Roadha Mihaaru
ބްލެކްބެރީ ފޯނު މި މަހު "މަރުވާނެ"

ބްލެކްބެރީ ފޯނު މި މަހު "މަރުވާނެ"

02 ޖެނުއަރީ 2022

ބްލެކްބެރީ ފޯނަކީ އެއް ޒަމާނެއްގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ބްރޭންޑެކެވެ. އެކަމަކު މިހާރު އެ ޒަމާން މާޒީވެ، އޭގެ މަތިން ހަނދާން ހުރި މީހުން ވެސް ތިބި ކަމެއް ނޭނގެ އެވެ. ބްލެކްބެރީ ފޯނުގެ އާ ވާހަކައަކަށް މިހާރު އޮތީ އެ ބްރޭންޑްގެ ފޯނު އެއްކޮށް ހުއްޓުމަކަށް ގެންނަން ނިންމި ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބްލެކްބެރީ ފޯނަކީ އެއް ޒަމާނެއްގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ބްރޭންޑެކެވެ. އެކަމަކު މިހާރު އެ ޒަމާން މާޒީވެ، އޭގެ މަތިން ހަނދާން ހުރި މީހުން ވެސް ތިބި ކަމެއް ނޭނގެ އެވެ. ބްލެކްބެރީ ފޯނުގެ އާ ވާހަކައަކަށް މިހާރު އޮތީ އެ ބްރޭންޑްގެ ފޯނު އެއްކޮށް ހުއްޓުމަކަށް ގެންނަން ނިންމި ވާހަކަ އެވެ.

ކެނެޑާގެ ކުންފުނި، ބްލެކްބެރީން ބުނި ގޮތުގައި މި މަހުގެ 4 އިން ފެށިގެން ބްލެކްބެރީ ފޯނުތައް އެއްކޮށް "ބަންދުވާނެ" އެވެ. އޭގެ މާނައަކީ ޖެނުއަރީ 4 ގެ ފަހުން ބްލެކްބެރީގެ ފޯނުތަކުން އިމަޖެންސީ ކޯލް ހިމެނޭ ގޮތަށް ކޯލް ކުރުމާއި މެސެޖް ފޮނުވުމާއި ޑޭޓާ ލިބުމާއި ސޮފްޓްވެއާ އަޕްޑޭޓްތައް ލިބުން ހުއްޓޭނެ އެވެ.

ބްލެކްބެރީގެ ފޯނުތައް "ކަފުންކޮށް ވަޅުލާ" ތާރީހަކަށް ޖެނުއަރީ 4 ހަމަޖެއްސި އިރު، މީގެ ކުރިން ވެސް މި ބްރޭންޑްގެ ފޯނުތައް ހުއްޓާލުމުގެ ވާހަކަތައް އެކި ދުވަސްވަރު ދެކެވިފައިވެ އެވެ. އެގޮތުން މީގެ ފަސް އަހަރު ކުރިން ވެސް ބްލެކްބެރީ ފޯނު އުފެއްދުން ހުއްޓާލުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެންމެ ފަހުން ބްލެކްބެރީ ފޯނު މި މަހުން ފެށިގެން "ވަޅުލަން" ނިންމީ އެއަށް މިހާރު ސްމާޓްފޯނުގެ ވިޔަފާރީގައި ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. މިހާރު ބޮޑެތި އެހެން ކުންފުނިތަކާ އެކު މި ވިޔަފާރީގެ މާކެޓް ވަރަށް ވާދަވެރި އެވެ. އޭގެ ތެރެއިން އެންމެ ނަގާކިޔާ ބަޔަކީ މިހާރު އެމެރިކާގެ އެޕަލް އާއި ދެކުނު ކޮރެއާގެ ސެމްސަންގް އެވެ. އަނެއްކޮޅުން ޗައިނާގެ ޝޯމީ އާއި އޮޕޯ އާއި ވާވޭ ފަދަ ބްރޭންޑްތަކަކީ ވެސް މިހާރު ސްމާޓްފޯނުގެ މާކެޓްގައި ވަރަށް ވާދަވެރި ކުންފުނިތަކެވެ.

"ބްލެކްބެރީ ފޯނު ހުއްޓާލާ އިރު، އަހަރެމެންގެ ލޯޔަލް ކަސްޓަމަރުންނާއި ވިޔަފާރީގެ ޕާޓްނަރުންނަށް މި ދަނޑިވަޅުގައި ޝުކުރު ވެސް އަދާކުރަން." ބްލެކްބެރީން ބުންޏެވެ.

މި ފަހުން ވާދަވެރި މާކެޓްގައި ހިފަހައްޓާ ނުލެވިގެން ސްމާޓްފޯނުގެ ވިޔަފާރި ހުއްޓާލި އަނެއް ކުންފުންޏަކީ މިދިޔަ އަހަރުގެ ކުރީކޮޅު އެކަން އިއުލާންކުރި ދެކުނު ކޮރެއާގެ އެލްޖީ އެވެ.