Roadha Mihaaru

އެޗްއައިވީން ރައްކާތެރިކޮށްދޭ އާ ބޭސް މީހުންނަށް ދޭންފަށައިފި

އެއިޑްސް ބަލި ޖައްސާ އެޗްއައިވީ ވައިރަހުން ރައްކާތެރިވާން އުފެއްދި ބާރުގަދަ ބޭސް ފުރަތަމަ ފަހަރަށް އާއްމުކޮށް މީހުންނަށް ދޭން ފަށައިިފި އެވެ.

އެޗްއައިވީން ރައްކާތެރިކޮށްދޭ އާ ބޭސް ދޭންފަށައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

02 ޑިސެމްބަރ 2025

އެއިޑްސް ބަލި ޖައްސާ އެޗްއައިވީ ވައިރަހުން ރައްކާތެރިވާން އުފެއްދި ބާރުގަދަ ބޭސް ފުރަތަމަ ފަހަރަށް އާއްމުކޮށް މީހުންނަށް ދޭން ފަށައިިފި އެވެ.

ލިނަކަޕަވީރް ނަމަކަށް ކިޔާ އެ އިންޖެކްޝަން އާއްމުކޮށް މީހުންނަށް ދޭން ފެށީ ދެކުނު އެފްރިކާ އާއި ޒެމްބިއާ އަދި އެސްވާޓިނީގަ އެވެ.

މި ތިން ގައުމުގެ ތެރެއިން ދެކުނު އެފްރިކާ އަކީ ނިސްބަތުން އެންމެ ގިނަ މީހުން އެޗްއައިވީއަށް ޕޮޒިޓިވްވާ ގައުމެވެ. އެ ގައުމުގެ ބޮޑެތި މީހުންގެ ތެެރެއިން ކޮންމެ ފަސް މީހަކުން އެކަކީ އެޗްއައިވީ ޖެހިފައިވާ މީހެކެވެ.

އަހަރަކު ދެފަހަރު ދޭ އެ އިންޖެކްޝަނަކީ އެޗްއައިވީ އެރުމުގެ ނުރައްކާ 99.9 ޕަސެންޓަށް ކުޑަކޮށްދޭ، ގާތްގަނގަޑަކަށް، ބާރުގަދަ ވެކްސިނަކާ އެއްވަރުގެ ބޭހެއްކަން ދިރާސާއިން ވަނީ އެނގިފަ އެވެ.

އދ.ގެ އެޖެންސީއެއް ކަމަށްވާ ޔުނިޓެއިޑް އިން ފަންޑުކޮށްގެން އުފެއްދި އެ ބޭސް ދިނުމުގެ މަސައްކަތް ދެކުނު އެފްރިކާގައި ކުރަނީ ޔުނިވާސިޓީއެއްގެ ރިސާޗް ޔުނިޓުންނެވެ.

"އެޗްއައިވީން ރައްކާތެރިވާން ލިނަކަޕަވީރް ބޭނުންކުރާ ފުރަތަމަ މީހުން ވަނީ ދެކުނު އެފްރިކާގައި އެ ބޭސް ބޭނުންކުރަން ފަށާފައި. ކޮންމެ ހަ މަހަކުން، އިންޖެކްޝަން ބޭނުންކޮށްގެން ދޭ އެ ބޭސް މެދު އަދި ދަށް ފަންތީގެ އާމްދަނީގެ ގައުމެއްގައި ދިނުން ހަގީގަތަކަށްވި މިއީ ފުރަތަމަ ފަހަރު،" ޔުނިޓެއިޑުން ބުންޏެވެ.

ނަމަވެސް މީހަކަށް އަހަރަކު 28،000 ޑޮލަރު ހަރަދުކުރަން ޖެހޭ އެ ބޭސް ދިނީ ދެކުނު އެފްރިކާގެ ކިތައް މީހުންނަށް ކަމެއް ޔުނިޓެއިޑުން އަދި ހާމައެއް ނުކުރެ އެވެ.

ޒެމްބިއަށް މިދިޔަ މަހު އޭގެ 1،000 ޑޯޒް ލިބުނެވެ. އެއީ އެމެރިކާއިން ހިންގާ ޕްރޮގްރާމެއްގެ ތެރެއިންނެވެ. އަދި އެގައުމުން ވެސް މިހާރު ވަނީ އެ ބޭސް ދޭން ފަށައިފަ އެވެ.