Roadha Mihaaru

ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރުމުގެ ކޮންފަރެންސް ފަށައިފި

ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ "ލޯކަލް ޕޮލިސިން ކޮންފަރެންސް" މިއަދު ފަށައިފި އެވެ.

ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

02 ޑިސެމްބަރ 2025

ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ "ލޯކަލް ޕޮލިސިން ކޮންފަރެންސް" މިއަދު ފަށައިފި އެވެ.

ދެ ދުވަހުގެ އެ ކޮންފަރެންސް ފެށީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ފުލުހުންގެ އެކި ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ އެ ކޮންފަރެންސްގެ ބޭނުމަކީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރުކުރުން ކަމަށެވެ.

އެ ކޮންފަރެންސްގައި ފުލުހުންގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް ޖުމްލަ 170 ފުލުހަކު ބައިވެރިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ މި ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހޯމް މިނިސްޓަރު އިހުސާން ވަނީ ފުލުހުންނާ އެކު ހާއްސަ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އަދި ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާންޖެހޭ ކަމަށް ވިދާޅުވެ އެ ނޫން އެހެން ގޮތެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ މުޅި ސިސްޓަމް ފެއިލްވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށެވެ.

ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތް މުއައްސަސާއަކީ ފުލުހުން ކަމަށް ވެސް ވަރަށް ތިލަކޮށް، ސާފުކޮށް އިހުސާން ވިދާޅުވި އެވެ.

މި ސަރުކާރަށް ދެ އަހަރުވީ އިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށާއި، އެ ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އިހުސާން އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.