Roadha Mihaaru
ގަންނަ މީހާއަށް އުމުރު ދުވަސް، ވެރިންނަށް 1 ދުވަސް!

ގަންނަ މީހާއަށް އުމުރު ދުވަސް، ވިއްކާ މީހާއަށް އެއް ދުވަސް!

11 ޖެނުއަރީ 2023

އެއް އަހަރު 370 ކިލޯ އެވެ. ޖެހިގެން އައި އަހަރު 400 ކިލޯއަށް ވުރެ ގިނަ އެވެ. ތިން ވަނަ އަހަރު 100 ކިލޯއިން މަތީގަ އެވެ. މިއަހަރުގެ މިހާތަނަށް 11 ކިލޯ އެވެ. މިއީ ކަންމަތީ ފިހާރަކަށް ވިއްކަން ގެނައި ކާޑުގެ ބާވަތްތަކުގެ އަދަދެއް ނޫނެވެ. ވޭތުވެދިޔަ ދެ ތިން އަހަރު ފުލުހުންގެ އެކަނި އަތުލައިގަތް ޑްރަގްގެ އަދަދެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއް އަހަރު 370 ކިލޯ އެވެ. ޖެހިގެން އައި އަހަރު 400 ކިލޯއަށް ވުރެ ގިނަ އެވެ. ތިން ވަނަ އަހަރު 100 ކިލޯއިން މަތީގަ އެވެ. މިއަހަރުގެ މިހާތަނަށް 11 ކިލޯ އެވެ. މިއީ ކަންމަތީ ފިހާރަކަށް ވިއްކަން ގެނައި ކާޑުގެ ބާވަތްތަކުގެ އަދަދެއް ނޫނެވެ. ވޭތުވެދިޔަ ދެ ތިން އަހަރު ފުލުހުންގެ އެކަނި އަތުލައިގަތް ޑްރަގްގެ އަދަދެވެ.

ފަހުގެ ތާރީޚެއްގައި އަތުލައިގަތް މަސްތުވާއެއްޗެހީގެ އަދަދަށް އެކަނި ބެލިޔަސް، ރާއްޖޭގައި އޭގެ ވިޔަފާރި ފުޅާވެފައިވާ މިންވަރު ކިތަންމެހާ ވެސް ސާފެވެ. އެހެން ނަމަވެސް މަސްތުވާތަކެތި ގަންނަ މީހުން ފިޔަވައި އެހެން ބަޔަކަށް ގާނޫނު ހިނގާ މަންޒަރު ނުފެނުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެކެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމްތައް އެ އަންނަނީ ކުޑައެތިކޮޅު ގަނެގެން ދާ އާދައިގެ މީހާއަށެވެ. ޑްރަގް ވިއްކަން ތިބި އަދި ބޮޑެތި ނެޓްވޯކްތައް ހަދައިގެން ކިލޯ ކިލޯއިން އެތެރެކުރަނިކޮށް އަތުލައިގަންނަ މީހުން އަދިވެސް އެ ތިބީ އެވެ. "ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަހޭ" ބުނާ ބީދައިންނެވެ.

"ބޮޑުން" ދޫވަނީ، ގަންނަ މީހުންނަށް ސަލާމަތެއް ނެތް!

ތެދެކެވެ. ޑްރަގްގެ ކިތަންމެ ކުދި އެތިކޮޅެއް ގެންގުޅޭ މީހާއަށް ވެސް ގާނޫނުގައި ބުނާ އަދަބު ދޭން ޖެހެ އެވެ. އެކަމަކު މައްސަލައަކީ ކާޑުގެ ބާވަތްތައް އެތެރެކޮށް، ވިއްކާހެން ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރާ މީހުންނަށް އަދަބު ނުދެވޭތީ އެވެ. ތަފާސްހިސާބުތަކުން ވެސް ދައްކަނީ އެ މަންޒަރެވެ.

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ މައްސަލަ ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމްތައް އިއްވި އެވެ. އެކަމަކު އޭގެ ތެރެއިން 90 ޕަސެންޓަކީ 100 ގްރާމަށް ވުރެ ދަށުގެ އަދަދުގެ ޑްރަގް މައްސަލަތަކެވެ.

"ކުދިކުދި އަދަދުތަކުން ގެންގުޅޭ މީހުން ކުށް ފޮރުވަން އެކަހަލަ ވަސީލަތްތަކެއް ލިބިފައެއް ނުހުރޭ. އެހެންވީމަ ތަހުގީގު ފަސޭހަ ވެފައި ކުށް ސާބިތުކުރަން ވެސް ފަސޭހަވަނީ."

ޑްރަގްގެ 100 ގްރާމަށް ވުރެ މަތީގެ އަދަދު ހިމެނޭ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ސާބިތުވީ އެންމެ ހަ މައްސަލަ އެކެވެ. އޭގެ ތެރެއިން ވެސް އެންމެ މަތީ އަދަދެއް ހިމެނުނީ އަށް ކިލޯގެ ޑްރަގް މައްސަލައެއްގަ އެވެ. ދެންމެ ސާބިތުވި އެންމެ ބޮޑު މައްސަލައަކީ 1.9 ކިލޯގެ ޑްރަގް މައްސަލަ އެކެވެ.

އެންމެ ހަތަރު ގްރާމް ޑްރަގް ގެންގުޅުނު މީހުންނަށް މިދިޔަ އަހަރު އުމުރު ދުވަހު ޖަލު ހުކުމް އިއްވިއިރު، އެތައް ސަތޭކަ ކިލޯއެއް ހިމެނޭ ޑްރަގް ބޮޑެތި ނެޓްވޯކްތަކުގެ މައްސަލަތައް ހުރީ ނުނިމި ނިޒާމުތަކުގެ ތެރޭގައި ތާށިވެފަ އެވެ. ދެން ފެންނަނީ ކޮންމެވެސް ގޮތަކުން އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވާ ތަނެވެ.

އަތުލައިގެންފައިވާ ޑްރަގްސްތަކެއް ނައްތާލަނީ --- ފޮޓޯ/މިހާރު

އަތުލައިގެންފައިވާ ޑްރަގްސްތަކެއް ނައްތާލަނީ --- ފޮޓޯ/މިހާރު

މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރު އަތުލައިގަތް 130 ކިލޯ އާއި 2021 ވަނަ އަހަރު އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ ޝަރީއަތް އިބްތިދާއީ މަރުހަލާއަކުން ކުރިއަކަށް ނުކަނޑަ އެވެ. މި ނޫނަސް އެތައް މައްސަލައެއް ކޯޓުތަކުގައި ނުނިމި އެވެ. ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކުގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރޭގައި ނުނިމި ހިނގާ ކޮންމެ ދުވަހަކީ އިންސާފު ގާއިމްކުރަން އެޅޭ ހުރަހެކެވެ. ގެއްލޭނެ ހެކިތައް ބައިވަރެވެ. އެކަމަކު ފުލުހުންނާއި ދައުލަތާއި ކޯޓުތަކުން ދައްކަނީ އެކި މުއައްސަސާގެ އިހުމާލެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮޑެތި އަދަދުތަކުން ޑްރަގް ގެންގުޅެ އަދި ވިޔަފާރިކުރާ މީހުންނަށް ކުށް ސާބިތުކުރަން އުނދަގޫވަނީ ވަރަށް ބޮޑަށް ރޭވިގެން އެކަން ހިނގަމުންދާތީ އެވެ. އެހެންވެ، އެ މީހުންނާ ދެކޮޅަށް ހެކި ހޯދުން ވެސް އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ކުށްތައް ފޮރުވަން އިންވެސްޓް ކުރާނެ. ފާރައަށް މީހުން އެބަ ބައިތިއްބާ. ސީސީޓީވީ ނެޓްވޯކް އަމިއްލައަށް އަޅާފައި އޮވޭ. ޖުމްލަކޮށް ބުނާނަމަ ކުށްކުރަނީ ކޮމްޕްލެކްސްކޮށް ގުޅިގެން. އެހެންވީމަ ތަހުގީގުތައް ވެސް ހިންގަން މިޖެހެނީ އެ ހުރިހާ ކަމަށް ވިސްނައިގެން." އޭނާ ވިދާޅުވި އެވެ.

"ކުދިކުދި އަދަދުތަކުން ގެންގުޅޭ މީހުން ކުށް ފޮރުވަން އެކަހަލަ ވަސީލަތްތަކެއް ލިބިފައެއް ނުހުރޭ. އެހެންވީމަ ތަހުގީގު ފަސޭހަ ވެފައި ކުށް ސާބިތުކުރަން ވެސް ފަސޭހަވަނީ." އޭނާ ވިދާޅުވި އެވެ.

ގާނޫނު ގަބޫލުކުރާ ގޮތް

ކުޑަ އަދަދެއްގެ ޑްރަގް ބޭނުން ކުރުމަށްޓަކައި ގެންގުޅުނަސް، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަނީ ގާނޫނު އޮންނަ ގޮތުންނެވެ. ސަބަބަކީ ބައެއް ބާވަތުން އެންމެ ގްރާމެއް އަދި އަނެއް ބައި ބާވަތްތަކުގެ 10 ގްރާމާއި 14 ގްރާމާ ދެމެދުގެ އަދަދެއް ހަމަވުމުން ޓްރެފިކް ކުރީ ކަމަށް ގާނޫނުގެ ބޭނުމަށް ބަލާތީ އެވެ.

"ބޭނުންކުރަން ގެންގުޅުނު އެއްޗަކަށް ވިޔަސް، ބަރުދަން ހަމަވީމަ ގާނޫނު ދަންނަނީ އެއީ ޓްރެފިކް ކުރުން ކަމަށް."

މާނައަކީ މިސާލަކަށް 10 ގްރާމް ގެންގުޅޭ މީހާ އާއި 100 ވަރަކަށް ކިލޯގެ ޑްރަގް ހިފައިގެން ވިޔަފާރިކުރާ މީހާއާ ދެމެދު ގާނޫނުގެ ކުރިމަތީގައި ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ ކުރިން ވެސް ފާހަގަ ކުރިހެން، 100 ކިލޯ ހިފައިގެން ވިޔަފާރިކުރަން އުޅޭ މީހާއަށް ކޮންމެވެސް ގޮތަކުން ސަލާމަތްވެވޭތީ އެވެ.

މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި ގޮތުގައި ޓްރެފިކިންގެ ދައުވާ ގިނައިން ސާބިތުވެފައި މަސްތުވާތަކެތީގެ ވިޔަފާރީގައި އެއްވެސް ވަރަކަށް ނޫޅެ، ހަމައެކަނި ބޭނުންކުރުމަށްޓަކައި އެ ތަކެތި ގެންގުޅޭ މީހުންނަށެވެ.

ގިނަ މީހުންނަށް އެކަމުގެ ބޮޑުކަން އެނގެނީ ވެސް ހައްޔަރުކޮށް، ދައުވާ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިކުދި އަދަދުތަކުން ޑްރަގް ހޯދައިގެން އުޅެނީ ހައްޔަރު ކުރިޔަސް މާ ބޮޑު އަދަބެއް ނާންނާނެ ކަމަށް ހީކޮށް. އެކަމަކު ފުލުހުން އެ ތަކެތި ތަހުލީލު ކޮށްފައި ބަރުދަން ބަލާއިރު ޓްރެފިކިންގެ މިންގަނޑަށް އެރީމަ ދެން މި އެނގެނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަން." އޭނާ ވިދާޅުވި އެވެ.

ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުން މީހަކު ފާސްކުރަނީ --- ފޮޓޯ/މިހާރު

ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުން މީހަކު ފާސްކުރަނީ --- ފޮޓޯ/މިހާރު

ޕީޖީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޓްރެފިކިންގެ ބަރުދަން ހަމަވާނަމަ ލުޔެއް ދިނުމުގެ ބާރެއް ނޯވެ އެވެ.

"ގާނޫނު އޮންނަ ގޮތުން ދައުވާ ކުރުމުގައި ބަލާ މިންގަނޑަކީ ބަރުދަން. ބޭނުންކުރަން ގެންގުޅުނު އެއްޗަކަށް ވިޔަސް، ބަރުދަން ހަމަވީމަ ގާނޫނު ދަންނަނީ އެއީ ޓްރެފިކް ކުރުން ކަމަށް. ގާނޫނުން ޕްރިޒަމްޝަނެއް ކަނޑައަޅާފައި އޮތް ކަމެއް އެއީ." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ގާނޫނުގައި އޮންނަނީ ޑްރަގް ވިޔަފާރިކުރުން އޭގެ ޒާތުގައި ސާބިތުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ. އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަކީ އުސޫލަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ބަރުދަނަށް ބަލައިގެން ގާނޫނު ހަދާފައި ހުންނަނީ." އޭނާ ވިދާޅުވި އެވެ.

ގަންނަ މީހާ ކުށްވެރިވާއިރު ވިއްކި މީހާ ކޮބާ؟

ޔަގީންވާ ކަމަކީ މީހެއްގެ އަތުން ޑްރަގް ހުންނާނީ މީހަކު އޭނާއަށް ވިިއްކައިގެން ކަމެވެ. އެކަމަކު މިގޮތަށް ކުދި އަދަދުތަކުން މީހުން އަތުލައިގަނެވުނަސް، އެ ތަކެތި އެ މީހަކަށް ވިއްކި ބަޔަކު ހޯދަން ތަހުގީގުތައް އެހާ ބޮޑަށް ފޯކަސް ވެފައެއް ނެތެވެ.

"ވިޔަފާރީގެ ގުޅުން އޮތް މިންވަރަށް ބަލައިގެން މަދުމަދުން ނަމަވެސް ދައުވާ ކުރެވިފައި ހުންނާނެ."

އޭގެ އެއް ސަބަބަކީ ޑްރަގްގެ ބޮޑެތި އަދަދުތައް މުޖްތަމައުގެ ތެރެއަށް ދޫވުމުގެ ކުރިން އެ ތަކެތި އަތުލައިގަތުމަށް ކުރާ މަސައްކަތަށް އިސްކަން ދިނުމެވެ. ދެވަނަ ސަބަބަކީ ކުޑަ އެތިކޮޅު ގަނެގެންދާ މީހާ އަތުލައިގަތަސް، އޭނާއަށް އެ ތަކެތި ވިއްކާ ބޮޑު ނެޓްވޯކާ ހަމައަށް ވާސިލްވާން ހުރި އުނދަގޫތަކެވެ.

އެކަމަކު ޕީޖީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ވިއްކާ މީހާއާ ހަމައަށް ދާން އުނދަގޫ ވިޔަސް، ބައެއް ސިޔާސަތުތަކަށް ބަދަލު ގެނެސް، އެގޮތަށް ދައުވާ ކުރުމުގެ ނިޒާމު ދަނީ ބަދަލު ކުރަމުންނެވެ. އެގޮތަށް ބައެއް މައްސަލަތަކުގައި މިހާރު ދައުވާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރީގެ ގުޅުން އޮތް މިންވަރަށް ބަލައިގެން މަދުމަދުން ނަމަވެސް ދައުވާ ކުރެވިފައި ހުންނާނެ. އޭގެ ނަތީޖާ ފެންނަން ދުވަސް ނަގާނެ." މިހާރު ކޯޓުގައި ހިނގަމުންދާ ޑްރަގްގެ ބައެއް މައްސަލަތަކަށް އިޝާރާތްކޮށް، އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ގަންނަ އާދައިގެ މީހާއަށް ބޮޑެތި ހުކުމްތައް އަޔަސް، އެތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންނަށް އަދަބު ނުދެވޭ ނަމަ އެއީ ފޫ ނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެކެވެ. ރެކޯޑް އަދަދުތަކުން ޑްރަގް އަތުލައިގަތަސް އަދިވެސް ފެންނަނީ އާދައިގެ މީހާ ނޫން ބަޔަކަށް ގާނޫނު ނުހިނގާ ތަނެވެ.