Roadha Mihaaru

ދިވެހި ރުކާއި ހައިވަކަރު ގަހާ އެކު ވިލިމާލޭގައި 500 ގަސް އިންދައިފި

ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގެ އެކި ތަންތަނުގައި 500 ގަސް އިއްޔެ އިންދައިފި އެވެ.

ރުކާއި ހައިވަރަކާއެކު ވިލިމާލޭގައި 500ގަސް އިންދައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

01 ޑިސެމްބަރ 2025

ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގެ އެކި ތަންތަނުގައި 500 ގަސް އިއްޔެ އިންދައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ބާއްވާފައިވާ ކަމަށެވެ. އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިލިމާލޭގައި އިއްޔެ ހަވީރު ބޭއްވި އެ ހަރަކާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނަޒިމް އިބްރާހިމް އަދި ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން، ގަސް އިންދަވާފައިވެ އެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

މިނިސްޓްރީން ބުނީ ވިލިމާލޭގައި ބޭއްވި ހަރަކާތުގައި 100 ދިވެހި ރުއް ތިން ސަރަހައްދެއްގައި އިންދާފައިވާ ކަމަށެވެ. އަދި 100 އަށް ވުރެ ގިނަ ހައިވަކަރު ގަސް ވެސް ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތުގައި އިންދި ގަހެއް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި 500 ގަސް އިންދުމަށް ބޭއްވި ހަރަކާތުގައި އިންދި ގަހެއް.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރީތިކަން ދިރުވައި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. ރައީސް މުއިއްޒު އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.

ސަރުކާރުން ބުނި ގޮތުގައި، އެ ޕްރޮގްރާމް ފެށި ފަހުން މިހާތަނަށް ރާއްޖޭގެ އެކި ތަންތަނުގައި 827,000 އަށް ވުރެ ގިނަ ގަސް ވަނީ އިންދައިފަ އެވެ.

ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ނަގަން ސަރުކާރުން ނިންމާފައި ވާތީ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނާއި އާންމުންގެ ފާޑުކިޔުން އެކަމަށް ވަރަށް ބޮޑަށް މި ދުވަސްވަރު ވަނީ އަމާޒުވެފަ އެވެ. އެ ނިކަގަސްތައް ނަގަން ނިންމީ، އޭގެ މުލުގެ ސަބަބުން އާންމުންގެ ގޭގެއަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ ލިބޭތީ ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސް މުއިއްޒު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން މިހާ އިސްކަންދިން ސަރުކާރެއް ނޯންނާނެ ކަމަށެވެ.

"ގަސް ކެނޑުމާއި މި ކަންކަމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. އެކަމަކު ތަނެއްގެ ޒަރޫރީ ބޭނުމަކަށް، އިންސާނެއްގެ ދިރިއުޅުމަށް އުނދަގޫވާ ކަމަށް ވަންޏާ އޮންނަ ހަމަތަކާއި އުސޫލުތަކުގެ މަތިން، ގާނޫނީ ގޮތުން އިޖުރާއަތްތައް ފުރިހަމަ ކުރެވިގެން އެ އޮންނަ ގޮތަކަށް ގަހެއް އެތަނުން ނެގުމަކީ ގަސް އިންދުމާ ދެކޮޅު ހެދުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާންމުންނަށް އުނދަގޫވާތީ ވިލިމާލޭގައި ދެ ނިކަގަސް ނަގާއިރު، އޭގެ ބަދަލުގައި އެ އަވަށުގެ އެކި ތަންތަނުގައި 300 ގަސް އިންދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.