ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވަވާ ބައްދަލުވުންތަކުގައި އެކި ރައްޔިތުން އެމަނިކުފާނާ ކުރަން ބޭނުންވާ ސުވާލާއި ދޭން ބޭނުންވާ މެސެޖްތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދުރާލައި ނުހޯއްދަވަން އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
28 ނޮވެމްބަރ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވަވާ ބައްދަލުވުންތަކުގައި އެކި ރައްޔިތުން އެމަނިކުފާނާ ކުރަން ބޭނުންވާ ސުވާލާއި ދޭން ބޭނުންވާ މެސެޖްތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދުރާލައި ނުހޯއްދަވަން އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރަކު "މިހާރު"އަށް ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ނުކުރައްވަން އެދިވަޑައިގެން ރައީސް މެސެޖެއް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށެވެ.
ރައީސް މިގޮތަށް އެންގެވީ އެ މަނިކުފާނު ބާއްވަވަން ނިންމަވާފައިވާ ބައްދަލުވުމެއްގައި ކުރާނެ ސުވާލު ފޮނުވައިދޭން މަޖިލީހުގެ މެމްބަރަކު، އެ ދާއިރާގެ މެމްބަރުންގެ ގްރޫޕަކަށް މެސެޖް ކުރެއްވިކަން އެނގިވަޑައިގަތުމުން ކަމަށް ވެ އެވެ.
މިއީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ނޫން ކަން މެމްބަރުންނަށް ހާމަކުރައްވައި، ރައީސް ވިދާޅުވީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ ގޮތެއްގައި އެމަނިކުފާނާ ސުވާލުކޮށް، ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ ދިނުމަށާއި ސިޓީއެެއް ހަވާލުކުރަން އޮތް ނަމަ ހަވާލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ.
"މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް އެމްޕީސް [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން] މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވަން،" މެމްބަރުން ތިއްބަވާ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވި ކަމަށް ވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ ދާއިރާގެ ރައްޔިތަކާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނަށް ސުވާލުކުރަން ހުޅުވާލައިގެން ރަށްރަށުގައި ބޭއްވެވި ބައްދަލުވުންތަކަށް ފަހު ރައީސް މިހާރު ކުރިއަށް ގެންދަވަނީ މާލޭގެ ދާއިރާތަކުގެ ރައްޔިތުންގެ ބައްދަލުވުމެވެ. ވިލިމާލެއަށް ފަހު ރައީސް ވަނީ މައްޗަންގޮޅި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި އެ ދެ ބައްދަލުވުމުގައި، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސާ ވަނީ ސުވާލު ކުރައްވައިފަ އެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ މައްސަލަތަކުގެ އިތުރުން އެ ރައްޔިތުންގެ ހުރި އަމިއްލަ ކަންބޮޑުވުންތައް ވެސް ހުށަހަޅާފައިވެ އެވެ.
މި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވުމަށް ފަހު، ވަކިވަކިން ބައްދަލުކުރައްވަން ބޭނުންވާ މީހުންނަށް ބައްދަލުވުން ނިންމާލެއްވުމަށް ފަހު އެ ފުރުސަތު ވެސް ދެއްވަ އެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުން ދައްކަން ބޭނުންވި ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް
ޒަމާނީ ބަދަލުތަކާއެކު ގަޑިބުރު އަލުން ހުޅުވައިފި
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ
އަރަބިއްޔާގެ ބާ އިމާރާތް ތަޅާލައި ޕާކިން ޒޯނެއް ހަދަނީ
ރައީސް މާދަމާ ރޭ މައްޗަންގޮޅި ރައްޔިތުން ގާތަށް
ރައީސް، މާލޭގެ ރައްޔިތުންނާއި ވިޔަފާރިވެރިން ގާތަށް
ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ދެނީ
ހެޔޮވެރިކަމެއްގެ ނިޝާންތައް އެބަ ފެނޭ: ނައިބު ރައީސް
މާލެ އާއި އެހެން ރަށްތައް ހަމަހަމަވާނެ: ރައީސް
206 މަޝްރޫއުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި