Roadha Mihaaru

ޒިބްރާކްރޮސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި ފިލި މީހަކު ހައްޔަރު

ހުޅުމާލެ 2 ގައި ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

މަގު ހުރަސްކުރަނިކޮށް ކާރުން ޖައްސައި ފިލުމުން ހައްޔަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 ސެޕްޓެމްބަރ 2025

ހުޅުމާލެ 2 ގައި ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފަ އެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:30 ހާއިރު ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ 63 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

ކަފިހިހުރަސް މަތިން ހިނގާފައި ދަނިކޮށް ކާރުން ޖެހި، އެ މީހާ ވެއްޓުމުން ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ފުވައްމަލަކުގެ ވިޔަފާރިވެރިއެއް ކަމަށްވާ އެ ރަށު ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57 އެވެ.