Roadha Mihaaru

ޕޮލިސް ސްޓޭޝަންތަކާއެކު ބަދަލުވަނީ ސަލާމަތީ ހިދުމަތުގެ ލޭންޑްސްކޭޕް: މިނިސްޓަރު

ރަށްރަށުގައި އަޅަމުން އަންނަ ޕޮލިސް ސްޓޭޝަންތަކާ އެކު ބަދަލުކުރަމުން އަންނަނީ ސަލާމަތީ ހިދުމަތުގެ ލޭންޑްސްކޭޕް ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

"ޕޮލިސް ސްޓޭޝަނާއެކު ބަދަލުވަނީ ހިދުމަތުގެ ލޭންޑްސްކޭޕް"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

14 ނޮވެމްބަރ 2025

ރަށްރަށުގައި އަޅަމުން އަންނަ ޕޮލިސް ސްޓޭޝަންތަކާ އެކު ބަދަލުކުރަމުން އަންނަނީ ސަލާމަތީ ހިދުމަތުގެ ލޭންޑްސްކޭޕް ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

މީހުން ދިރިއުޅޭ 187 ރަށަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމާއި ރ. އިންނަމާދޫ ޕޮލިސް ސްޓޭޝަން ހުޅުވަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ހިދުމަތް ދެމުން ދިޔައީ 121 ރަށެއްގައި ކަމަށެވެ.

ނަމަވެސް، ދެ އަހަރަށް ވުރެ ކުރު މުއްދަތެއްގައި އިތުރު 66 ރަށުގައި ފުލުހުން ގާއިމްވެ، އެ ހިދުމަތް ދޭން ފެށުމަކީ ކާމިޔާބީއެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާދައިގެ ޕޮލިސް ސްޓޭޝަނެއް އަޅައި ހިދުމަތް ދިނުމަކީ އެހާ ވަރުގެ ކަމެއްތޯ ބަޔަކު ސުވާލުކޮށްފާނެ ކަމަށެވެ. ނަމަވެސް، ރަށެއްގައި އެ ފަދަ މަރުކަޒެއް ހުރުމުން އާއްމުންނާ ގާތުން 24 ގަޑިއިރު ހިދުމަތް ދެވި، މުޖުތަމައުގެ ސަލާމަތަށް ހިދުމަތް ދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ ނަތީޖާއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވި، އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ފުލުހުންގެ މަރުކަޒުގައި ތިބެގެން ހިދުމަތް ދިނުމެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި ޕޮލިސް ކޮމިޝަނަރު ނަވީން، އިންނަމާދޫގައި ގާއިމްކުރި ފުލުހުންގެ އާ މަރުކަޒު މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ޕޮލިސް

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި ޕޮލިސް ކޮމިޝަނަރު ނަވީން، އިންނަމާދޫގައި ގާއިމްކުރި ފުލުހުންގެ އާ މަރުކަޒު މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ޕޮލިސް

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަން ހިންގަމުން ދިޔައީ 17 ރަށުގައި ކަމަށެވެ.

ނަމަވެސް، މިހާރު ވެސް އެކި ރަށްރަށުގައި ޒަމާނީ ސްޓޭޝަންތަކާ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ބައިތިއްބަން އެކަމޮޑޭޝަންގެ ހަތަރު އިމާރާތް އަޅަމުން އަންނަ ކަމަށާއި އެ އިމާރާތްތަކާއެކު ބަދަލުވަމުން އަންނަނީ ސަލާމަތީ ހިދުމަތުގެ ލޭންޑްސްކޭޕް ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގުރައިދޫ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ މިދިޔަ ޖެނުއަރީ މަހު އަޅުއްވައިދެއްވީ ހޯމް މިނިސްޓަރެވެ. އޭގެ ނުވަ މަހާއި 20 ދުވަސް އެ އިމާރާތް ހުޅުވައިދެއްވީ ވެސް މިނިސްޓަރެވެ.

އިހުސާން ވިދާޅުވީ އެ ސްޓޭޝަންގެ މަސައްކަތުން އެކަނި ވެސް ސަރުކާރުގެ ސްޕީޑު ހާމަވާ ކަމަށެވެ.

މަސައްކަތްކުރާނެ އެކަށީގެންވާ އިމާރާތެއް ނެތި ފުލުހުން ހިދުމަތް ދެމުން ދިޔައީ ވަރަށް އުނދަގުލުގައި، ކަށިން ހިތްވަރު ނެރެގެން ކަމަށާއި އަދި ވޭނާއި ތަހައްމަލުކުރަމުން ދިޔަ ކަންކަން ފޮރުވާފައިވަނީ ވެސް އާއްމުންނަށް ހިދުމަތްކުރުމުގެ މަތިވެރި ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިންނަމާދޫގައި ގާއިމްކުރި ފުލުހުންގެ އާ މަރުކަޒު ހުޅުވަން އެ ރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ނަވީން ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް

އިންނަމާދޫގައި ގާއިމްކުރި ފުލުހުންގެ އާ މަރުކަޒު ހުޅުވަން އެ ރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ނަވީން ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް

މިނިސްޓަރު ވިދާޅުވީ އާއްމުންގެ ސަލާމަތް ރައްކާތެރިކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި އެ ވައުދުގެ ދަށުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ދިމާވާ ކޮންމެ ނުރައްކަލެއްގައި ހުރަހަކަށް ވެ، އަމާން މާހައުލެއްގައި ކުދިން ބޮޑުވާކަން ކަށަވަރުކުރުމާއި ޑްރަގުގެ ވަބާ އަދި ގޭންގު ކުށްތަކާއި ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ފުލުހުންގެ ހިދުމަތާއި އިންފްރާސްޓްރަކްޗާ ގާއިމްކުރަން ކުރަމުންދާ ބޮޑު މަސައްކަތެއް. ދިވެހި ގައުމަށް، ރައްޔިތުންގެ ސަލާމަތަކީ އަދުގެ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއް ކަންތައް. ދިވެހި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ 24 ގަޑިއިރު ފުލުހުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތިބޭނެކަން. ކޮންމެ ނުރައްކަލެއްގެ ހުރަހަކަށް ފުލުހުންވެ ހަށިގަނޑާއި ފުރާނައިން ގުރުބާންވާނެކަން،" އިހުސާން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ހަމައެކަނި ފުލުހުން ތިބެގެން ހިދުމަތެއް ނުދެވޭނެ ކަމަށެވެ. އެކަމަށް އެއްބާރުލުން ދިނުމަށް އާއްމުން ތިބެންޖެހޭތީ އެއީ، ދެ ފަރާތް ގުޅިގެން ދޭ ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ، އެކަކު އަނެކަކަށް އިތުބާރުކުރުމާއި އެ ހިދުމަތުގެ އަގުވަޒަންކޮށް އިދާރާގެ އަގު ހިފެހެއްޓުމަށް އަޒުމްކަނޑައަޅައި އަމަލުން ދެއްކުމަށް ފުލުހުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި އިތުބާރާއެކު އެކަކު އަނެކަކަށް އިހުތިރާމްކޮށް، ދެފުށްފެންނަ ގޮތެއްގައި ހިދުމަތް ދިނުމަކީ ފުލުހުންގެ މުއައްސަސާއަށް އާއްމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ނަވީން ވިދާޅުވި އެވެ.

ފުލުހުންގެ ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމަކީ އެ ހިދުމަތް ދެމި އޮންނާނެ ކަމުގެ ރަމްޒެއް ކަމަށް ވާތީ ޕޮލިސް ކޮމިޝަނަރު ވަނީ އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރަން އެދިވަޑައިގެންފަ އެވެ.