Roadha Mihaaru

އަންހެނުން އަނިޔާއިން ރައްކާތެރިކުރަން ފަސްޖެހިގެން ނުވާނެ: ރައީސް

އަންހެނުންނަށް ކުރާ އަނިޔާތަކުން އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ފަސްޖެހިގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަނިޔާއިން ރައްކާތެރިކުރަން ފަސްޖެހިގެން ނުވާނެ: ރައީސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2025

އަންހެނުންނަށް ކުރާ އަނިޔާތަކުން އެ މީހުންނަށް ރައްކާތެރިކަން ހޯދައިދޭން ފަސްޖެހިގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާވެރިކަމުން ރައްކާތެރިކުރުމަށް ފަސްޖެހިގެން ނުވާނެ ކަމަށެވެ. ސަމާލަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެންމެންގެ ދިރިއުޅުމާ ޓެކްނޮލޮޖީ ގުޅިލާމެހިފައިވާ މި ޒަމާނުގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފުރައްސާރަ އާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

އެހެންވެ، އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީ ގައުމުގެ ކުރިއަށް ގެންދަން އެންމެން އެކީ މަސައްކަތްކޮށްގެން އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، އެ ކުދިން ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ދުވަހާ ގުޅިގެން އދ. އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވެ އެވެ. އަދި އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާފައިވާ އަންހެނުންގެ 60 ޕަސެންޓަކީ ބައިވެރިޔާ، ބައްޕަ، ބޮޑުބޭބޭ، މަންމަ އަދި ބޭބެ ފަދަ ގާތް މީހުންގެ ސަބަބުން މަރުވި މީހުންނެވެ. އަދި މަރާލި ފިރިހެނުންގެ ތެރެއިން 11 ޕަސެންޓަކީ ގާތް މީހުންގެ އަނިޔާތަކުގައި މަރާލި މީހުން ކަމަށް ބުނެފައިވެ އެވެ.

މިއީ 117 ގައުމަކުން އެއްކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ދީފައިވާ ނަންބަރެކެވެ. އެއީ ކޮންމެ ދުވަހަކު 137 އަންހެނުން ނުވަތަ ގާތްގަނޑަކަށް ކޮންމެ 10 މިނެޓަކުން އަންހެނަކު މަރާލުންކަމަށް އެ ރިޕޯޓުގައިވެ އެވެ.