Roadha Mihaaru
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ

ބިދޭސީންގެ ޑިޓެންޝަން ސެންޓަރު އަލުން ހުޅުވައި، ލިޔުން ނެތް މީހުން ނަގަން ފަށައިފި

07 ޖޫން 2023

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ހާއްސަ ސެންޓަރު އަލުން ހުޅުވައި، އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ނަގަން މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ހާއްސަ ސެންޓަރު އަލުން ހުޅުވައި، އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީން ނަގަން މިއަދު ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއްވެސް ލިޔެކިޔުމެއް ނެތް ނުވަތަ "އަން ޑޮކިއުމެންޓެޑް" ބިދޭސީންތަކެއް މާލޭގެ ޒިކުރާ މިސްކިތް ކައިރިން ވަނީ ނަގައިގެން ޑިޓެންޝަންސް ސެންޓަރަށް ގެންގޮސްފަ އެވެ.

އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމުގެ ކަންކަން މިހާރު ވަނީ ފަށާފައި ކަމަށް ވެ އެވެ. އެ ގޮތަށް ނަގާ އެންމެން ލަސްކުރުމެއް ނެތި އަވަހަށް ފޮނުވާލަން އިމިގްރޭޝަނުން ވަނީ ރާފައިފަ އެވެ.

ބިދޭސީންގެ ޑިޓެންޝަން ސެންޓަރު އަލުން ހުޅުވީ ހުޅުމާލެ 2 ގަ އެވެ.

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވަނީ 2019 ވަނަ އަހަރު ފަށައިފަ އެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ 24,000 ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އަލުން މި ފެށީ އަހަރެއްހާ ދުވަސް ފަހުންނެވެ.

ލިޔެކިޔުންތައް ހެދުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ބިދޭސީންތަކެއް ބައިވެރިވަނީ-- ފައިލް ފޮޓޯ: މިހާރު

ލިޔެކިޔުންތައް ހެދުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި ބިދޭސީންތަކެއް ބައިވެރިވަނީ-- ފައިލް ފޮޓޯ: މިހާރު

މިދިޔަ އަހަރު އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ރާއްޖޭގައި އުޅުނު ބިދޭސީންގެ އަދަދަށް ވުރެ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހިސާބަށް އުޅޭ އަދަދު 33،000 އަށް ވުރެ އިތުރެވެ.

އޭރު ރާއްޖޭގައި އުޅުނީ 63،637 ބިދޭސީން ކަމަށް ވިޔަސް، މިދިޔަ އަހަރުގެ ބޯހިމެނުމުގައި އޮކްޓޫބަރާ ހަމައަށް 97،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށް ދައްކަ އެވެ.

އެއީ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ އަދަދުގެ 65 ޕަސެންޓް ކަމަށް ވާތީ އެ އަދަދު އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ބުނެފަ އެވެ.