ސިއްހީ ހިދުމަތް ހޯދުމުގައި ހަމައެކަނި ހޮސްޕިޓަލްތަކަށް ބަރޯސާވާން ނުޖެހޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މާލޭގައި ގާއިމްކުރާ ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
19 ނޮވެމްބަރ 2025
ސިއްހީ ހިދުމަތް ހޯދުމުގައި ހަމައެކަނި ހޮސްޕިޓަލްތަކަށް ބަރޯސާވާން ނުޖެހޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މާލޭގައި ގާއިމްކުރާ ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ.
އެސްޓީއޯގެ ހެޑް އޮފީސް ކައިރީގައި "މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު"ގެ ނަމުގައި ގާއިމްކުރި އެ ސެންޓަރު މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ސެންޓަރުން މައިގަނޑު ތިން ހިދުމަތެއް ދޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ދޭނެ ހިދުމަތަކީ ޖެނެރަލް ޕްރެކްޓިޝަނާ ކްލިނިކް (ޖީޕީ ކްލިނިކް) ގެ ހިދުމަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކްލިނިކަށް ދައްކާ މީހުންގެ ސިއްހީ ހާލަތު ދެނެގަނެ އިތުރު ފަރުވާ ބޭނުންވާ ހާލަތުގައި އެކަމަކާ ގުޅޭ ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފަސޭހަ އިންތިޒާމު އެ ކްލިނިކްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
"މި ސެންޓަރަކީ އާއްމު ސިއްހަތު ރައްކާތެރިކޮށް ކުރިއެރުވުމުގެ އިތުރުން ގައުމީ ފެންވަރުގައި ހިންގޭ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވޭނެ މަރުކަޒެއް. މިގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އަދިވެސް ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ޗައިލްޑް ހެލްތު ކްލިނިކްގައި ކުޑަކުދިންނަށް ވެކްސިން ދިނުމާއި އެ ކުދިން ހެދިބޮޑުވަމުން އަންނަ ގޮތް މޮނިޓާ ކުރުމުގެ ފަސޭހަ އިންތިޒާމްތައް ހަމަޖެހި، އެ ކުދިންގެ ބެލެނިވެރިންނަށް ބޭނުންވާ ކައުންސެލިންގެ ހިދުމަތްތައް ވެސް ފޯރުކޮށްދެވޭނެ،" ހަލީމް ވިދާޅުވި އެވެ.
މާލޭގައި ގާއިމްކުރި އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ރައީސް ބައްލަވާލައްވަނީ --- ފޮޓޯ/ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ރަނގަޅު އާދަތަކަށް މީހުން ހޭލުންތެރިކޮށް، ގައިން ގަޔަށް ނާރާ ބަލިތަކާއި ނަފުސާނީ ދުޅަހެޔޮ ކަމަށް މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އެ ސެންޓަރުން ހިންގާނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާން ބޭނުންވާ މީހުންނަށް އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ސިޔާސަތަކީ ޕްރިވެންޓިވް ހެލްތުކެއާ އަށް ވަރަށް އިސްކަން ދޭ ސިޔާސަތެއް ކަމަށާއި އަދި އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުތައް ގާއިމް ކުރަނީ ވެސް އެ ސިޔާސަތުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެފަދަ އެހެން މަރުކަޒުތައް ވެސް ހުޅުވުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެހެންވެ، މާލެ ސަރަހައްދުގައި އެފަދަ އިތުރު ފަސް ސެންޓަރެއް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެެއީ މާލޭގައި ތިން ސެންޓަރަކާއި ހުޅުމާލޭގައި ގާއިމްކުރާ ދެ ސެންޓަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ފަށަނީ
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި