ސްޕީޑް ބާރު ލޯންޗެއްގައި މާލޭ 1 ނަންބަރު ޖެޓީން މިއަދު ހަވީރު 3:15 ހާއިރުން ގަޑިއިރަކު 42 މޭލު ބާރު މިނުގައި ދަތުރުކުރަމުން ގޮސް ލޯންޗު މަޑުކޮށްލީ ގަޑިން 3:32 ގަ އެވެ.
18 ޑިސެމްބަރ 2023
ސްޕީޑް ބާރު ލޯންޗެއްގައި މާލޭ 1 ނަންބަރު ޖެޓީން މިއަދު ހަވީރު 3:15 ހާއިރުން ގަޑިއިރަކު 42 މޭލު ބާރު މިނުގައި ދަތުރުކުރަމުން ގޮސް ލޯންޗު މަޑުކޮށްލީ ގަޑިން 3:32 ގަ އެވެ.
މާލެ އިން 17 މިނިޓުން މި އާދެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ މަޝްރޫއު ކުރިއަށް އޮތް 8 މަސް ދުވަހު ކުރިއަށް ގެންދާނެ ފުށިދިއްގަރުފަޅަށެވެ. ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" އެއް ގެނެސްދޭން ތަރައްގީ ކުރާ ބިޔަ ސިޓީގެ މަންޒިލަށެވެ. މުސްތަގުބަލުގައި އެތައް ހާސް ބަޔަކު ދިރިއުޅޭނެ ތަނަށެވެ.
އެ ބޮޑު ފަޅު ތެރެއަށް ނޫސްވެރިން ތިބި އެމްޓީސީސީގެ ލޯންޗު ވަން އިރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށް ޑްރެޖަރު ކައިރި ކޮށްފައި އޮތެވެ. ޑްރެޖަރު ކައިރިކޮށްފައި އޮތީ ބިން ހިއްކަން ފެށުމަށް ފަޅު ތެރެއިން ހިއްކާފައި ކުޑަ ވެލި ފުންޏެއް ކައިރީގަ އެވެ.
އެއީ ރާއްޖޭގައި މިހާތަނަށް ތަރައްގީ ކުރާ އެންމެ ބިޔަ ސިޓީގެ ފުރަތަމަ ވެލިކޮޅެވެ.
އެތަނުގައި ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދިޔައިރު ކައިރީގައި އޮތް ބޮޑު ޑްރެޖަރަކީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ "ފިލީޕޯ ބްރޫނެލޭޝީ" އެވެ. މިއީ އެމްޓީސީސީން މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި ޑްރެޖަރެކެވެ.
ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާމިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.
ޖުމްލަ 8 މަސް ތެރޭގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރު ބިން، އެ ޑްރެޖަރުން ހިއްކާނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި، އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ.
ފުށިދިއްގަރުފަޅު ހިއްކާ ޑްރެޗަރު: ޑްރެޗަރަކީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ "ފިލީޕޯ ބްރޫނެލޭޝީ" - ފޮޓޯ: މިހާރު
"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން، ރަސް އެންމެ ބޮޑު ބިން. މި ތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ. ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށަނީ،" ފުށިދިއްގަރުފަޅުގައި ތަރައްގީގެ ކުރާ ސިޓީގެ ނަން އިއުލާން ކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މަޝްރޫއު ރައީސް ފައްޓަވައި ދެއްވުމާ އެކު، ބިން ހިއްކުމުގެ މަސައްކަތް "ފިލީޕޯ ބްރޫނެލޭޝީ" އިން ފެށި އެވެ. މަސައްކަތް ހަވާލު ކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެވެ. މިއީ ތިލަފުއްޓާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ވެސް ހިންގި ކުންފުންޏެވެ. ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ ބޮސްކާލިސް އަކީ ސީއެމްސީސީގެ ޕާޓްނަރެވެ.
ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު މިއަދު އެ ސަރަހައްދަށް ދަތުރުފުޅު ކުރެއްވި ލޯންޗާ އެކު ބޮޑުބެރާއި ސަގާފީ ނެށުންތަކުގެ ހުށަހެޅުންތަކާ އެކު ދޯނި ފްލީޓެއް ވެސް ފަޅުތެރެއަށް ވަނެވެ. ފަޅުގައި ބާއްވާފައި އޮތް ބާޖަށް އެ މަނިކުފާނު އަރާވަޑައިގެންނެވިއިރު، ސަރުކާރުގެ އިސް ހުރިހާ ބޭފުޅުން އެތަނުގައި ތިއްބެވެ.
ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތު އޮތީ އެ ބާޖުގަ އެވެ.
މިދިޔަ މަހުގެ 17 ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒު މިއަދު ހާމަކުރެއްވި ގޮތުގައި 8 މަސް ދުވަހުގެ ބިން ހިއްކުމުގެ މަސައްކަތަށް ފަހު، އެ ބިމުގައި ތަރައްގީ ކުރާނީ "ފެހި، ރައްކާތެރި" ސިޓީއެކެވެ. ބްރޭންޑް ކުރާނީ "މޯލްޑިވްސް އިކޯ ސިޓީ"ގެ ގޮތުގަ އެވެ.
- ޒީރޯ ކާބަން ސިޓީއެއް
- ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު (އިލެކްޓްރިކް އަދި ބެޓަރީ)
- ބޭނުން ކުރާނީ ރިނިއުބަލް އެނާޖީ.
ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވަން ރައީސް ޑރ. މުއިއްޒު މިއަދު . އެ ފަޅަށް ވަޑައިގަންނަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ ތަރައްގީ ކުރާނީ ނަމޫނާ ސިޓީއެއްގެ ސިފައިގައި އެންމެންނަށް ވެސް އުޅެން ފަސޭހަ، ހިތްގައިމު މާހައުލެއް އޮންނަ ސިޓީއެއްގެ ގޮތަށެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އުޅެން ފަސޭހަވާ ގޮތަށް އިންކްލޫސިވް ގޮތްތަކަށް ސިޓީ ތަރައްގީ ކުރަން އިސްކަން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މޯލްޑިވްސް އިކޯ ސިޓީ ވެގެން ދާނީ ހަމައެކަނި ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ނޫން، ހުރިހާ ގޮތަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ހިމެނިގެންދާ އިންކްލޫސިވް ސިޓީއަކަށް. މޮޑެލް ސިޓީއަކަށް މި ތަން އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.
ބިޔަ މަޝްރޫއު, ފުށި ދިއްގަރުފަޅު ހިއްކަން ފެށުން
— Mihaaru (@Mihaarunews) December 18, 2023
ބޯހިޔާވަހިކަމުގެ ބޮޑު ހައްލެއް ހޯދަން ހިންގާ މަޝްރޫއަށް ފުށިދިއްގަރުފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކާނެ. "ރަސްމާލެ" ނަމުގައި ތަރައްގީކުރާ މިތަން މާލޭގެ ތިން ގުނަ ވާނެ.
އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމައި ފްލެޓާއި ގޯތި… pic.twitter.com/vvAzMHM5aJ
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކައިގެން އުފައްދާ ރަށް ވާނީ ރައްކާތެރި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހިއްކާ ސިޓީއަކަށެވެ. ސޭފް އައިލެންޑަކަށް ކަމަށް ވިދާޅުވި އެވެ.
ސޭފް އައިލެންޑެއްގެ ބައިނަލްއަގްވާމީ މިންގަނޑު؛
- މެދަށް ތިން މީޓަރު އުސްމިނަށް ބިން ހިއްކުން.
- އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު ހުންނަ ވަރަށް ބިން ހިއްކުން.
ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.
މާލޭގެ މީހުންނާއި މާލޭގައި ދިރިއުޅޭ އެހެން މީހުންނަށް ވެސް މި ތަނުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ. ހަމަ އެއާ އެކު، ރާއްޖޭގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް ހިޖުރަކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުގެ ތަސައްވުރަކީ ރަސްމާލެ ސިޓީ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިނެނޭ ގޮތަށް ގޯއްޗާއި ފްލެޓް ހިމެނޭ 65،000 ހައުސިން ޔުނިޓް އުފެއްދުމެވެ.
"މާލޭގެ ރައްޔިތުންނަށް މި ޒަމާންވީ ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލަ ތާއަބަދަށް ދާއިމަށް އިރާދަކުރެއްވިއްޔާ ހައްލު ވެގެންދާނެ، ހައްލު ކޮށްދޭނަން މި ތަނުން،" ރައީސް ވިދާޅުވި އެވެ.
ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުށިދިއްގަރަފަޅާއި މާލެއާ ދެމެދު އޮތީ ފުން ކަނޑެކެވެ. ބްރިޖަކުން އެ ތަން މާލެއާ ގުޅާލުމަކީ މި ވަގުތަށް ކުރެވޭނެ ކަމެއް ކަމަށް ސަރުކާރުގެ ފަންނީ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. އެކަމުގެ ވިސްނުމެއް ވެސް ނެތެވެ.
ވިސްނުން އޮތީ ހައި ސްޕީޑް ފެރީގެ ނިޒާމަކުން މާލެ އާއި ރަސްމާލެ ގުޅާލުމަށެވެ. ރައީސް ޑރ. މުއިއްޒު މިއަދު އިއުލާން ކުރެއްވި ގޮތުން މާލެ އާއި ރަސްމާލެއާ ދެމެދު ގާއިމްކުރާނީ ވަރަށް ޒާމާނީ، ސްޕީޑް ބާރު ފެރީގެ ނިޒާމެކެވެ.
"އެކްޕްރެސް ފެރީގެ ނިޒާމް މިހާރު އެބަހުރިި. ކަނޑުގެ އޮއިގަ ނުވަތަ ރާޅުގައި އެހާ ބޮޑަށް އުނދަގޫ ނުވާ ކަހަލަ ލޯންޗު ފަހަރު އެބަހުރި ދުނިޔޭގަ. އެކަހަލަ ހައި ސްޕީޑް ލޯންޗު ގެނައުމަށް އަޅުގަނޑުމެން ނިންމައިފައިވޭ،" ރައީސް ވިދާޅުވި އެވެ.
މާލެއާ ގުޅާލުމުގެ އިތުރުން ރަސްމާލެ އަށް ހާއްސަ އެއާޕޯޓެއް ތަރައްގީ ކުރަން ވެސް ޕްލޭންގައި ވަނީ ހިމަނާފަ އެވެ. ފުށިދިއްގަރުފަޅާ އެންމެ ކައިރިއަށް އޮތް ފަޅު ހިއްކައިގެން އެތަނުގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެ ދެމެދުގައި އޮތް ކުޑަ ކަނޑުއޮޅި ހުރަސްކޮށް ބްރިޖެއް އަޅައި، އެއާޕޯޓާއި ރަސްމާލެއާ ގުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ މި ތަން ތަރައްގީވެގެން ދާނީ ގެދޮރުގެ މަންޒިލަކަށް. ވަޒީފާގެ މަންޒިލަކަށް. އާމްދަނީގެ އަދި ވިޔަފާރީގެ ފުރުސަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މި ތަނަކީ އިންކްލޫސިވް، ފަސޭހައިން އުޅެވޭ ތަނަކަށް ޕްލޭން ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ބިން ހިއްކުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ލޯންޗު ފުށިދިއްގަރުފަޅުން 5:20 ގައި ފުރިއިރު، 5:37 ވީއިރު މާލޭ ފަޅަށް ވަދެއްޖެ އެވެ. ފުށިދިއްގަރުފަޅުން މާލެއަށް ކުރި 17 މިނެޓްގެ އެ ދަތުރުން ފެނުނީ ރާއްޖޭގެ 240،000 މީހުންގެ އާބާދީއެއް އާބާދު ކުރެވޭ ބޮޑު ސިޓީއެއްގެ މަލަމައްޗެވެ.
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ
ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
ބިޔަ މަޝްރޫއަށް ފުށިދިއްގަރު މިއަދު ހިއްކަން ފަށަނީ
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
ހިތު ހުރިހާ ގޮތަކަށް ބަޖެޓާ ކުޅެވިގެން ނުވާނެ!
ވިލިމާލެ-2ގެ ފްލެޓާއި ގޯއްޗަށް ހުޅުވާލައިފި
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
މި ފަހަރު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު