Roadha Mihaaru

10 އަހަރު ފަހުން ރަންބީރާއި ދީޕިކާ އެކުގައި ފިލްމެއް ކުޅެނީ

ކުރީގެ ލޯބިވެރިން ކަމަށްވާ ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރް 10 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރާއި ދީޕިކާ އެކުގައި ފިލްމެއް ކުޅެނީ

ކުރީގެ ލޯބިވެރިން ކަމަށްވާ ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން އާއި ރަންބީރު ކަޕޫރް 10 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަހަރުތަކެއް ފަހުން ރަންބީރާއި ދީޕިކާ އެކުގައި ކުޅޭ އެ ފިލްމު ޑައިރެކްޓުކުރަނީ "ޔޭ ޖަވާނީ ހޭ ދީވާނީ" އާއި "ބްރަމާސްތުރަ" ގެނެސްދިން އަޔަން މުކަރްޖީ އެވެ.

އެ ދެ ތަރިން އެކުގައި ކުޅޭ ފިލްމަކީ 1956 ވަނަ އަހަރު ގެނެސްދިން، ކުރީގެ ލެޖެންޑްރީ އެކްޓަރުން ކަމަށްވާ ރާޖް ޖަޕޫރާއި ނަރްގިސް ލީޑް ރޯލު ކުޅުނު "ޗޯރީ ޗޯރީ"ގެ އެޑަޕްޓޭޝަނެއް ނަމަވެސް، އޮރިޖިނަލް ފިލްމުގެ ޕްލޮޓާއި މި ފިލްމުގެ ޕްލޮޓުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

"ޗޯރީ ޗޯރީ"އަކީ ގަދަކަމުން ކައިވެނިކުރުވަން އުޅުމުން އެކަމާ ދެކޮޅު ހަދައި، އާއިލާއަށް ފިލައިގެން އުޅޭ އަންހެނަކަށް ނޫސްވެރިޔަކާ ދިމާވެ، ލޯބިވެވި، އޭނާގެ ދިރިއުޅުން ބަދަލުވާ ގޮތް ދައްކާ ފިލްމެކެވެ.

އެ ފިލްމު އުފައްދަނީ ރަންބީރް މުނިކާފަ ރާޖް ކަޕޫރްގެ ނަމުގައި ކުރިން ހިންގި ފިލްމު ޕްރޮޑަކްޝަން "އާރުކޭ ފިލްމްސް"ގެ ދަށުން ކަމަށާއި އެއީ ރާޖް ކަޕޫރްގެ ލެގަސީ ދަމަހައްޓަން ރަންބީރް ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ރަންބީރާއި ދީޕިކާ އެކުގައި އެންމެފަހުން ކުޅުނު ފިލްމަކީ 2015 ގައި ރިލީޒްކުރި "ތަމާޝާ" އެވެ. އޭގެ ކުރިން ހަމަ އަޔަން ޑައިރެކްޓުކުރި، ގިނަ ބައެއްގެ ލޯބި ލިބުނު "ޔޭ ޖަވާނީ ހޭ ދީވާނީ"ގައި ވެސް އެ ދެ ތަރިން މަސައްކަތްކުރި އެވެ.

ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ"ގަ އެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅެނީ އާލިއާ ބަޓް އެވެ. އަދި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރަމަޔާނާ" ފިލްމުގެ މަސައްކަތް ވެސް ރަންބީރް އަންނަނީ ކުރަމުންނެވެ.

ދީޕިކާ މިހާރު މަސައްކަތްކުރަމުން އަންނަނީ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގަ އެވެ.