ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރަން ބޭއްވި ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރަން ބޭއްވި ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ބޭއްވި "ލޯކަލް ޕޮލިސިން ކޮންފަރެންސް" އާ ގުޅޭ ގޮތުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ކުރިމަގުގައި ބައްޓަން ކުރާއިރު އަމާޒު ހިފާނެ ދާއިރާތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގާއި ކުޑަކުދިންނާ ގުޅޭ މައްސަލަތައް އަދި ބިދޭސީންގެ ފަރާތުން ކުރިމަތިވާ ކަންކަން ހައްލު ކުރުމެވެ.
"އެކްޝަން ޕްލޭންތަކެއްގެ ތެރެއިން އެ ދާއިރާތަކަށް ވަރަށް ކައިރިން ފުލުހުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ،" އިހުސާން ވިދާޅުވި އެވެ.
"ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ އިއްޔެގެ ސެޝަންގައި ޕްރެޒެންޓޭޝަނަކަށް މަޝްވަރާ ކުރަނީ.---ފޮޓޯ: ޕޮލިސް
ފުލުހުންގެ ހުރިހާ ކޮމާންޑަރުން ބައިވެރި ކޮށްގެން މިހާތަނަށް ބޭއްވި މިފަދަ ފުރަތަމަ ބޮޑު ކޮންފަރެންސާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މައްސަލަތައް ވަރަށް ކައިރިން ފެނިވަޑައިގެންނެވި ކަމަށާއި އެ ކަންކަން ހައްލު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
"މިއީ ހުރިހާ ކޮމާންޑަރުން އެއްތާނކުން ބައްދަލުވެ، މިގޮތަށް މައްސަލަތަކާ މެދު ވާހަކަ ދެއްކެވުނު ފުރަތަމަ ފަހަރު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ،" ގާނޫނުގެ ދަށުން ފުލުހުންގެ ކަންކަމަށް ޒިންމާ ނަންގަވަންޖެހޭ މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ދޭއިރު ރަނގަޅު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަންކަން ނުވަތަ "ޕޮލިސިން ރިކުއާމަންޓްތަކެއް" އެބަހުރި ކަމަށާއި ފުލުހުންގެ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކުރައްވާ ކަމަކީ ރައީސްގެ ފަރާތްޕުޅުން އެ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
"ލޯކަލް ޕޮލިސިން ކޮންފަރެންސް" ގައި މިނިސްޓަރު އިހުސާން މިދިޔަ އަންގާރަ ދުވަހު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް
"ފުލުހުންގެ އިދާރާއަކީ ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރާ ތަނެއް. އެތައް އަހަރެން ވަންދެން ރަނގަޅު ނުކުރެވި ހުރި ބައިވަރު ކަންކަމަށް މި ވާހަކަ ދެއްކެވުނީ. އަދި ކިރިޔާ ރަށްރަށުގައި ރަނގަޅު ސްޓްރަކްޗާތައް ވެސް ގާއިމް ކުރަން މި ފެށުނީ. ފުލުހުން ވަރަށް ހާލުގައި ރަށްރަށުގައި އުޅުނީ. މި މަޝްވަރާތަކުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ފަރާތުން އަބަދުވެސް ބޭނުންވަނީ ނަތީޖާ އެވެ.
"އެ ނޫން ކަަމެއް އަޅުގަނޑު ބޭނުމެއް ނޫން،،" އިހުސާން ވިދާޅުވި އެވެ.
"ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ އިއްޔެގެ ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---ފޮޓޯ: ޕޮލިސް
ލޯކަލް ޕޮލިސިން ކޮންފަރެންސްގެ ފުރަތަމަ ދުވަހު ޕީއެސްއެމާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށެވެ.
"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިހުސާނާއި ބައެއް ސީނިއާ އޮފިސަރުން ޕްރެޒެންޓޭޝަނެއް އަޑު އައްސަވަނީ---ފޮޓޯ: ޕޮލިސް
ފުލުހުންގެ ފަރާތުން ފެންނަން އޭނާ ބޭނުންވަނީ ތަހުގީގުތައް އަވަސް ކުރުމާއި މަގުމަތިން ގިނައިން ފުލުހުން ފެނުމާއި މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީވުން ރަނގަޅު ކުރުމާއި ފުލުހުންގެ ފަރާތުން ލިބޭ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސްވާ މިންވަރު ބޮޑުވުމާއި ފުލުހުން ހިންގާ އޮޕަރޭޝަންތައް ގިނަކޮށް އިދާރީ ކަންކަން މަދުކުރުން ކަަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާން ޖެހޭނެ ކަަމަށް ގަބޫލު ކުރައްވާ އިހުސާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ފުލުހުންގެ މުޅި ސިސްޓަމް ފެއިލް ވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރުވީ އިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށެވެ. އެ ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އިހުސާން ކަންބޮޑުވުމާ އެކު ވިދާޅުވެފައި ވެ އެވެ.
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
"ޕޮލިސް ސްޓޭޝަނާއެކު ބަދަލުވަނީ ހިދުމަތުގެ ލޭންޑްސްކޭޕް"
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
"ނަޒާހަތްތެރިކަން ވިއްކާ ނުލައި ކަރާމާތް ދަމަހައްޓާ"
ސީޕީގެ މަގާމުގެ އިންޓަވިއު ނިންމައި މިނިސްޓަރަށް
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކުރީގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު ރިޓަޔާކުރައްވައިފި
ދޮގު ތުހުމަތުނުކޮށް މައްސަލަ ބަލަން ފައްޔާޒު އެދިއްޖެ