ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލާގައި ސުވާލު ކުރުމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
13 އޮކްޓޯބަރ 2025
ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލާގައި ސުވާލު ކުރުމަށް އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
ފައްޔާޒް އޭސީސީ އަށް ހާޒިރުކުރުމާ އެކު، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އެ އޮފީސް ކުރިމަތީގައި ބައެއް ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖު ކޮށްފަ އެވެ.
ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ އަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އޭސީސީއަށް ހާޒިރުކުރުމުން އެމްޑީޕީގެ ސަޕޯޓަރުން އެ ކޮމިޝަން ބޭރުގައި އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.
ސްވިފްޓް އިންޖިނިއަރިންއަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު ސައުދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.
މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ވެސް މެމްބަރު ސައުދުﷲ މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ.
ފައްޔާޒު އޭސީސީ އަށް ހާޒިރު ކުރުމާ ގުޅިގެން އެ ކޮމިޝަންގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން މިއަދު އިހުތިޖާޖު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ މަޝްރޫއުތައް އަތުލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިބޫގެ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީއަށް އޭނާ ހާޒިރުކުރުމުން، ފައިސާ އިން ބަދަލު ނުދީ، ވަކިކުރި ޕްރޮޖެކްޓުތަކާ އެއް އަގުގެ އެހެން ޕްރޮޖެކްޓުތައް ހަވާލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ އަމުރު ލިބުމުން ފައްޔާޒް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް މިއަދު އޭސީސީއަށް ހާޒިރުކުރި އިރު، ހަމަ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެމްޑީޕީ އެންމެ ފަހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް
އޭސީސީން ބަލާ މައްސަލާގައި އަސާސެއް ނެތް: ފައްޔާޒް
އޭސީސީއަށް ހާޒިރު ކުރަނީ ފަހަތަށް ޖައްސަން: އިބޫ
"ސްވިފްޓަށް ބަދަލު ދިނީ ދައުލަތަށް ފައިދާވާ ގޮތަށް"
ރިޝްވަތުގެ ކުށް އުވާލަން އުޅޭތީ ފާޑުކިޔުން އަމާޒުވެއްޖެ
ރައީސް ޔާމީނަށް ތުހުމަތުކޮށް އޭސީސީ އަށް މައްސަލަތަކެއް
އެމްޑީޕީން ރައީސްގެ ވާހަކަފުޅުގެ މާނަ އޮޅުވައިލީ
ފައްޔާޒުގެ ތާއީދު އިބޫގެ ކެންޑިޑޭޓް ގަޕޯއަށް
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
ހިތަށްވީ ތަދުގެ ބަދަލުހޯދަން އުޅެގެން ކުރިއެރުމެއް ނެތް