Roadha Mihaaru
އޮޑިޓް އޮފީހުގެ ހުށަހެޅުމަކީ އެއްގައުމަށް ބަރޯސާ ނުވުން

އެއްގައުމަކަށް ބަރޯސާވުމުން ބަޖެޓަށް ފައިސާ ނުލިބިދާނެ: އޮޑިޓް އޮފީސް

15 ނޮވެމްބަރ 2020

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ ފައިސާގެ ބޮޑު ބަޔަކީ އެއް ގައުމަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިސާ ކަމަށާއި އެހެން އެކަން އޮތުމުން އެ ފައިިސާ ނުލިބިދާނެ ކަަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ ފައިސާގެ ބޮޑު ބަޔަކީ އެއް ގައުމަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިސާ ކަމަށާއި އެހެން އެކަން އޮތުމުން އެ ފައިިސާ ނުލިބިދާނެ ކަަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް އޮޑިޓް އޮފީހުން ހުށަހެޅި ޕްޒެޒެންޓޭޝަނެއްގައި ބުނީ ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވާ ފައިސާގެ ހަތަރުބައިކުޅަ ތިން ބަޔަށްވުރެ ބޮޑުބައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ އެންމެ ގައުމަކުން ކަމަށެވެ.

ބަޖެޓާ ބެހޭ ގޮތުން އޮޑިޓަ ޖެނެރަލްގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކުގެ ޕްރެޒެންޓޭޝަން ކޮމިޓީ އަށް ހުށަހެޅުއްވީ އޮޑިޓް އޮފީހުގެ މެނޭޖަރު މުހައްމަދު ޝާނެވެ.

އާލާސްކަންފުޅާ އުޅުއްވާތީ އޮޑިޓާ ޖެެނެރަލް ހަސަން ޒިޔަތު އެ ބައްދަލުވުމަށް ވަޑައެއްނުގަންނަވަ އެވެ.

އޮޑިޓް އޮފީހުން ބަޖެޓް ދިރާސާކުރުމަށް ފަހު ހޯދާފައިވާ ހޯދުންތައް ހުށަހަޅުއްވަމުން ޝާން ވިދާޅުވީ ހިލޭ އެހީގެ ބޮޑުބައެއް ހޯދަން އެންމެ ގައުމަކަށް ބަރޯސާކުރާކަން އޮޑިޓް އޮފީހުން ފާހަގަކުރަނީ އެގޮތަށް އެކަން އޮތުމުން ފައިސާ ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތީމާ ކަމަށެވެ.

"އަޅުގަނޑުމެން މި ޕޮއިންޓް މި ފާހަގަކުރާ ސަބަބަކީ އަސްލުގައި ދުނިޔެއަށް އިގުތިސާދީ ގޮތުން މިހާ ދަތިކަމެއް ދިމާވެފައި އޮތް ހިނދެއްގައި އެއް ގައުމަކަށް މިހާ ބޮޑަށް ބަރޯސާވާ ނަމަ އެ ގައުމަށް އިގުތިސާދީ ދަތިކަމެއް ކުރިމަތިވާ ހިނދު، މި އަންދާޒާކުރި އަދަދަށް ފައިސާ ނުލިބުން އެކަށީގެންވާތީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި ފައިސާގެ ތެރެއިން ލިބުނީ 61 ޕަސެންޓްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ބުނީ ދައުލަތަށް އާމްދަނީ ހޯދާނެ ވަސީލަތްތަކުގެ ގޮތުގައި ބަޖެޓްގައި ހުށަހަޅާފައި ހުރި ކަންތައްތަކުގެ ތެރޭގައި ގާނޫނަށް ނުވަތަ ގަވައިދަށް ބަދަލު ގެެނެސްގެން ނޫނީ ތަންފީޒުނުކުރެވޭ ކަހަލަ ކަންތައްތައް އެބަހުރި ކަމަށެވެ. އެ އޮފީހުން ކަންބޮޑުވުން ފާޅުކުރި އަނެއް ކަމަކީ ދައުލަތުން ނަގާފައިވާ ދަރަނިތައް އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދިއުމެވެ. އެކަމަށް ހައްލެއް ހޯދައި ދަރަނި އަދާކުރާނެ ލުއި ގޮތްތަކެއް ހޯދަން އެ އޮފީހުން ހުށަހެޅި އެވެ.