Roadha Mihaaru

ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބިއްޖެ

ދެކުނު އިންޑިއާގެ އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ ތަރި ކްރިތީ ސެނޮންގެ އާ ފިލްމު "ތެރޭ އިޝްގް މޭ"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް

ދެކުނު އިންޑިއާގެ އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ ތަރި ކްރިތީ ސެނޮންގެ އާ ފިލްމު "ތެރޭ އިޝްގް މޭ"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 28 ގައި ރިލީޒްކުރި އެ ފިލްމަށް ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 101.15 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. އޭގެ ތެރެއިން 92.65 ކްރޯޑް ރުޕީސްއަކީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން ލިބުނު އާމްދަނީ އެވެ.

"ތެރޭ އިޝްގް މޭ"އަކީ 95 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ލޯބީގެ ފިލްމު "ތެރޭ އިޝްގް މޭ"އަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންނައިރު، ދަނުޝް ކުޅުނު ބޮލީވުޑްގެ ފުރަތަމަ ފިލްމު ކަމަށްވާ "ރާޖަނާ"އަށް ވުރެ ބޮޑު އާމްދަނީއެއް ލިބުމާ ގާތަށް މިހާރު މި ފިލްމު ވަނީ ގޮސްފަ އެވެ. "ރާޖަނާ"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި މުޅި ޖުމްލަ ލިބުނީ 105 ކްރޯޑް ރުޕީސް އެވެ. އޭގެ ތެރެއިން 60.22 ކްރޯޑް ރުޕީސް އަކީ އިންޑިއާގެ ބޮކްސް އޮފީހުން ލިބުނު އާމްދަނީ އެވެ.

ދަނުޝްގެ މި ފިލްމު ވެސް ޑައިރެކްޓުކުރީ "ރާޖަނާ"ގެ މަސައްކަތްކުރި އަނަންދު އެލް ރާއީ އެވެ.

"ތެރޭ އިޝްގް މޭ"އަށް ގިނައިން ލިބިފައި ވަނީ ވެސް ޕްޒޮޓިވް ރިވިއުސްތަކެވެ.

ކްރިތީ އާއި ދަނުޝް އެކުގައި ކުޅުނު ފުރަތަމަ "ތެރޭ އިޝްގް މޭ"ގައި ދައްކަނީ ކޮލެޖް ޔޫނިއަންއެއްގެ ވެރިއަކަށް ހުންނަ ތަންކޮޅެއް ރުޅިގަދަ މީހަކާއި އެ ކޮލެޖުގައި އުޅޭ މަޑުމައިތިރި އަންހެނަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެވެ.