Roadha Mihaaru
ބައިވެރިޔާ އަނިޔާކޮށްގެން 200 އަށްވުރެ ގިނަ މައްސަލަ

ބައިވެރިޔާ އަނިޔާކޮށްގެން މިއަހަރު 200 އަށްވުރެ ގިނަ މައްސަލަ

10 ނޮވެމްބަރ 2021

ކައިވެނިކޮށްގެން އުޅޭ ނުވަތަ ކުރިން ކައިވެނިކޮށްގެން އުޅުނު ބައިވެރިޔާގެ ފަރާތުން ގެވެށި އަނިޔާ ލިބިގެން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތާފަސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި އެފްޕީއޭ އަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ ރިޕޯޓުގައި ބުނެފައިވަނީ ކުރީގެ ނުވަތަ މިހާރުގެ ބައިވެރިޔާ އަނިޔާކޮށްގެން 245 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ފުރަތަމަ ކުއާޓާގަ އެވެ.

މި އަހަރުގެ މިހާތަނަށް އެ އިދާރާ އަށް ހުށަހަޅާފައި ވަނީ ގެވެށި އަނިޔާގެ 475 މައްސަލައެކެވެ. މިދިޔަ އަހަރު އެ އިދާރާ އަށް މުޅި ޖުމްލަ 615 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ގެވެށިގެ އަނިޔާގެ ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔާ އާއި ބިރުދެއްކުމާއި މާލީ ގޮތުން ދަތިކުރުމާއި އަދި އެކި ގޮތްގޮތުން ގޯނާކުރުމުގެ މައްސަލަތައް ކަމަށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުގެ ރިޕޯޓުގައިވެ އެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒަހާރާއެއްގެ ތެރެއިން.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒަހާރާއެއްގެ ތެރެއިން.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

މި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެން އެންމެ ގިނައީ މައިންބަފައިން، ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ގޮތުގައި ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހުންގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާ މައްސަލަތަކެވެ. އެ ކަހަލަ މައްސަލަތަކުގައި 457 ފަހަރު ކުދިންނަށް އަނިޔާކޮށްގެން ރިޕޯޓްކޮށްފައިވެ އެވެ.

މި މުއްދަތުގައި އެންމެ ގިނައިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ އަންހެނުންނެވެ. އެއީ 454 މީހުންނެވެ. ފިރިހެނުންނަށް ގެވެށި އަނިޔާކޮށްގެން 142 މީހެއްގެ މައްސަލަ ހުށަހަޅާފައިވެ އެވެ.

ކޮވިޑް-19އާ ގުޅިގެން އައި ދިގު ލޮކްޑައުންގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވި ކަމަށް ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވެ އެވެ.

ގެވެށި އަނިޔާގެ އަމަލެއް ހިނގާ ނަމަ، 1412 އަށް ގުޅައިގެން މައްސަލަ ރިޕޯޓްކުރެވޭނެ އެވެ.