Roadha Mihaaru

ގެޔަށް ނަމެއް ދޭން އުޅެނިކޮށް އެވީ "ހިތްހަލާކު"!

މަރްހޫމް ކައިރު ޅަތުއްތު (ކައިރޭ) ބޭނުންވީ އޭނާގެ ގެޔަށް "ހިތްހަލާކު" ކިޔާށެވެ. އެކަމަކު އެ ނަން ފާސްކޮށް ނުދިނެވެ. ގެޔަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ނުވާތީ ކަމަށް ބުނެ އެވެ. ކައިރޭ ދެން ހެދީ މާ މޮޅު ރޮކެޓެކެވެ. އޭނާ ހުށަހެޅީ އެގެޔަށް "ބްރޯކަންހާޓް" ކިޔާށެވެ. އެއީ "ހިތްހަލާކު" ގެ އިނގިރޭސި މާނަކަމެއް އެ ބޭފުޅުންނަށް ނޭގުނީ ކަމެއް ނުވަތަ ދިވެހި ބަހުން ހިތްހަލާކޭ ބުނީމާ އެހުންނަ ގޮތެއް އިނގިރޭސީން ބްރޯކަންހާޓޭ ބުނީމާ ނުހުންނަނީ ކަމެއް ނޭގެ އެވެ. މި ފަހަރު ވަރަށް ފަސޭހައިން އެ ނަން ފާސްވެއްޖެ އެވެ. އެހެން ބަޔަކަށް ދިމާވި ހަމަ އެފަދަ ކަމެކެވެ. އެ މީހުން ހުށަހެޅީ ގެޔަށް "ގަނޑުވަރު" ކިޔާށެވެ. ފާހެއް ނުވި އެވެ. އެކަމަކު "ޕެލަސް" ކިޔަން ހުށަހެޅުމުން ރަޖިސްޓަރީ ކޮށްދިނެވެ.

ގެޔަށް ނަމެއް ދޭން އުޅެނިކޮށް އެވީ "ހިތްހަލާކު"!
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

05 ޑިސެމްބަރ 2025

މަރްހޫމް ކައިރު ޅަތުއްތު (ކައިރޭ) ބޭނުންވީ އޭނާގެ ގެޔަށް "ހިތްހަލާކު" ކިޔާށެވެ. އެކަމަކު އެ ނަން ފާސްކޮށް ނުދިނެވެ. ގެޔަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ނުވާތީ ކަމަށް ބުނެ އެވެ. ކައިރޭ ދެން ހެދީ މާ މޮޅު ރޮކެޓެކެވެ. އޭނާ ހުށަހެޅީ އެގެޔަށް "ބްރޯކަންހާޓް" ކިޔާށެވެ. އެއީ "ހިތްހަލާކު" ގެ އިނގިރޭސި މާނަކަމެއް އެ ބޭފުޅުންނަށް ނޭގުނީ ކަމެއް ނުވަތަ ދިވެހި ބަހުން ހިތްހަލާކޭ ބުނީމާ އެހުންނަ ގޮތެއް އިނގިރޭސީން ބްރޯކަންހާޓޭ ބުނީމާ ނުހުންނަނީ ކަމެއް ނޭގެ އެވެ. މި ފަހަރު ވަރަށް ފަސޭހައިން އެ ނަން ފާސްވެއްޖެ އެވެ. އެހެން ބަޔަކަށް ދިމާވި ހަމަ އެފަދަ ކަމެކެވެ. އެ މީހުން ހުށަހެޅީ ގެޔަށް "ގަނޑުވަރު" ކިޔާށެވެ. ފާހެއް ނުވި އެވެ. އެކަމަކު "ޕެލަސް" ކިޔަން ހުށަހެޅުމުން ރަޖިސްޓަރީ ކޮށްދިނެވެ.

ރާއްޖޭގައި ގޭގެޔަށް ނަން ދިނުމަކީ އޭގެ ފަހަތުގައި ހެއްވާ މަޖާ އެކި ކަހަލަ ކަންކަން އެކުލެވޭ، އޭގެ ޒާތުގައި ބޮޑު ސަގާފަތެކެވެ. ގޭގެޔަށް ނަން ކިޔުމަކީ، އާއްމުކޮށް ކުރިއާލާ އެކަމާ އުޅެގެން، ކަމުވޮށިގެންވާ މީހުން ކުރެން އަހައިގެން ރީތި ނަމެއް ހޯދައިގެން ކުރާ ކަމެކެވެ. މާލޭގައި އުޅުނު މީހަކަށް ވިލިމާލޭން ގޯއްޗެއް ލިބިގެން އެ އަވަށަށް ހިޖުރަ ކުރަން ގެޔަށް ކިޔާނެ ނަމެއް ހޯދަން މީހެއް ކައިރީ އެހުމުން ބުނީ "ހިޖުރަ" ކިޔުމަށެވެ. ބައެއް ފަހަރު ގެޔެއް ނުލިބެނީސް ވެސް ކިޔާނެ ނަމެއް ހިތުލައިގެން ތިބެ އެވެ. އަނެއް ބައި ފަހަރު މާބޮޑު ވިސްނުމެއް ނެތި، ލިބުނު ނަމެއް ކިޔާލަނީ އެވެ.

އެންމެ ކުރިއަށް ބަލާއިރު ގޭގެޔަށް ނަން ދެނީ ގެ ހުންނަ ހިސާބަކާ ގުޅުވައިގެން، ނުވަތަ އެ ގޭގައި އުޅޭ މީހަކަށް ނިސްބަތްކޮށް، ނޫނީ އެ ގެއެއްގައި ކުރާ މަސައްކަތަށް ބަލައިގެންނެވެ.

މުންނާރުދޮށުގެ އަށް އެނަން ކިޔުނީ ހުކުރު މިސްކިތު މުންނާރު ކައިރިން ލިބުނު ގޯއްޗެއްގައި އެޅި ގެޔަކަށް ވާތީވެ އެވެ. މެދުޒިޔާރަތްދޮށުގެ އެ ނަން ދެވުނީ ވެސް އެ ސަބަބާ ހުރެ އެވެ. މައިޒާންދޮށުގެ ކިޔަނީ، ހެންވޭރު މައިޒާން ކުރިމައްޗަށްވާ ގޮތަށް ހުންނަ ގެޔަކަށް ވާތީވެ އެވެ. މަޝްހޫރު ސިއްކަގެ އަކީ، އޭރު ދައުލަތުގެ ފަރާތުން ސިއްކަ ޖެހުމުގެ މަސައްކަތް ހަވާލު ކޮށްފައި އޮންނަ ގެޔެވެ. މީރުބަހުރުގެ އަށް އެ ނަން ދިނީ އޭރު ރާއްޖޭގެ މީރުބަހުރުގެ މަގާމުގައި ހުންނެވި މުހައްމަދު އިސްމާއީލް ދީދީގެ ރަސްމީ މަގާމާ ގުޅުވަ އެވެ.

ގޭގެޔަށް ނަން ދިނުމުގައި އޭރު އޮތް އަނެއް އުސޫލަކީ، އެ މީހެއްގެ އާއިލީ ރަށާ ގުޅުވައި ނަން ކިޔުމެވެ. ކުޅަދާނަ އަދީބު ފަޟީލަތުއްޝައިހު ހުސެއިން ސަލާހުއްދީނުގެ މައިފުނަގެޔަށް ދަރަވަންދޫގެ ކީ، އެ މަނިކުފާނުގެ އާއިލާ ބ. ދަރަވަންދު އަށް ނިސްބަތް ވާތީވެ އެވެ. އެންދެރިމާގޭ ބޭފުޅުންގެ މައިފުނަގެޔަށް ތުޅާދޫގެ ކިޔަނީ އެ ބޭފުޅުންގެ އާއިލާއާ އެ ރަށާ އޮތް ގުޅުމެއްގެ ސަބަބުންނެވެ. ނޮވެލްޓީ ޗާޕުހާނާގެ ވެރިޔާ މަރްހޫމް އަލީ ހުސެއިން އޭނާގެ ގެޔަށް ވާރޭ ވިލާ، އެ ނަން ދެއްވީ އުފަން ރަށް މ. ވާރެޔާފުށްޓަށް ނިސްބަތް ކުރައްވަ އެވެ. މަޝްހޫރު އަދީބު އަބްދުﷲ ސޯދިގު (ސޯދުބެ) ގެ ގެޔަށް އާމުލީގެ ކީ، އޭނާގެ އުފަން ރަށް މ. މުއްޔާ ގުޅުވައިގެންނެވެ.

އިހުގެ މުލިއާގެ ނުވަތަ ހެންވޭރު ގަނޑުވަރު: މި ގޭގެ ނަން ގުޅެނީ މ. އަތޮޅު މުއްޔާ.

އިހުގެ މުލިއާގެ ނުވަތަ ހެންވޭރު ގަނޑުވަރު: މި ގޭގެ ނަން ގުޅެނީ މ. އަތޮޅު މުއްޔާ.

މުއްޔާ ގުޅުވައިގެން ނަން ދީފައިވާ އެންމެ ހާއްސަ ގެޔަކީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެ އެވެ. މ. މުލީ މުހައްމަދު މަނިކު މާލޭގައި ދިރިއުޅުއްވަން ދަނޑިފަނުން އެޅުއްވި އެ ގެކޮޅު، މުލީ ދޮން ހަސަން މަނިކުފާނު (ދޮން ބަންޑާރައިން) އަށް މަންމަ ފުށުން ވާރުވަތެ އެ ގޮތުގައި ގޮސް އިބްރާހިމް ނޫރައްދީނަށް ހިބައިން މިލްކުވެ އަދި އޭނާގެ ދަރިކަލުން މުހައްމަދު ޝަމްސުއްދީނަށް ވާރުތައިން ލިބިވަޑައިގެންނެވީ އެވެ. ހެންވޭރު ގަނޑުވަރުގެ ގޮތުގައި އޭރު މަޝްހޫރުވި އެ ގެ މިހާރު މި ފެންނަ މުލީއާގޭގެ ގޮތުގައި ބިނާކުރެއްވީ ޝަމްސުއްދީނުގެ ރަސްކަމުގައި، އެ ރަދުންގެ ދަރިކަލުން ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީން ދިރިއުޅުއްވާށެވެ.

ގެ ހުންނަ އަވަށާ ގުޅުވައިގެން ނަން ދިނުމަކީ ވެސް އެއް ޒަމާނެއްގައި އޮތް ސަގާފަތެކެވެ. އޭގެ ތެރޭގައި ހެންވޭރުގެ، ގަލޮޅުގެ، މައްޗަންގޮޅީގެ، މާފަންނުގެ، މާފަންނު ވިލާ، އަތިރީ މާފަންނުގެ (މިހާރުގެ ތީމުގެ) ހިމެނެ އެވެ. އެކަމަކު އޭގެ ތެރެއިން ގަލޮޅުގެ ހުންނަނީ ހެންވޭރުގަ އެވެ. ބެލެވޭ ގޮތުގައި ގަލޮޅުގެ ބޭފުޅަކަށް ހެންވޭރުން ބިމެއް ލިބުމުން އެ ނަން ދެއްވީ އެވެ.

ގޭގެޔަށް ނަން ދިނުމުގައި 1970ގެ އަހަރުތަކުގައި ހިނގި އެންމެ މަޝްހޫރު ފޯވައްސަކީ މިސްރުގެ ސަހަރުތަކުގެ ނަން ދިނުމެވެ. އެކަން ހިނގީ އޭރު މިސްރުން ކިޔަވާވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގެ އެވެ.

ފަޟީލަތުއްޝައިހު މޫސާ ފަތުހީގެ ގެޔަށް ދެއްވީ މިސްރުގެ މަޝްހޫރު އަހުރާމުތައް ހުންނަ ޖީޒާގެ ނަމުންނެވެ. ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ ގެޔަށް ކީ، މިސްރުގެ މަޝްހޫރު ނީލަ ކޯރަށް ނިސްބަތް ކުރައްވައި ނީލް ވިލާ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު ޝެއިޚް ހުސެއިން އަބްދުއްރަހްމާންގެ ގެޔަށް ދެއްވީ ދެއްވީ މިސްރުގެ މަޝްހޫރު ޕޯޓްސިޓީ ދިމްޔާތުގެ ނަމެވެ. ޝެއިޚް އިބްރާހީމް ރަޝީދު މޫސާގެ ގެޔަށް ދެއްވި ނަމަކީ ދައްރާސާ އެވެ. ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ގެޔަށް ދެއްވީ މިސްރުގެ މަޝްހޫރު ފުޓްބޯޅަ ޓީމު ޒަމާލިކާ ގުޅުވައި އެ ނަމެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ޓީމު އެސްޓަން ވިލާ އަށް ނިސްބަތްކޮށް ވެސް މާލޭގެ ގެޔަކަށް ނަން ދީފައިވެ އެވެ. އެ ގެޔަށް އެ ނަން ދެއްވީ މިސްރުގައި ކިޔަވައި ވިދާޅުވި އެކަމަކު އިނގިރޭސި ފުޓްބޯޅަ އޭރު ގަވާއިދުން ބެއްލެވި، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ ކްލަބަކީ އިނގިރޭސި ވިލާތުގެ ބާމިންހަމްގައި އޮންނަ އެސްޓަން ސަރަހައްދުގެ ކްލަބެވެ. ޔޫރަޕުގެ ވަރަށް ގިނަ ސިޓީތަކުގެ ނަން ރާއްޖޭގައި ގޭގެޔަށް ދީފައި ހުރެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ލިވަޕޫލް، ސްޕެއިނުގެ ވެލެންސިއާ، އިޓަލީގެ މިލާން، އަދި ޓިއުރިން ހިމެނެ އެވެ.

ބައެއް މީހުން ގެޔަށް ނަން ކިޔުމުގައި އަމިއްލަ ނަމާ ވެސް ގުޅުވާލަ އެވެ. މަޝްހޫރު ތާރީހު އިލްމުވެރިޔާ އަހުމަދު ޝަފީގު، އޭނާގެ ގެޔަށް ދެއްވީ ޝަފީގުގެ އެވެ. އޭނާގެ އަނެއް ގެޔަށް ދެއްވީ ޝަފީގީ ހިޔާ އެވެ. މީގެ އިތުރުން އަހުމަދީ އާބާދު، މުހައްމަދީ އާބާދު، މުސްތަފާ އާބާދު، ފައިސަލްއާބާދު، ޚޫރުޝީދުއާބާދު، ހަމީދީމަންޒިލް، ހުމައިރާ މަންޒިލް މިއީ ވެސް ފާހަގަކުރެވޭ ނަން ނަމެވެ.

މަރްހޫމް ކައިރޭ: އޭނާގެ ގެޔަށް ނަން ދިން ގޮތް އޭރުގެ މަޝްހޫރު ވާހަކައެއް.

މަރްހޫމް ކައިރޭ: އޭނާގެ ގެޔަށް ނަން ދިން ގޮތް އޭރުގެ މަޝްހޫރު ވާހަކައެއް.

ހަސަން ފަރީދުގެ ދައުރުގައު މާލޭގެ ގަނޑުވަރުތައް އުވާލެއްވުމުން، އެ ގޭގެ އަށް ނަން ކިޔުނީ ގަނޑުވަރުގެ ނަމާ ގުޅުވަ އެވެ. އެގޮތުން އެސްޖެހި ގަނޑުވަރު ފަހުން އެއީ އެސްޖެހިގެ އެވެ.

މާލޭގައި ގެ ބަހައިގެން އަލަށް އިތުރު ކުރެވޭ ބަޔަށް ނަން ދިނުމަކީ ވެސް އޭގައި ތަފާތު ސައެންސެއް އެކުލެވޭ ކަމެކެވެ. އެންމެ ކުރިން ނަމަ އެގޮތަށް އިތުރުކުރެވޭ ބަޔަށް ކިޔަނީ އެ ގޭގެ އަސްލު ނަން ލާފައި ފަހަތަށް އާގެ އެވެ. މިސާލަކަށް ދިއްގާމާގޭގެ އަނެއް ބަޔަކީ ދިއްގާމާގެއާގެ އެވެ. ކަކާގޭގެ އާ ގެޔަކީ އާކަކާގެ އެވެ. ބައެއް ފަހަރު އިރުމަތީ ބަޔާއި ދެކުނު ބައި، މިއީ ވެސް ވަކިކުރަން ދޭ ނަންނަމެވެ. އެހެން ނަން ދެނިކޮށް ހެއްވާ ނަން ވެސް ކީފައި ހުރެ އެވެ. މިސާލަކަށް ބިހުގޭ އިރުމަތީ ބަޔަށް ކިޔަނީ ބިހުގެއިރުމަތީބަޔެވެ. އެކަމަކު މިހާރު ބޮޑަށް އޮންނަނީ، ނަމްބަރު ދިނުމެވެ. ނުވަތަ ގުޅޭ ނަމެއް ދިނުމެވެ. މިސާލަކަށް ވައިޖެހޭގޭ ބައިތަކަށް ކިޔަނީ ވަޔާ ގުޅޭ އެކި ނަންނަމެވެ.

މާލޭގައި ނަންތައް ދާދި އެއްގޮތް ގޭގެ ވެސް ވަރަށް ގިނަ އެވެ. އޭގެ ސަބަބުން ބޮޑެތި އޮޅުންތައް ވެސް އަރަ އެވެ. ނަންރީތި ގެޔާއި ނަންރީތިމާގެ އެވެ. ސަމާބުލޫ އާއި ސަމަރުބުލޫ އެވެ. އެގޮތަށް އޮޅުން އަރައި ހެންވޭރު ޝުއޭޒަށް ފޮނުވާ ހަދިޔާފޮށިގަނޑު މާފަންނު ޝުއާޒަށް ވެސް ލިބިފައި ހުރެ އެވެ. ކުރިން އެކަން ބޮޑެވެ. އެއީ އެކި އަވަށް އަވަށުގައި އެއް ނަން ކިޔާގެ ހުރުމެވެ. އެކަމަކު ފަހުން އެ އުސޫލު ބަދަލުކުރި އެވެ. އެންމެ ފާހަގަކުރެވެނީ މާފަންނު އެތުމާގެ އާއި މައްޗަންގޮޅީ އެތުމާގޭގެ ތެރެއިން އެ ނަން ދަމަހައްޓާނެ ގެޔެއް ނަގަން ބޭއްވި ގުރެވެ. ގުރުއަތުން ނަސީބު ލައްވާލީ މައްޗަންގޮޅީ އެތުމާގެ އަށެވެ. އެހެންވެ މާފަންނު އެތުމާގޭގެ ނަން ބަދަލުވީ ރީހުއްސަބާ އަށެވެ.

އެންމެ ކުރިން އެ މީހަކާ ކުރާ މަސައްކަތަށް ނުވަތަ ނަމަށް ބަލައި ގޭގެ ނަން ދިނަސް، ފަހުން މީހާ މަޝްހޫރުވަނީ ގޭގެ ނަމާ ގުޅުވަ އެވެ. ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މޫސާ މަނިކު (ކުޑަމޫސަ) ގެ ނަމުގެ ކުރިއަށް އިތުރުވާ މޯނިންސަން އަކީ އޭނާގެ އެޑްރެހެވެ. މަރްހޫމް އަބްދުﷲ ރަޝީދަށް ޖޫލޭ ކިޔަނީ އޭނާގެ ގޭގެ ނަން ޖޫލިއަޓްއާ ގުޅުވަ އެވެ. މުހައްމަދު ރަޝީދަށް ރެޖީނާ މޮހޮދޭ، އިބްރާހީމް ރަޝީދަށް އަންދަރޭ، އަދި މުހައްމަދު ހަލީމަށް އެފޯނިއަމް ކިޔަނީ ވެސް ގޭގެ ނަމާ ގުޅުވައިގެންނެވެ.

ބައެއް ފަހަރު އިރުމަތީ ބަޔާއި ދެކުނު ބައި، މިއީ ވެސް ވަކިކުރަން ދޭ ނަންނަމެވެ. އެހެން ނަން ދެނިކޮށް ހެއްވާ ނަން ވެސް ހުރެ އެވެ. މިސާލަކަށް ބިހުގެ އިރުމަތީ ބަޔަށް ކިޔެނީ ބިހުގެއިރުމަތީބަޔެވެ.

ބައެއް ފަހަރު އެގެޔަށް ސީދާ ނިސްބަތް ނުވި ނަމަވެސް، އެ ގެޔަށް ދިރިއުޅޭތީ ވެސް ގޭގެ ނަމުން މަޝްހޫރު ވެފައި ވެ އެވެ. މުހައްމަދު ރަޝީދަށް، ހިޔަލީ ކިޔަނީ ހެންވޭރު ހިޔަލީގައި ކިޔަވަން ހުރީތީވެ އެވެ. ރަތްބަގީޗާގޭ ދޮހުއްތު އަށް އެ ނަން ކިޔަން ފެށުނީ އެ ގޭގައި އުޅުނު އިރެވެ. ފަހުން އަމިއްލަ ގެޔެއް ލިބި ބަދަލުވީ ނަމަވެސް، އޭނާގެ ނަމަކީ ހަމަ ރަތްބަގީޗާގޭ ދޮހުއްތު އެވެ. މަރްހޫމް އިބްރާހިމް ޝިހާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވިއިރު، ޖަލްސާއެއްގައި އެ މަނިކުފާނުގެ ތައާރަފުގައި، ކުރިން ފުރުއްވި އެގްރިކަލްޗަރު މިނިސްޓަރުގެ މަގާމު ގެންނެވުމުން ސަމާސާއަކަށް ވިދާޅުވީ "ތިމަންނާ އަކީ މިހާރު ރަތްބަގީޗާގޭ ދޮހުއްތު" ކަމަށެވެ.

ގޭގެޔަށް ތަފާތު ނަން ދިނުމަކީ ބައެއް އެހެން ގައުމުތަކުގައި ވެސް ހާއްސަކޮށް ރަށްފުށުގައި އާއްމު ކަމެކެވެ. އެކަމަކު ބޮޑެތި ސިޓީތަކުގައި އާއްމުކޮށް ދެނީ ނަމެއްގެ ބަދަލުގައި ނަމްބަރެކެވެ. މަގުގެ ނަމްބަރާއި ބްލޮކުގެ ނަމްބަރު އެކުލެވޭހެންނެވެ. މިސާލަކަށް، އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގޮޅަކީ ޑައުނިން ސްޓްރީޓުގެ 10 ނަމްބަރު ގެޔެވެ. އެހެންވެ އެއީ "ޑައުނިން ސްޓްރީޓް 10" އެވެ.

ރާއްޖޭގައި ވެސް މިހާރު އިމާރާތް ކުރަމުން އަންނަ އެޕާޓްމަންޓް ބްލޮކްތަކާއި ބިލްޑިންތަކުގައި ދީފައި ހުންނަނީ ނަމްބަރުތަކެކެވެ. އެކަމަކު މާމަލާއި މަންޒިލްތަކާއި ވިލާތަކުން ނަން ދީ، ކުލަކުލައިން ހަރުކޮށްފައިވާ ނަން ބޯޑުތަކުން އެ ލިބޭ ހާއްސަ ކަމަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. އެއީ ރާއްޖޭގެ ސަގާފަތުގެ މުހިއްމު ބައެކެވެ.