މިދިޔަ އަހަރު ކޮންމެ 10 މިނެޓެއްގެ ތެރޭ އަންހެނަކު، އޭނާގެ ގާތް މީހެއްގެ އަނިޔާތަކުގައި މަރާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މިދިޔަ އަހަރު ކޮންމެ 10 މިނެޓެއްގެ ތެރޭ އަންހެނަކު، އޭނާގެ ގާތް މީހެއްގެ އަނިޔާތަކުގައި މަރާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މިއަދު ފާހަގަކުރާ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅުވައި ނެރުނު ރިޕޯޓްގައި އދ. އިން ބުނީ ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވާ ކަމަށެވެ. މި ރިޕޯޓްގައި، އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާފައިވާ އަންހެނުންގެ 60 ޕަސެންޓަކީ ބައިވެރިޔާ، ބައްޕަ، ބޮޑުބޭބޭ، މަންމަ އަދި ބޭބެ ފަދަ ގާތް މީހުންގެ ސަބަބުން މަރުވި މީހުންނެވެ. އަދި މަރާލި ފިރިހެނުންގެ ތެރެއިން 11 ޕަސެންޓަކީ ގާތް މީހުންގެ އަނިޔާތަކުގައި މަރާލި މީހުން ކަމަށް ބުނެފައިވެ އެވެ.
މިއީ 117 ގައުމަކުން އެއްކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ދީފައިވާ ނަންބަރެކެވެ. އެއީ ކޮންމެ ދުވަހަކު 137 އަންހެނުން ނުވަތަ ގާތްގަނޑަކަށް ކޮންމެ 10 މިނެޓަކުން އަންހެނަކު މަރާލުންކަން ރިޕޯޓްގައި ވަނީ ކަންބޮޑުވުމާ އެކު ފާހަގަކޮށްފަ އެވެ.
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ކުޑަ ތަންކޮޅެއް ދަށް އަދަދެއް ނަމަވެސް އދ. އިން ބުނީ މައުލޫމާތު ލިބުމުގައި ހުރި ދަތިކަމަށް ބަލާއިރު މިއީ ހަގީގަތުގައި ދަށްވުމެއް ކަމަސް ނުބެލެވޭ ކަމަށެވެ.
ރިޕޯޓްގައި ބުނެފައިވަނީ އަންހެނަކަށް ވީތީ މެރުމުގެ މައްސަލަ އަދިވެސް ވަރަށް ބޮޑު ކަމަށާއި އެކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބި އެތައް ހާސް އަންހެނުންނަކާއި އަންހެން ކުދިންގެ ފުރާނަ ގެއްލޭ ކަމަށެވެ. އަދި މި މައްސަލައާ ހެދި ގެޔަކީ އަންހެނުންނަށް އެންމެ ނުރައްކާތެރި ތަން ކަމަށް ވެފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ނެތް ސަރަހައްދެއް ދުނިޔޭގައި ނެތް ކަމަށާއި އެކަމަކު އަދިވެސް މައްސަލަ އެންމެ ބޮޑީ އެފްރިކާ ސަރަހައްދުގައި ކަމަށް ރިޕޯޓްގައިވެ އެވެ. އެ ސަަރަހައްދުގައި މިދިޔަ އަހަރު ވެސް 22،000 އަންހެނުން މަރާފައިވެ އެވެ.
"އަންހެނުން މަރާ ހިސާބަށް ދަނީ ކުއްލިއަކަށް ނޫން. މި ހިސާބަށް ދަނީ އަންހެނަކު ކޮންޓްރޯލް ކުރުމަށް -- އޮންލައިން މެދުވެރިކޮށް ހިންގާ އަމަލުތައް ވެސް ހިމެނޭ ގޮތަށް -- ބިރު ދައްކައި ފުރައްސާރަކުރުން ފަދަ އަނިޔާވެރި އަމަލުތައް ތަކުރާރުވަމުން ދިއުމަށް ފަހު،" ޔޫއެން ވިމެންސް ޕޮލިސީ ޑިވިޝަންގެ ޑިރެކްޓަރު ސާރާ ހެންޑްރިކްސް ރިޕޯޓްގައި ވިދާޅުވެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނުރުހުމުގައި އަންހެނުންގެ ފޮޓޯ އާންމުކުރުން، ޒާތީ ފޮޓޯ އާއި މައުލޫމާތު ހާމަކުރުން އަދި ޑީޕްފޭކް ވީޑިއޯ އުފެއްދުން ހިމެނެ އެވެ.
ރިޕޯޓްގައި ވަނީ މިފަދަ ކަންކަން ހުއްޓުވޭނެ ހަރުކަށި ގާނޫނުތައް ހަދަންޖެހިފައިވާ ކަމަށެވެ. -- އޭއެފްޕީ
އދ.ގެ އަންހެނުންގެ ކޮމިޝަނުން އީރާން ބޭރުކޮށްފި
އަނިޔާވެރި ބައިވެރިން ދޫކޮށްލާ މީހުންނަށް މާލީ އެހީ
އީޔޫ ޕާލިމަންޓް އިމާރާތް ވަގުތީ ހިޔަލަކަށް
ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ގިނަ: މިނިސްޓަރު
އަނިޔާއަކީ އާދައިގެ ކަމަކަށް ހެދުން ބަލައެއްނުގަނެވޭނެ
އަނިޔާއިން ރައްކާތެރިކުރަން ފަސްޖެހިގެން ނުވާނެ: ރައީސް
ސްޓެލްކޯގެ އިލެކްޓްރީޝަން ކޯސް ނިންމާލައިފި
ޝަރުއީދާއިރާގެ މުވައްޒަފުންނަށް މޫނު ބުރުގާ ހުއްދަކޮށްފި
އަންހެނުންނަކީ ކޮބައިކަން ޔޫކޭގެ ކޯޓުން ކަނޑައަޅައިފި
އދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވެއްޖެ