއި އޭގެން ވެސް ދައްކައިދެނީ ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް އުފެދިއްޖެކަން ކަމަށެވެ.

އެކަމަކު ޝަރަފް ބުނީ ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި ނުނަގާ ވާނެ ގޮތެއް ނުވެސް ނެތް ކަމަށެވެ. އޭނާ އަކީ ބަހަނާ ދައްކާނެ ކޯޗެއް ނޫން ކަމަށާއި ހަވާލުވީ ވެސް ހުރި މައްސަލައެއް ވިއްޔާ ހުރިކަން އެނގި ހުރެ ކަމަށް ޝަރަފް ބުންޏެެވެ.

"މިތަން ހޫނޭ ޕްރެކްޓިސްކުރާނެ ތަނެއް ނެތޭ އަޅުގަނޑު ނުބުނާނަން. އެހެން އެކަން އޮއްވާ ނޫންތޯ ތަށި ހޯދަން ޖެހެޔޭ އަޅުގަނޑު ބުނީ. މިތަށްޓަށް ވާދަކުރަން ޖެހެޔޭ ބުނީ އެހުރިހާ ކަމެއް އެހެން އޮއްވާ. ބަލިވެގެން ދިޔައީމާ ޒިންމާއެއް ނުނަގާނަމޭ ބުނާކަށް ނެތިން،" ޝަރަފް ބުންޏެވެ.

އޭނާ ބުނީ މުޅި މުބާރާތް ވެސް ރާއްޖެ އަށް ގެއްލިގެން ދިޔައީ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވި ކަމަށާއި މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ރިސީވް ވަރަށް ބޮޑަށް ދަށްކޮށް ދިޔަ ނަމަވެސް ސެޓު އަނބުރާލަން ފުރުސަތު ލިބި އެކަން ނުކުރެވުނު ކަމަށެވެ.

މިއަދުގެ މެޗު ޝަރަފް ފެށީ މިދިޔަ ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަސަން ނިލާމުގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަރުވައިގެންނެވެ. ޝަރަފް ބުނީ އެއީ ޓެކްނިކަލް ބަދަލެއް ކަމަށެވެ.

"ނިލާމް ވަރަށް ރަނގަޅަށް ކުޅުން އެކަމަކު މިއަދު އެއީ ޓެކްނިކަލް ބަދަލެއް. އިދިކޮޅު ޓީމަކީ މެދުން ވަރަށް ރަނގަޅަށް ޝޮޓް ޖަހާ ޓީމެއް. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކަމެއް އެއީ މެދުން އެ މީހުން ކުޅެން ފެށި ނަމަ މައިތިރިކުރަން. އެހެންވެ އެއްކަމަކަށް ބޭނުންވީ ލޯންގޭގެ ޖަމްޕް ސާވިސްތައް މުޅި މެޗުގައި ބޭނުންކުރަން. ދެ ވަނަ ކަމަކަށް ނިލާމް އެ ޑިފެންސްކުރާ ޕޮޒިޝަނުން ލޯންގޭ ނިލާމަށް ވުރެ ރަނގަޅަށް ޑިފެންސްކުރޭ. އެއްވެސް ޝައްކެއް ނެތް ނިލާމް އެޓޭކް ލޯންގޭ އަށް ވުރެ ތަންކޮޅެއް ރަނގަޅަށް ފެނުނީ. އެކަންތައް ބޭނުންކުރެވީސް ކައިރިކައިރިން ދިޔަނަމަ. ލޯންގޭގެ ސާވިސްގެ އިފެކްޓް ޕޮޒިޓިވްކޮށް ކުރީސް ވެސް މެ. ދެން ކޮންމެ ގޮތަކަށް ވެސް އެ ޗޭންޖުގެ ރިޒަލްޓެއް ނުނުކުތް. އެކަމަކު އެއީ ޓެކްނިކަލް ބަދަލެއް،" ޝަރަފް ބުންޏެވެ.