ސަރަހައްދީ ފެންވަރުގައި ފާއިތުވި އަހަރުތަކުގައި އެންމެ ރަނގަޅު ނަތީޖާތަށް ނެރެމުން އަންނަ އެއް ޓީމަކީ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމެވެ. ތަފާތު އެކި ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅުނު ނަމަވެސް މި ޓީމު އައީ ގާތްގަނޑަކަށް އެއް ފެންވަރެއްގައި ހިފަހައްޓަމުންނެވެ. ސަރަހައްދީ މުބާރާތްތަކުގެ ސެމީ ފައިނަލާއި ފައިނަލުގައި ކުޅުނު ނަމަވެސް ތަށްޓެއްގައި އަތްލެވޭ ގޮތެއް އަދި ނުވެ އެވެ. އަންނަ ބުދަ ދުވަހު މާލޭގައި ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ މިކަން ބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
18 މާޗް 2017
ސަރަހައްދީ ފެންވަރުގައި ފާއިތުވި އަހަރުތަކުގައި އެންމެ ރަނގަޅު ނަތީޖާތަށް ނެރެމުން އަންނަ އެއް ޓީމަކީ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމެވެ. ތަފާތު އެކި ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅުނު ނަމަވެސް މި ޓީމު އައީ ގާތްގަނޑަކަށް އެއް ފެންވަރެއްގައި ހިފަހައްޓަމުންނެވެ. ސަރަހައްދީ މުބާރާތްތަކުގެ ސެމީ ފައިނަލާއި ފައިނަލުގައި ކުޅުނު ނަމަވެސް ތަށްޓެއްގައި އަތްލެވޭ ގޮތެއް އަދި ނުވެ އެވެ. އަންނަ ބުދަ ދުވަހު މާލޭގައި ފަށާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަކީ މިކަން ބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ގައުމީ ޓީމަށް ލިބުނީ ތިން ވަނަ އެވެ. ސްރީލަންކާގެ ކޯޗު ސިސިރާ ކުމާރް ވެންޑަކޫންގެ އިރުޝާދުގެ ދަށުން ރާއްޖެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އޭނާއަށް ރަނގަޅަށް ޓީމު އެކުލަވާނުލެވުމެވެ. ފެށުން ދަށްވެ މުބާރާތުގައި ކުޅުންތެރިންގެ ކުޅުމަށް ވެސް އެކަމުގެ ސަބަބުން އަސަރުކުރި އެވެ.
މުބާރާތުގައި ވާދަކުރި ޓީމުތަކާ އަޅާކިޔާއިރު ރާއްޖޭގެ ކުޅުންތެރިންނަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނެތެވެ. އެހެން ނަމަވެސް ކޯޗު ވެންޑަކޫންގެ ބައެއް ނިންމުންތަކުގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު ކަމަށް ކުޅުންތެރިން ބުނެ އެވެ. އެ މުބާރާތުގެ ނާކާމިޔާބީއާ ގުޅިގެން ވެންޑަކޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ވޮލީ ޓީމު މި ފަހަރު މުބާރާތަށް ނުކުންނާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝަރަފްގެ ބެލުމުގެ ދަށުންނެވެ. ޝަރަފް ވަނީ 2013 ވަނަ އަހަރު ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ދެ ވަނަ މަގާމް ރާއްޖެއަށް ހޯދައިދީފަ އެވެ.
ޓީމާ ހަވާލުވުމަށް ފަހު ޝަރަފް ފުރަތަމަ ވެސް ބުނީ ވޮލީ ޓީމަކީ ބިނާވަމުން އަންނަ ޓީމެއް ކަމަށާއި ލިބިފައިވާ ވަގުތުގައި ތައްޔާރުވެ ކާމިޔާބު ނުހޯދޭނެ ސަބަބެއް ނެތް ކަމަށެވެ.
ވޮލީ ޓީމު މިހާރު އަންނަނީ ތައިލެންޑުގައި ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ. ވާދަވެރި ރަނގަޅު މެޗުތަކެއް ޓީމު ކުޅެމުން އަންނައިރު، ޝަރަފް ބުނީ ޓީމަށް ކުރިއެރުން ލިބެމުން އަންނަ ކަމުގެ ހެކިތައް ފެންނަމުން އަންނަ ކަމަށެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ކިރްގިސްތާނާއި ނޭޕާލާއި ތުރުކުމެނިސްތާނެވެ. ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ހޮވޭނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ޝަރަފް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މުބާރާތުގައި ކުޅޭ ހުރިހާ ޓީމެއްގެ އަތުން ރާއްޖެ ވަނީ ފާއިތުވި އަހަރުތަކުގައި މޮޅުވެފަ އެވެ. އެންމެ ފަހުން ބަންގްލަދޭޝްގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވި ނަމަވެސް މުބާރާތުގެ ތިން ވަނަ ހޯދީ ނޭޕާލް ބަލިކުރުމަށް ފަހު އެވެ. އެ މުބާރާތުގައި ކިރްގިސްތާން އަތުން ބަލިވި ނަމަވެސް މީގެ ކުރިން އެ ޓީމު އަތުން ވެސް ވަނީ މޮޅުވެފަ އެވެ. އަދި ތުރުކަމަނިސްތާން އަތުން ވެސް މީގެ ކުރިން މޮޅުވެފައިވެ އެވެ.
ކޯޗު ޝަރަފް ބުނީ ހުރިހާ ޓީމަކީ ވެސް ދާދި ހަމަހަމަ ޓީމުތަކެއް ކަމުން މޮޅުވާން ބޭނުންނަމަ އޮތީ ފުރިހަމަ އަށް ތައްޔާރުވެ އެ މެޗެއްގައި ރަނގަޅު މަސައްކަތް ކުރުން ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް ވަރަށް ހަމަހަމަ ޓީމުތަކެއް މިއުޅެނީ. އެ ދުވަހެއްގައި ރަނގަޅަށް ކުޅެވޭ ނޫނީ އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ޓީމެއް މޮޅުވާނީ. އަޅުގަނޑުމެން ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެގެން މިދަނީ،" ޝަރަފް ބުންޏެވެ.
ބައިނަލްއަގްވާމީ މުބާރާތަކަށްދާއިރު ފަރިތަކުރުމަށް ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅެލަން ލިބުން މުހިއްމެވެ. ތައިލެންޑަކީ އޭޝިއާ އަށް ބަލާއިރު ވޮލީގެ ކުރިއަރާފައިވާ ގައުމެކެވެ. އެ ގައުމުގެ ރަނގަޅު ފެންވަރުގެ ޓީމުތަކާ މެޗުތަކެއް ކުޅުމުގެ ފައިދާ މުބާރާތުގައި ރާއްޖެ އަށް ކުރާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އެންމެ މަދުން ލިބޭ ނަސީބަކީ އަމިއްލަ ގައުމުގައި ސަޕޯޓަރުންގެ ކުރިމަތީގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެލުމުގެ ފުރުސަތެވެ. ފުޓްބޯޅައިގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ ފަހަރު ގްރޫޕް ސްޓޭޖް މާލޭގައި ކުޅުނުއިރު ސެމީ ފައިނަލާއި ފައިނަލް ކުޅުނީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ލަންކާގަ އެވެ. ރާއްޖެ އަށް އެ ފަހަރު އެންމެ ބޮޑު އެއް ހިތްވަރަކަށްވީ ސަޕޯޓަރުންނެވެ. ވޮލީ ޓީމަށް މިއޮތީ އެ ފުރުސަތު ލިބިފަ އެވެ.
ވޮލީ ކުޅުންތެރިން ވެސް މި މުބާރާތަށް ނުކުންނައިރު ބޭނުންވަނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ރަނގަޅު ކުޅުމެއް ދައްކައި ކާމިޔާބު ހޯދުމަށެވެ. ގައުމީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނީ ތަށްޓާ ހިސާބަށް ދިއުމަށް ކުރާ މަސައްކަތުގައި މި ފަހަރު އެއް ފިޔަވަޅު ކުރިއަށް އަޅަން ބޭނުންވާ ކަމަށެވެ.
ގައުމީ ވޮލީޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަނިލް (ކ) އާއި ބަޓިސް (މ) އަދި ލޯންގޭ.-- ފޮޓޯ: މިހާރު
ގައުމީ ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނީ އަމިއްލަ ގައުމުގައި ކުޅުމުގެ ފައިދާ ނެގޭނެ ކަމަށެވެ.
"ވަރަށް ފޯމުގައި ޓީމު އޮތީ. މީގެ ދުވަހަކު ވެސް ނެތް ވަރަށް ޓީމު އޮތީ ރަނގަޅު ފޯމެއްގައި. އަމިއްލަ ގައުމުގައި ކުޅޭތީ ހުރިހާ އެންމެންވެސް ތިބީ ކާމިޔާބީ ބޭނުންވެފައި. އެގޮތަށް ޓީމު ވެސް މިއޮތީ،" ލޯންގޭ ބުންޏެވެ.
ހުނަރަށް ބަލާއިރު މި ވަގުތު ރާއްޖޭގައި އޮތީ ޗެމްޕިއަންކަން ހޯދޭ ފެންވަރުގެ ޓީމެކެވެ. އެ ޓީމު އެކުވެފައި އޮތީ ތަޖުރިބާކާރު ކުޅުންތެރިންނާއި ހުނަރުވެރި ޒުވާން ކުޅުންތެރިންގެ މެދުގަ އެވެ. ކޯޗިން ޓީމަށް ބެލިޔަސް ތިބީ ވޮލީގައި ނަން ގުނާލެވޭފަދަ ފަރާތްތަކެވެ. ޓީމުގެ ޓްރޭނަރު އަބްދުﷲ ނަޝީދު (އަބުޅޯ) އާއި އެސިސްޓަންޓް ކޯޗުން ކަމަށްވާ އިބްރާހިމް ޝިހާމް (ސަޑިއްކެ) އަދި މުހައްމަދު ސާޖިދު (ކާއްޓޭ) އަކީ ގައުމީ ލެވެލްގައި އެތަކެއް ކާމިޔާބީތަކާ ގުޅިފައިވާ ފަރާތްތަކެކެވެ.
ރާއްޖޭގެ ދެ ވަނަ ކުޅިވަރަށް ގިނަ ބަޔެއްގެ ލޯ އަމާޒުވެފައި އޮންނަތާ އެތަކެއް އަހަރެއް ވެގެންދިޔައިރު، މަދުވެފައިވާ ހަމައެކަނި އެއްޗަކީ ބައިނަލްއަގްވާމީ ތަށްޓެކެވެ. އެކަން ހާސިލްކުރުމަށް ޓީމުން އެކި ގޮތްގޮތުން މަސައްްކަތް ކުރަމުން އަންނައިރު، އަމިއްލަ ގައުމުގައި އެކަން ހާސިލްވުމަކީ އޭގެ އުފާ ދެ ގުނަ ވެގެންދާނެ ކަމެއްކަން ޔަގީނެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ އިންޓަރިމް ކޮމިޓީ ސައްހަބާ؟
ނާކާމިޔާބީއާ މެދު ކުޅުންތެރިންގެ ބަސް
ހުރިހާ ތީރެއް ޝަރަފާ ދިމާލަށް، އޭނާ ބުނަނީ ކީކޭ؟
ވާދަކުރެވޭ، ހޯދަންވީ ނަތީޖާ ނުނެރެވޭ ސަބަބު: ކޯޗު
ސެމީ އަށް ދިއުމަށް ރާއްޖެއަށް އޮތީ ކޮން ފުުރުސަތެއް؟
ޕްރެޝަރާ ކުރިމަތިނުލެވޭ މައްސަލައިގައި ޒިންމާނަގަން: ޝަރަފް
އޭވީސީ މުބާރާތުގައި ވާދަކުރަނީ ހަތަރު ގައުމު
ކުޅުންތެރިން ދަސްވީ މުބާރާތް ނިމުނު ފަހުން: ކޯޗު
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް